ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ އޮފިޝަލުންނަށް މިހަފްތާގައި އެލަވަންސް ޖަމާކުރަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް ޖަމާކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އުއްމީދުކުރަނީ މި ހަފްތާގައި ފައިސާ ޖަމާވާނެ ކަމަށް،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންނަށްހެން ފައިސާ ޖަމާކުރެވިފައިވާ ކަމަށްވެސް އީސީ އިން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ދެބުރުގައި އީސީގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނަށް އެލަވަންސްގެ ގޮތުގައި ދިނުމަށް ޖުމްލަ 36 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މަސައްކަތްތަކަށް 5،000 އަށް ވުރެ ގިނަ އޮފިޝަލުން ނެގި އެވެ. އަދި ދެވަނަ ބުރުގެ މަސައްކަތްތަކަށް އިތުރު 200 އޮފިޝަލުން ހޯދި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރު ބާއްވާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.