އިލެކްޝަންސް ކޮމިޝަން

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް 1،735 އެޕްލިކޭޝަން

އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި 1،735 މީހުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ވޯޓުލާ މަރުކަޒެއްގައި ކޮންމެ ޕާޓީއަކުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބަކު ބެހެއްޓުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހަށް ހަމަވިއިރު ފަސް ސިޔާސީ ޕާޓީތަކުން 1،735 މަންދޫބުންގެ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން މަންދޫބުންގެ އެޕްލިކޭޝަން ހުށަހެޅި އަދަދު

  • ޕީއެންސީ - 548
  • އެމްޑީޕީ - 458
  • އެމްއެންޕީ - 271
  • ދަ ޑިމޮކްރެޓްސް - 241
  • ޖޭޕީ - 217

ރިޔާސީ އިންތިހާބުގައި މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4،545 އެޕްލިކޭޝަން އަދި އޮބްޒާވަރުންގެ ގޮތުގައި 1،735 މީހުން ވަނީ ހުށަހަޅާފަ އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޖުމްލަ 9،887 އެޕްލިކޭޝަން ރާއްޖެއިން ލިބިފައިވާ ކަމަށާއި އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.