މިއަހަރު ސެޕްޓެމްބަރު ނުވައެއްގައި ރިޔާސީ އިންތިހާބު ބޭއްވުމުގެ ވަގުތު ކުޑަތަންވަމުންދާއިރު ރާއްޖޭގެ ސިޔާސީ މާހަލުގައި ސިޔާސީ ލީޑަރުން މި އިންތިހާބުގައި އަމަލުކުރައްވަފާނެ ގޮތުގެ ބަހުސް މިދަނީ ގަދަވަމުންނެވެ. މި ބަހުސްގެ އަޑު ކުއްލިއަކަށް މާގަދަވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރައްވާނެ ގޮތެއްގެ ވާހަކަ ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމު އިބްރާހީމް، ރައީސް ސޯލިހާ އެކު ނުހުންނަވާނެ އެވެ. ނަޝީދު ވިދާޅުވި އެއްޗެއް ގާސިމު އަދި ދޮގެއް ނުކުރައްވަ އެވެ.
ރާއްޖޭގައި އިސް ސަފުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ދެތިން ޕާޓީ އެބައޮތެވެ. މި ޕާޓީ ތަކުގެ ފަހަތުގައި ހަމަ ޔަގީނުންވެސް ރައްޔިތުންތަކެއް އެބަތިއްބެވެ. ފިކުރީ ގޮތުންނާއި އަމިއްލަ މަސްލަހަތާއި ގާތް ރައްޓެހިކަމާއި މަގުބޫލު ކަމާއި މިހެންގޮސް ތަފާތު އެތަކެއް ސަބަބުތަކަށްޓަކައި މިއިން ކޮންމެ ޕާޓީއެއްގެ ފަހަތުގައިވެސް ރައްޔިތުންތަކެއް ތިބުމަކީ ތަފާތު ހިޔާލުތަކަށް އޮތް ޖާގައިގެ މިނިވަންކަމެވެ. ޑިމޮކްރަސީއަކަށް އޮތް ކުރިމަގެކެވެ.
ރާއްޖޭގައި އެންމެ މެންބަރުން ގިނަ ތިން ޕާޓީ އަކީ މިފަހަރުގެ އިންތިހާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ޕާޓީ ތަކެވެ. އެންމެ ފުރަތަމަ މެންބަރުން އެންމެ ގިނަ އެމްޑީޕީ އެވެ. ދެން މެންބަރުން އެންމެ ގިނަ ޕީޕީއެމް އެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީ އެވެ.
މިހާތަނަށް މި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެ ޕާޓީތަކުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. އެކަން އޮންނަންޖެހޭވެސް ގޮތެވެ. ސިޔާސީ ޕާޓީތައް ހަދައިގެން މަސައްކަތްކުރަނީ އެބަޔަކު ގަބޫލުކުރާ ފިކުރާއި ހަމަތަކާއި އުސޫލުތައް ދަމަހައްޓައި އެ ބިންގަލުގެ މަތީގައި ވެރިކަމެއް ހިންގާށެވެ. މި އިން ކޮންމެ ޕާޓީއެއްގައިވެސް އެ ގާބިލްކަން ހުންނަންވާނެ އެވެ. ހުންނާނެވެސް މެއެވެ.
އެމްޑީޕީއަށް ބަލާ އިރު އެމްޑީޕީ އަކީ ރާއްޖޭގެ ރައްޔިތުން މިނިވަންކަމާއި އެކު އުޅެ ހަމަ އިސްކޮޅަށް ތެދުވާން ފުރުސަތު ހޯދައިދޭނެ ކަމަށް ވަކާލާތު ކުރަމުން އަންނަ ޕާޓީ އެކެވެ. އެ ޕާޓީ ގެ މައިގަނޑު ފިކުރަކީ ރައްޔިތު މީހާގެ މިނިވަން ކަމެވެ. އެ ޕާޓީއަކީ މިނިވަން ފިކުރުތަކަށް ތާއީދުކުރާ ބަޔަކު ތިބި ޕާޓީ އެކެވެ. އެމްޑީޕީގައި ގައުމިއްޔަތު ދިރުވުމަށް މާބޮޑު އިސްކަމެއް ދީފައިވާތީއެއ ނުފެނެ އެވެ.
