އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގެ ޓާސްކްފޯސް މަގާމުތަކަށް މީހުން ހޯދަން ހާއްސަ އިވެންޓެއް

ރިޔާސީ އިންތިހާބުގެ ޓާސްކްފޯސް މަގާމުތަކަށް މީހުން ހޯދަން ދަރުބާރުގޭގައި ކުރިއަށް ގެންދާ ހާއްސަ އިވެންޓް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޯމަވެފައި އޮތް އިރު އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް އިތުރުވެ ކޮމިޝަންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. މިއީ އަބަދުވެސް ގައުމީ ބޮޑެތި އިންތިހާބުތަކާ ދިމާކޮށް ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ކޮމިޝަނަށް ދިމާވާ މައްްސަލަ އެކެވެ.

އިލެކްޝަންސް ކޮމިޝަނަށް މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާތީ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން މުވައްޒަފުންތަކެއް ހޯދުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ޓާސްކްފޯސް މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދަރުބާރުގޭގައި މިހާރު ވަނީ ހާއްސަ އިވެންޓެއް ފަށާފަ އެވެ.

މިއިވެންޓް ކުރިއަށް ދާނީ މިއަދާއި މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހިފައިގެން ދަރުބާރުގެއަށް ހާޒިރުވުމުން އިންޓަވިއުކުރުން ވަގުތު ކުރިއަށް ގެންދާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފަ އެވެ.