ރިޔާސީ އިންތިހާބު 2023

"އެއް ކެންޑިޑޭޓް ނެރެން ޒިންމާދާރު މަސައްކަތްތަކެއް އެބަކުރަން"

އިދިކޮޅުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތައް ގުޅިގެން "ކޮމަން ކެންޑިޑޭޓެއް" ނެރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދިނުމަށްޓަކައި ދެ ޕާޓީ ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސް، އެމްއެންޕީ، ޖޭޕީ އަދި ޕީޕީއެމްއާއި އެމްއާރްއެމްވެސް ގުޅިގެން، އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ޖޭޕީއާއި އެމްއާރްއެމްގެ އިސްބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް -- ކުނޫޒުގައި ބައްދަލުކުރައްވާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ބެލުމަށް މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ރައީސް އަހްމަދް ފާރިސް މައުމޫން ވިދާޅުވީ މިއަދު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ޖޭޕީއާއި އެމްއާރްއެމް ގުޅިގެން ރިޔާސީ އިންތިހާބުގައި ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭގޮތުންވެސް ޒިންމާދާރު މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްބަސްވުމަކާ އެކީގައި ރައްޔިތުންނާ ހިސާބަށް ވޯޓެއް ހޯދަން ދާއިރު އެބަޖެހޭ ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް ޑެލިވާ ކުރެވޭ، ވަރުގެ ވައުދުތަކެއް ކަމަށް ކަށަވަރުކޮއްގެން ދާން،" ރައްޔިތުންނާ ހަަމައަށް ގެންދަން ޖެހޭ ސިޔާސަތުތަކާ ގުޅޭގޮތުން ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ ތެރޭއިންވެސް ދެ ޕާޓީއަށް އެއްބަސްވެވޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އަދި މިއަދު އެއްބަސް ނުވެވުނު ކަންކަންވެސް ރަސްމީ އަދި ނުރަސްމީ މަޝްވަރާތަކުގެ ތެރެއިން ހައްލުކުރުމަށް ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ކޮމަން ކެންޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބޭފުޅުން ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެމަގުން ދާންނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން އެ މަސައްކަތް ކޮށްގެން ވިއްޔާ މި ބޭނުންވެގެން އުޅޭ ނަތީޖާއެއް ނުނިކުންނާނެ. އަޅުގަނޑުމެން އެ ދިމާލަށް މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.

ޖޭޕީ އާއި އެމްއާރްއެމް ވެރިކަން ކުރާ ކޯލިޝަންގައި އޮވެ އިދިކޮޅު ޕާޓީތަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރާ މައްސަލައިގައި އަމާޒުވާ ފާޑުކިޔުންތަކަށް ވެސް އަމީން މިއަދު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ޖޭޕީން ސިޔާސީ ޕާޓީތަކާ އެކު މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކަކީ ކުރިއަށް އޮތް ރިޔާސީ ދައުރުގައި ޖޭޕީން ކަންކަން ކުރާނެ ގޮތްތަކެއް ނިންމަން ކުރިއަށް ގެންދާ މަޝްވަރާތަކެއް ކަމަށެވެ. ޖޭޕީ މިހާރު ދެމިތިބި ކޯލިޝަންގެ އެއްބަސްވުން ހިނގަމުންދާ ރިޔާސީ ދައުރާ އެކު ނިމޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މިހާރު އޮތް އެއްބަސްވުން ސަރުކާރުން ރޫޅާލާފައިވާ ކަމަށެވެ.

"އެބޭފުޅުން ރޫޅާލައްވާފައި ދެން މިހާރު އެބޭފުޅުން އެއްބަސްވުމެކޭ ކިޔައިގެން އެވާހަކަފުޅު ދައްކައިގެން އުޅުނީމަ އެހާ ރަންގަޅެއް ނުވާނެ،" އަމީން ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއްބަސްވުން ރޫޅާލާފައިވާ ކަމަށް އަމީން ވިދާޅުވި ނަމަވެސް އެ އެއްބަސްވުން ރޫޅާލާފައިވާ ކަމަށް ސަރުކާރުން އަދި އެމްޑީޕީން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ފާރިސް އިތުރަށް ވިދާޅުވީ ވެރިކަމުގެ މިދައުރު ނިމެންދެން އެމްއާރްއެމް އިން ސަރުކާރާ އެކު ދެމިތިބޭނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތަށްވުރެ ރަނގަޅަށް ސަރުކާރު ހިންގޭނެ ފޯމިއުލާއެއް ހޯދުމަށް މަސައްކަތްކުރަންޖެހޭ ބަޔަކާ އެކީ މަސައްކަތް ކުރާނެ ކަމަށާއި މި ސަރުކާރާ ގުޅުނުއިރު ކުރެވުނު އުއްމީދުތައް ފުއްދިފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ގިނަ ޕާޓީތައް ގުޅިގެން އެއްކެންޑިޑޭޓެއް ނެރުމަކީ އުނދަގޫ ކަމެއް ކަމުގައި ވިޔަސް އެއީ ރައްޔިތުންވެސް ބޭނުންވާ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ. އަދި އެމްއާރްއެމްއިން އެކަމަށް އެއްބާރުލުން ދޭނެ ކަމަށާއި އެއްވެސް ޕާޓީއަކާ އެކީ މަސައްކަތް ކުރުމަށް އެމްއާރްއެމްއަށް ދަތިނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފާރިސް އާއި އަމީން ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނާ މައްސަލައިގައިވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ދެ ބޭފުޅުންވެސް ވިދާޅުވީ އަދުލު އިންސާފާއި ހަމަހަމަކަން ރައީސް ޔާމީނަށް ވެސް ލިބެންޖެހޭ ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ނުލިބޭނަމަ އެކަމަށް ގޮވާލަންޖެހޭ ކަމަށް ދެ ބޭފުޅުންވެސް ވިދާޅުވި އެވެ.