އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވެސް މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމްއާ އެކު މިއަދު ނޫސްވެރިންނާ ބައްދަލުކުރީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އުޅޭ "ދަ ޑިމޮކްރެޓްސް" އާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި އެމްއާރްއެމްގެ ބޭފުޅުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އަމަލުތަކާއި ކޮމިޝަންގެ ބައެއް ނިންމުންތައް ހުރީ އެ ކޮމިޝަނަށް އިތުބާރު ކުރެވޭ ގޮތަށް ނޫން ކަމަށެވެ.
"އީސީގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ އަމަލުތައް ހުރި ގޮތުންވެސް އަޅުގަނޑުމެން ކަންބޮޑުވޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީ ހިފަހައްޓައިގެން ތިބެ ކޮމިޝަނުން ދައްކަނީ ގަބޫލުކުރެވޭ ޒާތުގެ ގާނޫނީ ވާހަކަތަކެއް ނޫން ކަމަށެވެ. މިމަހުގެ އެއްވަނަ ދުވަހު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުން މިމަހުގެ 15 ގައި ފޯމުތައް ސައްހަތޯ ބެލުމަށްފަހު އެ މަސައްކަތް ނިމުނު ކަމަށް އެންގި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ރަޖިސްޓްރީ ދޭން ބުނަނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެވާހަކަތައް ގަބޫލެއް ނުކުރަން. މިއަދުވެސް ރަޖިސްޓްރީ ލިބެންޖެހޭނެ،" ހަސަން ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްއާރްއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރު އިސްމާއީލް ޒަބީހް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތަކާ މެދު އެ ޕާޓީންވެސް ނުހަނު ކަންބޮޑުވާ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގަައި ޕީޕީއެމްގެ ނައިބް ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ވަނީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީ ނުހިނގާ ކަމަށް ވިދާޅުވެ އެކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވާލާފައި އޮންނަ މި ކޮމިޓީ ބައްދަލުވުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިހްމާލުން ކަމަށް ދޭހަވާ ގޮތަށް ޝިޔާމު ވާހަކަ ދެއްކެވި އެވެ.
"މި ކޮމިޓީ ވެސް މިހާރު މިއޮތީ ނޯޓިސް ބޯޑަކަށް ބަދަލުވެފައި،" ޝިޔާމު ވިދާޅުވި އެވެ.
މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަހްމަދު އުޝާމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރާ ތަން ފެނިގެން ނުދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަން ޒިންމާދާރުކުރުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށްވެސް އެ ކޮމިޓީގެ މެންބަރު އުޝާމު ވިދާޅުވި އެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރެވޭނީ ހަމައެކަނި ވޯޓުލާންވީމާ އެ ދުވަހު ކުރާ ކަމަކުން އެކަންޏެއް ނޫން،" އުޝާމު ވިދާޅުވި އެެވެ.