ރާ އްޖޭގެ ވެރިކަމުގައި މިވަގުތު އޮތް އެމްޑީޕީގެ 12 މެންބަރަކު މިވަނީ މީގެ ދެތިން ދުވަސް ކުރިން އެ ޕާޓީން ވަކިވެފަ އެވެ. އެ މެންބަރުންވަކިވެގެން ދިއުމާއި އަދި މިވަގުތު އަޑު އަރާފައިވާ ގޮތުން އެ 12 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ސިޔާސީ އާ ޕާޓީއެއް އުފެއްދުމަށް މިސްރާބު ޖަހާފަ އެވެ. މިކަމުން ރާއްޖޭގެ ސިޔާސީ މަސްރަހު ފުރޮޅިގެންދާނީ ކޮން ގޮތަކަށް ކަމެއް އަދި މުޅިން ސާފެއް ނުވެ އެވެ. އެކަމަކު ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.
ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ޕާޓީ -- އެމްޑީޕީން އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ 12 މެންބަރަކު އަމިއްލަފުޅަށް ވަކިވުމުން މިވަނީ ވަރުގަދަ ބައިވުމަކުން އެ ޕާޓީ ގޮސްފަ އެވެ. އެމްޑީޕީގެ މޭގަނޑު މިވަނީ ލުހިގެން ގޮސްފަ އެވެ.
އެމްޑީޕީން އަމިއްލަފުޅަށް 12 މެންބަރުން ވަކިވީ އެ މެންބަރުންގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އެމްޑީޕީން ވަކިވެފައިވާ ކަމަށް އެ ޕާޓީން ނިންމުމުންނެވެ. އަދި އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުވެސް ކުރުމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި 2004 އިން ފެށިގެން ވާދަވެރި ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމެއް ގެނައުމަށް އެންމެ ޖެހިލުން ކުޑަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދެވެ. އައު ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ކޮންމެ އިންތިހާބެއްގައި 2018 ފިޔަވައި އެމްޑީޕީން ނަޝީދު ވަނީ ވާދަކުރައްވާފަ އެވެ. އަދި 2008ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވައި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫންގެ ފަހަތްޕުޅުން ދެވަނަ ހޯއްދެވި އެވެ. އަދި ދެވަނަ ބުރެއްގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުން ދެވަނައަށް ދިޔަ އެމްޑީޕީ އާއި އެއްގަލަކަށް އަރައި އެ އިންތިހާބު އެމްޑީޕީން ނަޝީދު ކާމިޔާބު ކުރި އެވެ. އެގޮތުން ނަޝީދަކީ އެމްޑީޕީގައި ބޮޑު ތާއީދެއް މިހާތަަނަށް އޮތް ބޭފުޅެކެވެ.
ނަމަވެސް ތިން އަހަރާއި ދެމަސް ދުވަހާއި ދުވަސްކޮޅަކުން ރައްޔިތުންގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވެ އެމަނިކުފާނަށް މުޒާހަރާ އިން ލިބުނު ވެރިކަން އެންމެ 22 އަކަށް ދުވަހަށް ދެމިގެންދިޔަ މުޒާހަރާއަކުން ނިމިގެން ދިޔަ އެވެ. އޭގެފަހުން 2013 ގައި އަނެއްކާވެސް އެމްޑީޕީން ރައީސް ނަޝީދު އެ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ފަހަތްޕުޅަށް އެމްޑީޕީ ފިޔަވައި ރާއްޖޭގެ ސިޔާސީ އެންމެހާ ބޭފުޅުން އެރުމާއެކު ރައީސް ޔާމީން އެފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު، ރައީސް ނަޝީދު 2012 ގައި ފަނޑިޔާރަކު ގާނޫނާއި ޚިލާފަށް ހައްޔަރުކުރުމުން އެމައްސަލާގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައި ނަޝީދު 13 އަހަރަށް ޖަލަށް ލެވުނެވެ. ޖަލުގައި ހުރެމެ ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނަވައި ނަޝީދު 2018 ގައި ވެރިކަމަށް ވާދަކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބު ވެފައެއް ނުވެ އެވެ. އެފަހަރު ޕީޕީއެމާއި ވާދަކުރުމަށް އެމްޑީޕީގެ ފަހަތަށް ދެންތިބި ހުރިހާ ސިޔާސީ ޕާޓީއެއް އަރައި މިހާރުގެ ރައީސް ސޯލިހުގެ ވެރިކަން ގެނަ އެވެ.