ޕީޕީއެމް އަކީ އެމީހުން ގަބޫލުކުރާ އުސޫލުތަކެއްގައި ބާރަށް ހިފަހައްޓައިގެން އަގުކުރުންތައް ދަމަހައްޓައިގެން ތިބުމަށް ވަކާލާތު ކުރާ ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީގައި ގިނައީ ރާއްޖޭގެ މުޖުތަމައުގައި މިހާތަނަށް ހިފަހައްޓަމުން އަންނަ ގޮތްތައް ބާރަށް ހިފަހައްޓަން ބޭނުންވާ ތަންކޮޅެއް ކޮންޒަވެޓިވް ފިކުރުތަކުގެ ބޭފުޅުންނެވެ. އެހެންކަމުން ޕީޕީއެމް އަކީ އެމްޑީޕީއާ ތަފާތުކޮށް ގައުމިއްޔަތެއްގެ މުހިންމުކަން ގަބޫލު ކުރާ ބަޔަކު ތިބި ޕާޓީ އެކެވެ.
ތިންވަނަ އަށް އެންމެ މެންބަރުން ގިނައީ ޖުމްހޫރީ ޕާޓީގަ އެވެ. ޖުމްހޫރީ ޕާޓީ އަކީ އިސްވެ މިދެންނެވި ދެ ޕާޓީގެ ވެސް ފިކުރު އޮތް ޕާޓީ އެކެވެ. ޖުމްހޫރީ ޕާޓީއަކީ ހުރިހާ ފިކުރަކަށްވެސް މެދުމިނުގެ ސިޔާސަތު ގެންގުޅޭ ޕާޓީއެއް ކަމުން ހުރިހާ ފިކުރުތަކެއްގެ މީހުންނަށްވެސް އެކުގައި މަސައްކަތްކުރަން ފަސޭހަ ޕާޓީ އެއްކަން ފާހަގަކޮށްލެވެ އެވެ.
މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެ އަށް ތައާރަފްވެ 2008 ވަނަ އަހަރުގެ ނޮވެމްބަރުގައި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ފުރަތަމަ ރިޔާސީ އިންތިހާބެއް ބޭއްވި އިރުވެސް ޕާޓީތައް ބިނާވެގެން އުފެދިގެން އައީ މި ދެންނެވި ވަރުގަދަ ފިކުރުތަކުގެ ބިންގަލުގެ މަތީގަ އެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުން ވަނީ މި ތިން ފިކުރުގެ މައްޗަށް ވަރުގަދައަށް ބެހިގެން ގޮސްފަ އެވެ. މާނައަކީ މުޖުތަމައު މިވަނީ މި ތިން ފިކުރުގެ މައްޗަށް ބައިއަތު ހިފައި އެއިގެ މައްޗަށް ބައިބައިވެފަ އެވެ. އެއީ މިއަދުގެ ސިޔާސީ ހަގީގަތެވެ. ނަމަވެސް އިއްޔެ އެހެން ގޮތެއްގައި މިއަދު އެހެން ގޮތެއްގައި މާދަމާ އަނެއްކާ އިހުގެ ގޮތުގައި އޮވެދާނެ އެވެ. އެއީ ސިޔާސީ ކަންކަން ހިނގާ ހިތިވަށް ބުރުގައި އެކަންކަން ހިނގަހިނގާ އޮންނަ ގޮތެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުނުއިރު ކޮންމެ ޕާޓީއަކުންވެސް ބޭނުންވީ އެ ޕާޓީއެއްގެ ފިކުރު ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ޕާޓީ އަކުން އެކަނި ވެރިކަމަށް އައުމަށް މަސައްކަތް ކުރާށެވެ. ބަޔަކާ ގުޅިގެން އަތުވެއްޖެނަމަ މިދެންނެވި ފިކުރީ ތަފާތުތައް މަސްހުނިނ ގޮތެއްގައި އޮންނާނެ އެވެ. އެހެންކަމުން ވަކި ޕާޓީ އެއްގެ އެކަނި ފިކުރު ހިންގުމަށް ދަތިވުމަކީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ކަންވީވެސް އެހެންނެވެ. 2008ގެ ރިޔާސީ އިންތިހާބުގައި ކޮންމެ ޕާޓީ އަކުންވެސް ބޭނުންވީ އެ ޕާޓީ އަކުން އެކަނި ވެރިކަން ހިންގުމުގެ ބާރާއި ހަވާލުވުމަށެވެ. އެގޮތުން ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީ އެއްގެ އަމިއްލަ މަންދޫބަކު އެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނެރުނެވެ.
