ޑރ. މުހައްމަދު މުއިއްޒު

ދައުވާ އަށް މުއިއްޒު އިންކާރުކުރައްވައިފި

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުގެ ފަރާތުން މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުމެވެ.

ދައުލަތުގެ ވަކީލް އަހްމަދު ނައުޝާދު މިއަދު ވަނީ ދައުވާ އިއްވާފަ އެވެ. ނަމަވެސް މުއިއްޒުގެ ދިފާއީ ވަކީލް އަހްމަދު ހުޝާމް ވަޖީހު ވަނީ ދައުވާ ސާފު ނުވާ ކަމަށް ބުނެ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރަސްމީ އިދާރާއަކަށް ދޮގު ބަޔާން ދިން ކަމަށް ދައުވާގައި ބުނި ނަމަވެސް ރަސްމީ އިދާރާ އަކީ ކޮބައިކަން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ދައުލަތުން ފާހަގަކުރާ، ބަޔާން ދީފައި ވަނީ މުއިއްޒުތޯ އާއި އެ ބަޔާން ދީފައިވަނީ ނެދަލޭންޑްސްއަށް މުއިއްޒު ވަޑައިގެންތޯ ވެސް ވަނީ ސުވާލު ކުރައްވާފަ އެވެ.

މުއިއްޒުގެ ދިފާއީ ވަކީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ ފޯމުގައި ހުރިހާ ކަމެއް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދައުވާގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް މުއިއްޒު ހިންގަވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ބަޔާނެއް ވެސް ދެއްވާފައި ނުވާނެ ކަމަށެވެ.

ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައި ވަނީ ޑރ. މުއިއްޒު އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ހެކި ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، ހުށަހަޅައި އެއާ މެދު ގޮތެއް ކަނޑައެޅުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މުއިއްޒުގެ ފަރާތްޕުޅުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ކޯޓަށް ސިޓީއެއް ހުށަހަޅައިފައި ވާތީ އެކަމަށް ވެސް ކޯޓުން މިއަދު ވަނީ ގޮތެއް ނިންމާފަ އެވެ. އެގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހުން 18 ވަނަ ދުވަހަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޝަރީއަތުން ވަނީ ހުއްދަ ދީފަ އެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ގާޒީ ވަނީ އިއުލާނުކުރައްވާފަ އެވެ.