ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ދޮގު ބަޔާން ދިން ކަމަށް ސާބިތެއް ނުވި

May 18, 2023

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒުއަށް ކުރި ދައުވާއާއި ގުޅިގެން މައްސަލައިގައި ހިމެނޭ ހަސްމުން ހުލާސާ ބަޔާން އިއްވުން އޮތީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ދައުލަތުގެ ދައުވާއަށް މުއިއްޒު އިންކާރުކުރައްވާފައިވާތީ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވަނީ އެ ބަޔާން ދެއްވީ މުއިއްޒުކަން ޝަރީއަތަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާނުގައިވާ ސޮއި އަކީ މުއިއްޒުގެ ސޮއިކަން ވެސް ތަހުގީގު މެދުވެރިކޮށް ދައުލަތަށް ޔަގީންކޮށްދެވިފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

މިކަން ގާޒީ ފާހަގަކުރެއްވީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމި ގަޒިއްޔާއެއްގައި ލިޔެކިޔުން ހުށަހެޅި ފަރާތުން ހުށަހަޅާ ލިޔުމެއް އަނެއް ހަސްމު އިންކާރުކުރާ ހާލަތުގައި އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ލިޔެކިޔުން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ބުނެފައިވާ އެކަމާ ހަވާލާދީ އެެވެ. އެހެންވެ ދައުލަތުން ބުނާ ބަޔާނުގެ ސައްހަކަން ދައުލަތަށް ކަށަވަރުކޮށްދެވިފައި ނުވާތީ ގާޒީ ވަނީ މުއިއްޒުއަށް ކުރާ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ.

މައްސަލައިގެ ހެކިތައް

މުއިއްޒާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ފަސް ހެކިވެރިން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާގައި ހެކިބަސް ދީފަ އެވެ. އެގޮތުން ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ސެކެޓްރިއޭޓުގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ރައީސް އޮފީހުގެ މިހާރުގެ އަންޑާ ސެކެޓަރީ މޫސާ ފަތުހީ އެވެ. ދެވެނަ ހެކިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަދި މިހާރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމެވެ. އޭގެފަހުން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ހަދީޖާ ފަަރީމާ އަދި ހަތަރުވަނައަށް ރައީސް އޮފީހުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުޝާމް ވަހީދު ހެކިބަސް ދެއްވި އެެވެ. އެންމެ ފަހުން ފަސްވަނަ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދެއްވީ ހައުސިން މިިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް ނިޒާމެވެ.

ދައުލަތުން ފަސް ހެކިވެރިއެއް ހުށަހެޅިއިރު މުއިއްޒު 11 މީހަކު ހެކީގެ ގޮތުގައި ހުށަހެޅުއްވި އެވެ. މުއިއްޒުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި އާބިޓްރޭޝަނަށް ދިން ކަމަށް ބުނާ ބަޔާނުގައި ކޮށްފައިވާ ސޮޔަކީ މުއިއްޒުގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ހުށަހެޅި ތިން ހެކިން ވެސް ހިމެނެ އެވެ. ޝަރީއަތުގެ ކުރީގެ އަޑުއެހުމެއްގައި މުއިއްޒުގެ ހެކިވެރިން ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ހެކިވެރިން ވެސް ބަލައިގެންފަ އެެވެ.

ދައުލަތުން މުއިއްޒުގެ ހެކިން ގަބޫލު ނުކުރަން އެދުނީ ތަހުގީގުގެ މަރުހަލާގައި މުއިއްޒު ހަނު ހުންނެވި ކަމަށް ބުނެ އެވެ. ހަނުހުރުމަކީ ހައްގެއް ކަމަށްވީ ނަމަވެސް ހަނު ހުރުމުގެ ސަބަބުން މުއިއްޒުގެ މައްޗަށް މި މައްސަލައިގައި ޝައްކު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައިވެ އެވެ.

މުއިއްޒުއަށް ދައުވާކުރަނީ ކީއްވެ

ނޫމަޑިއާ އެކު ސޮއިކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ ދައުލަތުން ބަދަލު ހޯދުމަށް ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.

އާބިޓްރޭޝަނަށް ހުށަހެޅި އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީކުރަން މެއި 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ.

ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.