މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލުމަށްޓަކައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އާންމުކުރެއްވި ހިތާބުގައި ވިދާޅުވީ މިނިވަން ނޫސްވެރިކަން ފުރިހަމަކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލަކީ އެއް ގާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާ އަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
"މީގެ އިތުރުން ނޫސްވެރިކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން މަގުފަހި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް ފުރިހަމަ ކުރަމުން ދާކަން މިފުރުސަތުގައި ފާހަގަކުރަމެވެ،" ހިތާބުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މުއިއްޒު އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ޒިންމާދާރުކަމާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރާނެ މިނިވަން މާހައުލެއް ރާއްޖޭގައި ޤާއިމުކޮށްދީ، އެ މަގަށް މަސައްކަތްތައް ބައްޓަން ކުރުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެ މިނިވަންކަން ޔަގީންކޮށްދީ ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ، އަމަލީ މަސައްކަތާ ހަމައަށް ދިޔުމުގެ މަގުމަތީ ގައެވެ." ނޫސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދަމުންދާ ކަން ހާމަކުރައްވާ ވިދާޅުވި އެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް މީހުން އަހުލުވެރި ކުރުވުމަށާއި ނޫސްވެރިކަމުގެ ދާއިރާއިން މަތީތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނޫސް މަޖައްލާ ފަދަ ވަސީލަތްތައް ރަޖިސްޓްރީކުރުމަށް މިހާރު ވަރަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށާއި މިބަދަލާ އެކު ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ގިނަވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 265 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފައިވާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބާރު ސްޕީޑްގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރަމުންދާ ކަމަށެވެ.
"މިގޮތުން އަޅުގަނޑުމެންގެ މިވެރިކަމުގައިވެސް 17 ނޫސް މަޖައްލާ ވަނީ ރަޖިސްޓްރީކޮށްދެވިފަ އެވެ." މިނިސްޓަރު ވިދާޅުވި އެެވެ.