ރިޔާސީ އިންތިހާބު 2023

ރައީސް މުުއިއްޒާއި ސޯލިހް އިންތިހާބާ ގުޅޭ މާލީ ބަޔާން ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާ އެކު ހުރިހާ ރިޔާސީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާ ތާރީހުންގެ ފެށިގެން ގިނަވެގެން 60 ތެރޭގައި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވި ހަ ކެންޑިޑޭޓުން ވަނީ ގާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅުއްވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން

  • ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު
  • ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު
  • ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު
  • ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު
  • ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާނީ ނޮވެމްބަރު 30 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންވެސް ގާނޫނުގައިވާ ތާރީހަށް މާލީ ބަޔާން ހުށަހެޅުއްވި ކަމަށެވެ. އަދި ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.