ރިޔާސީ އިންތިހާބު ބޭއްވުމަށް މިވަނީ އެންމެ ތިން މަހެއްހާ ދުވަހަށް ވެފަ އެވެ. މި އިންތިހާބަށް އަސަރުކުރާނެ ސިޔާސީ މަސްރަހުގައި އެނބުރެމުންދާ ބާރުގަދަ އޮއިވަރާމެދު ފިކުރެއް ހިންގާލުމަކީ ސިޔާސީ މިފަދަ ވަރުގަދަ ޖޫންޖުލައިގެ މޫސުމެއްގައި ގައުމުގެ ހައްގުގައި މުހިންމު ކަމެކެވެ.
ރާއްޖޭގައި ޒަމާނީ މަލްޓި ޕާޓީ "ޑިމޮކްރަސީ އެއް" އުފެދިގެން މިއައީ ބައިނަލްއަގުވާމީ ދުނިޔޭގައި އޮތް ޑިމޮކްރަސީގެ ނުފޫޒާއި، ބާރުގެ އޮއިވަރާއެކު އެވެ. އޭގެ ކުރިން މިރާއްޖޭގައި އޮތީ އެއްޕާޓީ އެއްގެ ދިގު ވެރިކަމެވެ. އެއީ ޑިމޮކްރަސީއާއި ބީރައްޓެހި ވެރިކަމަކަށް ވުމުން މިދެންނެވި އޮއިވަރުގެ ގަދަ ބާރާއެކު އޭރު އޮތް އަމުރުމައުރޫފްގެ ބާރުގަދަ ވެރިކަން ރައްޔިތުން ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ދަމަހައްޓަން އޭރުގެ ސަރުކާރުން މަސައްކަތް ކުރަމުންދިޔައިރު އެވެރިކަން ބަދަލުކުރުމަށް ރާއްޖޭގައި ޑިމޮކްރަސީގެ ނަމުގައި މަސައްކަތް ކުރަމުންދިޔަ ފަރާތްތައް އޮތީ ބޭރުގެ ފަރާތްތަކާއި ވަރުގަދައަށް ގުޅިލާމެހިފަ އެވެ.
ސިޔާސީ މި ބައިވުންތަކުގެ ދެފަރާތުގެ ކޯޅުންތައް ހިނގަން ފެށުމުން ސަރުކާރުން ދިވެހި ގައުމު ހިމާޔަތްކޮށް ރާއްޖޭގެ ކަންކަން ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުގެންދަން ސިޔާސީ މައިދާނުގައި އަނެއްކޮޅުގައި ތިބި ފަރާތްތަކަށް އެތައް އިލްތިމާސެއް ކުރި އެވެ.
ނަމަވެސް ޑިމޮކްރަސީގެ ނަމުގައި ތިބި ފަރާތްތައް ދިޔައީ ރާއްޖޭގެ އެތެރޭގެ ހުރިހާ ކަންކަމަކަށް ބަސްބުނަން ޖާގަދީ ޖާގަ ހުޅުވައި ގައުމިއްޔަތު ފުނޑައި ހިމުން ކުރަމުންނެވެ. ރާއްޖޭގެ އޭރުގެ ސަރުކާރުން ގެންގުޅުނު ހަމަ ކޮންމެ ސިޔަސަތަކާއި، އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ޗެލެންޖެކޮށް ދަތި ކުރުމުގެ ފިޔަވަޅުތައްވެސް އެޅުމަށް ގޮވާލަމުން ދިޔަ އެވެ. އިންސާނީ ހައްގުތައް ރާއްޖޭގައި ލިބިނުދެވޭ ކަމަށް ބުނެ ޓޫރިޒަމް ފަދަ ރާއްޖޭގެ ވަރުގަދަ އެކި ވިޔަފާރީގެ ސިނާއަތްތަކަށް އެކި ސިފަސިފައިގައި ބޭރުގެ ދުނިޔެއިން ފިޔަވަޅު އެޅުމަށް އެތައް މަސައްކަތެއްކޮށް ޑިމޮކްރަސީގެ ބައިވެރިން ފަދަ ޔޫރަޕިއަން ޔުނިއަން ފަދަ ޖަމިއްޔާތަކުން އެތަކެއް ފިޔަވަޅު ވަނީ އަޅާފަ އެވެ.