2008ގެ ރިޔާސީ އިންތިހާބަށް ނިކުތުމަށް ކޮންމެ ޕާޓީއެއްގެ ތެރޭގައިވެސް ވަރުގަދައަށް މަޝްވަރާތަކެއްވެސް ހިންގުނެވެ. އެކަން ކުރީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކުރުމަށްޓަކަ އެވެ. އެހެންނަމަވެސް ކޮންމެ ޕާޓީއެއްގެ ތެރޭގައިވެސް އެއްގަލަކަށް އެރުނީ ހަމަ އެ ޕާޓީ އަކުން އެކަނި ނިކުމެ އިންތިހާބުގައި ވާދަކުރުމަށެވެ.
ގުޅިގެން ނިކުތުމަށް ބައެއް ސިޔާސީ ލީޑަރުންނަށް އޭރު ފެނިވަޑައިގަތެވެ. އެއީ އެއްފަހަރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ފޮމިއުލާ އެއް ކަމަށް ވަރުގަދައަށް ބަހުސްވެސް ކުރެވުނެވެ. އެއިރަކީ ރައީސް މައުމޫންގެ ވެރިކަން ނިންމުމުގެ ސިއްކަ ޖެހުމަށް ޑީއާރުޕީ ފިޔަވައި އެންމެން އެއްގަލަކަށް އަރައި ތިބި އިރެވެ. ނަމަވެސް އެ ހައްސާސް ވަގުތުގައިވެސް ޕާޓީތަކަށް ފުރަތަމަ ބުރުގައި މުހިންމުވީ ޕާޓީތަކުގެ އަމިއްލަ ފިކުރު ހިމާޔަތްކޮށް ދެމެހެއްޓުމެވެ. އެހެންވުމާއިއެކު ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީ އެއްގެ މަންދޫބަކު ނެރުނީ އެވެ.
2013 ވަނައަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ކަން ހިނގީ އެމަގުންނެވެ. ޕާޓި ތަކުން އިސްކަން ދިނީ އެޕާޓީއަކުން ގަބޫލުކުރާ އަމިއްލަ ފިކުރުގެ ހިމާޔަތުގައި ވެރިކަމާ ހަވާލުވުމަށެވެ. އެހެންކަމުން ފުރަތަމަ ބުރުގައި ކޮންމެ ޕާޓީއަކުންވެސް އެޕާޓީއެއްގެ އަމިއްލަ މަންދޫބެއް އިންތިހާބަށް ނެރުނީ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބު ކުޑަކޮށް ތަފާތެވެ. ތަފާތު އެތަކެއް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެ ބައެއް ޕާޓީތަކުގެ އިސް ލީޑަރުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. އެހެންކަމުން އެ ޕާޓީއެއްގެ ފިކުރު ހިމާޔަތް ކުރުމަށް އޮންނަ ފުރުސަތުވެސް ގެއްލުނެވެ. އެހާލަތުގައި އެ ޕާޓީއެއްގެ ފިކުރު ހިމާޔަތް ކުރެވެން ނެތުމުން ހުރިހާ ލީޑަރުން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަން ފަސޭހަ މާހައުލެއް ގާއިމުކުރި އެވެ. އެ ރިޔާސީ އިންތިހާބުގައި ގާނޫނީ މައްސަލަތައް ކުރިމަތިވި އެންމެ ބޭފުޅުން ގުޅިގެން އިއްތިހާދުވެ ގުޅިފައިވާ އިއްތިހާދެއް ހެދީ އެވެ.
