ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ދިފާއީ ހެކި ބަލައިނުގަތުމަށް ދައުލަތުން އެދިއްޖެ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއިން ދިފާއުވުމަށް މުއިއްޒު ހުށަހެޅި ހެކިތައް ބަލައި ނުގަތުމަށް ދައުލަތުން ޝަރީއަތުގައި މިއަދު އެދިއްޖެ އެވެ.

ނޫމަޑިއާ އެކު ސޮއިކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ ދައުލަތުން ބަދަލު ހޯދުމަށް ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.

ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބޭ ހައްގެއްކަން ފާހަގަކޮށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނީ ތަހުގީގު މަރުހަލާގައި މުއިއްޒު ހަނު ހުންނެވި ކަމަށާއި އޭގެ ސަބަބުން މުއިއްޒުއަށް އިތުރަށް ޝައްކު ކުރެވޭ ކަމަށެވެ.

މުއިއްޒު އާބިޓްރޭޝަނަށް ދިން ކަމަށް ބުނާ ބަޔާނުގައިވާ ސޮޔަކީ މުއިއްޒުގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ހުށަހެޅި ތިން މީހުންގެ ހެކި ބަލައި ނުގަތުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ޝަރީއަތުގައި މުއިއްޒުގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ދައުލަތުން ހަނު ހުރުމުގެ ހައްގު މާނަކުރަނީ ގޯސްކޮށް ކަމަށެވެ.

ދައުލަތުން ހުށަހެޅި ކަންކަމަށް ގޮތެއް ނިންމުމަށް އަންނަ ހަފުތާގައި އަޑު އެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް މިއަދު ވިދާޅުވި އެވެ.

އާބިޓްރޭޝަނަށް ހުށަހެޅި އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ.

ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.

މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރު ގާތްގަނޑަށް 849 މިލިޔަން ރުފިޔާދީ އެ މައްސަލަ ހައްލުކޮށްފަ އެވެ.