މިދެންނެވިފަދަ އެތައް މަސައްކަތްތަކެއްގެ ނަތީޖާއަކީ ގައުމުގެ އެއްބަޔަކު ގައުމުގެ ހައްގުގައި ތެދުވެ ބޭރުގެ ނުފޫޒުތަކާއި ދެކޮޅަށް ވަރުގަދައަށް ތެދުވުމެވެ. އެހެނީ ބޭރުގެ ފަރާތްތަކުން ބޭނުންވާހާ ގޮތަކަށް ރާއްޖޭގެ ކަންކަން ކުރުމަށް ރާއްޖޭގެ ފަރާތްތަކާއި ގުޅިގެން ހިންގަމުންދިޔަ މަސައްކަތް އެނބުރިގެން ދިއައީ ދިވެހިންގެ އެއް ބަޔަކު އަމިއްލަ ގައުމުގައި ނިކަމެތިވެ އެއްވެސް އާރެއްބާރެއް ނެތް ބައެއްގެ އިހުސާސް ދިވެހި އެތަކެއް ރައްޔިތުންނަށް ސާފްވެގެން ދިޔަ ދިއުމެވެ. އޭގެ ކުރިން ދިވެހިންނޭ ގައުމޭ ގައުމުވަންތަކަމޭ ކިޔަމުން ދިޔަނަމަވެސް ހަގީގީ މާނައެއްގައި ގައުމިއްޔަތުގެ މުހިންމުކަން ގިނަ ބަޔަކަށް ވަޒަން ކުރެވެމުން ދިޔަކަމަކަށް ނުވެ އެވެ. ސަބަބަކީ ދިވެހިންނަށް ބޭރުގެ އެފަދަ ނިކަމެތިކަމެއްގެ އަސަރު ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ނިކަމެތި ގޮތެއްގައި ފޯރާފައި ނުވަތަ އިހުސާސްވެފައި ނެތުމެވެ.
ނަމަވެސް މަޑުމަޑުން ދިވެހިންގެ އަމިއްލަ ގައުމުގައި ނިކަމެތިވަމުން މި އަންނަ މިދެންނެވި ކަންކަމަކީ ފަހުގެ ތާރީހުގައި ދިވެހިން ގައުމިއްޔަތަށް ލޯ ހުޅުވައި މިނިވަންކަމާއި ގައުމިއްޔަތުގެ ސީރިއަސްކަން ވިސްނުމަށް ގެނުވައި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ހަނގުރާމަ ކުރުމަށް ތެދުވުމަށް މަޖުބޫރު ކުރުވައިފި ކަންކަމެވެ. އެހެންގޮތަކަށް ދަންނަވާނަމަ ފަހުގެ ތާރީހެއްގައި އަނެއްކާވެސް ގައުމިއްޔަތުގެ ދިފާއުގައި ދިވެހިން ތެދުވުމަށް މެދުވެރިވެފައިވާ ކަމަކަށެވެ.
ރާއްޖޭގައި މަލްޓީ ޕާޓީ ޑިމޮކްރަސީއަށް ދެހާހުގެ ކުރީކޮޅުން ފެށިގެން އުފެދުނު އޮއިވަރާއި ދެކޮޅަށް ގައުމިއްޔަތުގެ ވަރުގަދަ ފިކުރިއްޔާތު މިއޮތީ މިއަދު ނިކަން ރަނގަޅަށް ދިވެހިން ހޭލައްވާލާފަ އެވެ. އޭރުއްސުރެ ސިޔާސީ މައިދާނުގައި އޮތް މި ދެފިކުރިއްޔާތުގެ ވާދަވެރިކަމުގެ ތެރެއިން މިވަނީ ގައުމިއްޔަތުގެ މުހިއްމުކަން އިހުސާސަށް ގެނުވައި ސިޔާސީ މިސްރާބް ހިފާފަ އެވެ.