2018ގެ ރިޔާސީ އިންތިހާބުގެ މިދެންނެވި ހާލަތާ ހެދި ޕާޓީތަކަށް ވަކިން ނުނިކުމެވުނަސް އެއިގެ ކުރީ ދެ އިންތިހާބުގައިވެސް ކޮންމެ ޕާޓީއަކުން އިސްކަންދިނީ އެ ޕާޓީއެއްގެ ފިކުރު ހިމާޔަތްކޮށް ދެމެހެއްޓުމަށް ކޮންމެ ޕާޓީއަކުންވެސް އަމިއްލަ މަންދޫބެއް ނެރުމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރުވެސް ހުރިހާ ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ މަންދޫބުން ނެރެވޭނެ ގޮތެއް އަދި އެއް ނެތެވެ. ނަމަވެސް އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވައި ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ރައީސް ސޯލިހް ބޭނުންވާ ބަޔަކާ އެކު ކޯލިޝަން ހަދައިގެން ކަމަށްވާނަމަ އެކަން ކުރަންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ރުހުން ދީފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ މިވަގުތަށް މިވަނީ ސުވާލު އުފެދިފަ އެވެ. ޕީޕީއެމުން އެޕާޓީގެ ފިކުރު ހިމާޔަތްކޮށް ދެމެހެއްޓޭނެ ހުރިހާ ގޮތެއް ހަދާނެ އެވެ. އެހެންކަމުން ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިވަގުތު އިދިކޮޅު ޕާޓީއަށް ވެސް ވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ކެންޑިޑޭޓުން ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ކެންޑިޑޭޓަކު ނުނެރޭނަމަ ޕީޕީއެމްއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެ ޕާޓީގެ ފިކުރާ އެންމެ ކައިރި ކުރާ ބަޔަކާ ގުޅިގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމެވެ. އެއީ ޕީޕީއެމްގެ ރައީސް -- ރައީސް ޔާމީން މިނިވަންކުރެވޭނެ އެންމެ ފަސޭހަ މަގުވެސް ހުޅުވިފައި އޮތް ގޮތެވެ.
ޖުމްހޫރީ ޕާޓީ އިން އެ ޕާޓީގެ ފިކުރު ދިރުވާ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނިކުންނަވާނެ ކަމަށް އެތައް ފަހަރަކު ބުނެފައިވެ އެވެ. ކޮންމެ ޕާޓީއަކަށްވެސް އެ ޕާޓީއެއްގެ ފިކުރު ހިމާޔަތްކޮށް ދެމެހެއްޓުން މުހިންމުވާތީ ޖުމްހޫރީ ޕާޓީން ވެސް ރިޔާސީ އިންތިހާބުގައި އެންމެ ގާތީ އެ ޕާޓީގެ ކެންޑިޑޭޓެއް އިންތިހާބަށް ނުރުމެވެ. މިދިޔަ ރިޔާސީ އިންތިހާބާ ތަފާތުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮންމެ ޕާޓީ އަކަށްވެސް އެ ޕާޓީއެއްގެ އަމިއްލަ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު އެބައޮތެވެ.
އިންސާފުވެރި މިނިވަން މާހައުލެއް އޮތްނަމަ ފާއިތުވި އިންތިހާބުތަކުގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް އިސްކަންދީފައިވަނީ ކޮންމެ ޕާޓީއެއްވެސް އެ ޕާޓީއެއް ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަށް އެ ޕާޓީއެއްގެ އަމިއްލަ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރޭށެވެ.
މިހުރިހާ ކަމެއް މިހެން ހުރުމާއެކު މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ސިޔާސީ ޕާޓީއެއް އަނެއް ސިޔާސީ ޕާޓީއަކާއި ގުޅިގެން އިންތިހާބަށް ނިކުންނާނެ ކަމަކަށް ނުބެލެވެ އެވެ. ގުޅިގެން ފުރަތަމަ ބުރުގައި ނިކުތުން އެއީ ވަރަށްވެސް މުސްތަހީލް ކަމެކެވެ. އެހެންނަމަވެސް އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަގުލަބިއްޔަތު ނުލިބިއްޖެ ހާލަތުގައި ކޯލިޝަން ހެދުން އެއީ އެންމެ ގާތް ގޮތެވެ. އެފަދަ ވަގުތެއްގައި ކޯލިޝަން ހެދިގެންދާން ސިޔާސީ ގޮތުން ގާތް އެއްފިކުރުތަކެއް އެއްގަލަކަށް އަރާނެ އެވެ.