ޔޫތު މިނިސްޓްރީ

ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

ޒުވާނުންގެ ދުވަސް މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ. މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކުރިން އެޕްލިކޭޝަން ފުރިހަމަކޮށް ހުށަހަޅާފައިވާ މީހުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

މި އަހަރު ޒުވާނުންގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް

  • ވިޔަފާރިއާއި އިޤްތިޞާދު
  • އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތްދިރުވުން
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން – ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން – ކުޅިވަރުގެ ދާއިރާއިން އާދަޔާއި ޚިލާފް ހުނަރެއްދައްކާފައިވާ ފަރާތަކަށް
  • ފަންނިއްޔާތުގެ ދާއިރާ
  • ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ

އިނާމުތަކަށް ނަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި 18 އަހަރު ފުރި އޮކްޓޫބަރު 22 އަށް 36 އަހަރު ފުރިފައިނުވާ ޒުވާނަކަށްވުން ހިމެނެ އެވެ.

މީގެ އިތުރުން ކުރިމަތިލާ ދާއިރާގައި މަދުވެގެން ފަސް އަހަރު މެދުކެނޑުމެއްނެތި ހިދްމަތްކުރަމުން އައުން ހިމެނެ އެވެ. ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ފަސް އަހަރު ގުނާނީ އުމުރުން 18 އަހަރުވުމަށްފަހު ކޮށްފައިވާ ހިދުމަތްތަކަށެވެ.