ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ހެކިން ބަލައިގަންނަން ކޯޓުން ނިންމައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއިން ދިފާއުވުމަށް މުއިއްޒު ހުށަހެޅި ހެކިތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މޭޔަރު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާގައި މުއިއްޒު ހުށަހެޅި ދިފާއީ ހެކިން ބަލައި ނުގަތުމަށް ދައުލަތުގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ދައުލަތުން މުއިއްޒުގެ ހެކިން ގަބޫލު ނުކުރަން އެދިފައިވަނީ ތަހުގީގުގެ މަރުހަލާގައި މުއިއްޒު ހަނު ހުންނެވި ކަމަށް ބުނެ އެވެ. ހަނުހުރުމަކީ ހައްގެއް ކަމަށްވީ ނަމަވެސް ހަނު ހުރުމުގެ ސަބަބުން މުއިއްޒުގެ މައްޗަށް މި މައްސަލައިގައި ޝައްކު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް މިއަދު ނިންމެވީ ހެކި ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. ގާޒީ ވިދާޅުވީ ހެކި ބަލައިގަންނަން ނިންމާފައި ސަބަބުތައް ތަފްސީލާއެކު ލިޔުމުން ދެ ފަރާތަށް ދޫކުރުމަށްފަހު އާންމު ކުރާނެ ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފަށާ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ގާޒީ ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު ހެކިންގެ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ތިން ހެކިންނަކީ އާބިޓްރޭޝަނަށް ދިން ކަމަށް ބުނާ ބަޔާނުގައި ކޮށްފައިވާ ސޮޔަކީ މުއިއްޒުގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ހުށަހެޅި ތިން ހެކިންނެވެ.

ނޫމަޑިއާ އެކު ސޮއިކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ ދައުލަތުން ބަދަލު ހޯދުމަށް ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.

އާބިޓްރޭޝަނަށް ހުށަހެޅި އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ.

ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.