އެގޮތުން 2008ގެ ފަހުން ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ސިޔާސީ މައިދާނުގެ ދެ ފަޅިން އެއްފަޅި ގައުމިއްޔަތުގެ ފިކުރަށް އިންތިހާބުތަކުގައި ވޯޓަށް އަސަރުކުރުވާ އެންމެ މުހިއްމު އެއް ބަހާއަށް ނުވަތަ ފިކުރަށް ގައުމިއްޔަތު މިވަނީ ވެފަ އެވެ. ރިޔާސީ އިންތިހާބަށް ދެތިން މަހަށް ވެފައިވާއިރު މިފަހަރުގެ އިންތިހާބުގައި ގައުމިއްޔަތުގެ ފިކުރަށް މާބޮޑަށްވެސް މިއޮތީ ފެންބޮވައިގެންފަ އެވެ.
ފުރަތަމަ ބޭއްވުނު ޑިމޮކްރެޓިކް މަލްޓީ ޕާޓީ އިންތިހާބުގައިވެސް ގައުމިއްޔަތުގެ ފިކުރަށް ވަރަށް ބޮޑު އޮއިވަރެއް އެނބުރުނުއިރު، އެފަހަރުގެ އިންތިހާބު ވެގެންދިޔައީ ދިގު ތިރީސް އަހަރުގެ ވެރިކަމަށްވެސް ނިމުމެއް ގެނެސް ބަދަލަކަށް ވޯޓް ލުމުގެ ފިކުރެއްގެ އޮއެވަރުވެސް އިންތިހާއަށް އޮތް އިންތިހާބަކަށެވެ. އެހެންކަމުން އެ އިންތިހާބަކީ މުޅިއަކުން ގައުމިއްޔަތުގެ ފިކުރުގެ ވަރުގަދަކަން ހާމަވީ އިންތިހާބެއް ކަމުގައި ނުދެންނެވޭނެ އެވެ.
މިފަހަރުގެ އިންތިހާބު ބޯމަތިވެފައި އޮތް އިރު ރާއްޖޭގެ ސިޔާސީ ކަންކަން ގައުމުގެ ތަރައްގީ ހަލުވިކުރުމުގެ މައްޗަށް ވަރަށް ބޮޑަށް ބައްޓަންވެފައިވާއިރު ބޭރުގެ އެހީތައް ވެފައިވަނީ ވަރަށް މުހިއްމު އަސާސަކަށެވެ. މީގެ ސަބަބުން ތަރައްގީގެ އެހީ ލިބިދެވޭނެ ބޭރުގެ ދިމަދިމާލަށް ސިޔާސީ ކަންކަން އެނބުރިފައިވާއިރު، ފެނިގެން މިދަނީ ކޮންމެ ދިމާލަކުން ބޭރުގެ އެހީ އައި ކަމުގައިވިޔަސް އެކަމުގެ ހުރި ނުރައްކާތައް ދިވެހިންނަށް ވަޒަން ކުރުވައި އެ ކަމަށް ލޯހުޅުވި ގައުމު ހިމާޔަތް ކުރެވޭނެ ވިސްނުން އުފެދިގެން އަންނަ ތަނެވެ. އެއީ ދަރަންޏަށް ފައިސާ ނަގައިގެން ކުރިމަތިވެދާނެ ގެއްލުމެއް ކަމަށްވިޔަސް އަދި ރާއްޖޭގެ ތަންތަން ކުއްޔަށް ދިނުމުގައި ނުވަތަ ތަނެއްގައި ބޭރުގެ ބަޔަކު ލައްވައި އުމްރާނީ ގޮތުން ތަރައްގީއެއް ގެނަޔަސް އެކަމުގައި އޮތް ނުރައްކަލަށް މިއަދު ދިވެހިންގެ ގިނަ ބައެއްގެ ލޯ މިވަނީ ހުޅުވިފަ އެވެ.