އެމްޑީޕީގައި 2018 ގައި ނަޝީދު ކުރެއްވި ސިޔާސީ މަސައްކަތް ފެއިލްވުމުން ސިޔާސީ މައިދާނަށް މިވެރިކަމުގެ ތެރޭގައި އަލުން އެނބުރި ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި މިފަހަރު އެމްޑީޕީން 2023 ގައި ވާދަކުރުމަށް ރައީސް ސޯލިހު ކުރިމަތިލެއްވުމުން އެ ޕްރައިމަރީގައިވެސް ނަޝީދު ވާދަކުރައްވައި ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ.
ނަޝީދުގެ މިހުރިހާ ސިޔާސީ މަސައްކަތަކާއެކު އެމްޑީޕީ ވަނީ ދެބަޔަށް ބެހިގެން ގޮސްފަ އެވެ. އަދި ސިޔާސީ މިކޯޅުމުގެ ތެރޭގައި ނަޝީދަށް ތާއީދުކުރާ ރައްޔިތުންގެ މަޖލީހަށް ނިސްބަތްވާ 12 މެންބަރަކު މިވަނީ ކުއްލި ގޮތެއްގައި ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނިކުންނާނެ ކަމަށް ބުނެފައިވުމުން އެބޭފުޅަކީ ރައީސް ނަޝީދު ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ތެރެއިން 12 މަޖލިސް މެންބަރަކު ވަކިވުމަކީ ނަޝީދުގެ ސިޔާސީ މަސައްކަތުގެ ނަތީޖާ އެވެ. އެމްޑީޕީ ދެބައިވެ އޭގެ ތެރެއިން ދެ ސިޔާސީ ޕާޓީ އެއް މިވަނީ ނުސީދާކޮށް އުފެދިފަ އެވެ. މި ބާރަ މެންބަރުންނާއެކު ނަޝީދަށް ތާއީދު ކުރައްވާ އެތައް ބަޔަކު އެމްޑީޕީން ދަނީ ވަކިވަމުންނެވެ.
މިއީ ރިޔާސީ އިންތިހާބަށް އެންމެ ދެމަހެއްހާ ދުވަހަށް ވެފައިވަނިކޮށް އެމްޑީޕީއަށް އަދި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެންބަރުން އިސްވެ ތިބެ ސިޔާސީ ޕާޓީއެއް ވުޖޫދުކުރާތީވެ މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ނަޝީދު ފެނިގެންދާނެ ކަމަށް މިހާރު ޔަގީނާ ގާތަށް ގަބޫލުކުރެވެ އެވެ. އެހެންކަމުން އެމްޑީޕީގެ ވޯޓްތައް ދެބަޔަކަށް ބެހި ރައީސް ސޯލިހަށް މި އިންތިހާބުގައި އިންތިހާބު ނެފެށެނީސް މިއޮތީ ފުރަތަމަ ނާކާމިޔާބާއި ކުރިމަތިވެވަޑައިގެންފަ އެވެ. މި 12 މެންބަރުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިންވެސް ސަރުކާރު ޖަވާބުދާރީކޮށް ރައީސް ސޯލިހް ޒިންމާދާރުކުރުވުމަށް އާދަޔާ ހިލާފު ވަރުގަދަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޔަގީންކުރެވެ އެވެ.
އަނެއްކޮޅުން ރާއްޖޭގެ އިދިކޮޅު އަދި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް މިވަގުތު އަދި ބޭރަށް ފެންނަ ގޮތުގައި އޮތީ ބަދަހިކޮށެވެ. އެ ޕާޓީން ކޮންމެ ކެންޑިޑޭޓެއް ނިކުމެވަޑައިގަތަސް މިފަހަރު އެބޭފުޅަކަށް ޕީޕީއެމުން ތާއީދުކުރާނެ ކަމަށް ޔާގީނާ ގާތަށް ފެނެ އެވެ. އެ ޕާޓީ ބައިބައިވިޔަ ނުދިނުމަށް މިހާރުވެސް އެ ޕާޓީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިވަގުތުގެ ސިޔާސީ އުދަރެހުން ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީ ބައިބައި ވެފައި، އިދިކޮޅު ޕީޕީއެމުން އަދިވެސް ބަދަހިކޮށް އޮތުމާއެކު، މި އިންތިހާބުގައި ފުރަތަމަ ބުރުގައި އެއްވަނައަށް ޕީޕީއެމް އައުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ވުރެ ބޮޑަށް އޮތުމެވެ. އެފަދަ ހާލަތެއްގައި ޕީޕީއެމްއާ އެކު ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީ ތަކަށް ފުރުސަތު ހުޅުވިގެންދާނެ އެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން މިވަގުތަށް އެންމެ ގާތީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިވަގުތު އިދިކޮޅުގައި އޮތް ޕީޕީއެމް އެވެ.