ރާއްޖޭގެ ސަރަހައްދަކީ ދުނިޔޭގައި ވިޔަފާރީގެ މުހިންމު ރޫޓަކަށް ވެފައިވުމުން މިސަރަހައްދުގައި ބޭރުގެ ނުފޫޒްގަދަ ބާރުތަކުން ރާއްޖެއާއި ގުޅުން ބޭއްވުމުގެ މުހިންމުކަން ވަޒަންކުރެވޭތީ އެއިގެ ބޭނުންވެސް ހުރިހާ ދިމާލަކުންވެސް ހިފުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް ދިރިދެމި ތިބުމަށް ގައުމު އަމާން ބަނދަރެއްގައި އޮތުމަށް މުހިއްމުވެ އެވެ. އަނެއް ބަޔަކަށް މިގައުމު އެއީ ނުރައްކަލަކަށްވެ ވިޔާނުދާ ވަސްވާހުން ރާއްޖެއިން ދަމަހައްޓާނެ އިތުބާރު ގެއްލުވާލުމުގެ ރާސްތާއަކަށް މަގު ހުޅުވިފައިވާއިރު، އަދި އެހެން ބަޔަކު މިދެކެނީ މި ގައުމު ހިމާޔަތްކޮށް ބާއްވައި އެކަން ދިފާއު ކުރުމުގެ މައްޗަށެވެ. އެއީ މިއަދުގެ ހަގީގަތެވެ.
ސިޔާސީ އިގްތިސޯދީ މިހަނގުރާމައިގައި ރާއްޖެއަށް އިގްތިސޯދީ ކުރިއެރުން މުހިންމުވާއިރު އެއްވެސް ބައެއްގެ އުނގަށް ރާއްޖެ ވެއްޓުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ދިވެހިންނަށް މިއަދު މިދަނީ ހަމަ ނިކަން ރަނގަޅަށް ވަޒަން ކުރެވި ސީރިއަސްކޮށް އެވާހަކަ ދައްކަމުންނެވެ. ހުރިހާ ގައުމަކާވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ މުހިއްމުކަން ދިވެހިންނަށް މިދަނީ ވަޒަން ކުރުވުމަންނެވެ. މިފަހުގެ އަދި މިފަހަރަގެ އިންތިހާބުގައިވެސް އެންމެ ބޮޑު މައްސަލައަކަށް ގައުމިއްޔަތުވެފައި މިވަނީ މިހެން ވެގެންނެވެ.
ބޮޑެތި ތުހުމަތުތަކެއް ގައުމިއްޔަތަށް ނުވަތަ ގައުމަށް މިދިޔަ ފަސް އަހަރު ތެރޭގައި މިދެންނެވި ބީދައިން ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް މިދަނީ ނިކަން ބާރަށް ގޮވަމުންނެވެ. އެގޮތުން ރާއްޖެއާއި ބޭރުގެ ގައުމުތަކާ މެދު ކުރެވިފައިވާ އެއްބަސްވުންތަކާއި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ދެފުށް ނުފެނުމަކީ ގައުމިއްޔަތަށް އޮތް ކަންބޮޑުވުމެކެވެ. ބޭރުން ނަގާފައިވާ ދަރަނީގެ ބޮޑު ކަމުން ގައުމިއްޔަތަށް އޮތް ނުރައްކާ ވެސް ވަކި ކުޑައެއް ނޫނެވެ. އަދި ދާދި ފަހުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ކުރިން އޮތްގޮތާއި ހިލާފަށް ބައެއް އުނިކުރެވިގެން އެއްބަސްވުމަކަށް ދިއުންފަދަ އެތައް ކަމަކުން މިގައުމަށް ނުވަތަ ގައުމިއްޔަތަށް އޮތް ބިރު ރާއްޖޭގައި މިވަނީ ނިކަން ވަރުގަދައަށް އުފެދިފަ އެވެ.
އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ ސީދާ ދިވެހި ގައުމު ހިމާޔަތް ކުރުމަށް ދިވެހިންނަށް ކޮށްފައިވާ އަސަރާއި އެކަމުގެ ސީރިއަސް ކަން އަންދާޒާ ކުރެވިފައިވާ މިންވަރު ހާމަވެގެންދާނެ އަދި ގައުމިއްޔަތުގެ މައްޗަށް ބޮޑަށް ބުރަވެ ނެގިގެންދާނެ ވަރުގަދަ ވޯޓަކަށެވެ.