ހަސަން ޒަމީލް

ޒަމީލުގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުދިން

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލުގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޖޫރިމަނާ ފަސްކޮށްދިނުމަށް އެދި ސިވލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޒަމީލުގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އޭނާ 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ޒަމީލުގެ އިންތިހާބީ އެޖެންޓް އަދި އޭނާގެ ދަރިފުޅު މަރްހާން ޒަމީލު ވަނީ 6.000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ސިވިލް ކޯޓަށް ޒަމީލު ހުށަހެޅި މައްސަލައިގައި ވަނީ މިކަމާ ގުޅިގެން ޖުޑީޝަލް ރިވިއުގެ މައްސަލައެއް އެ ކޯޓަށް ހުށަހެޅުމަށް ގަސްތުކުރާތީ އެ މައްސަލަ ހުށަހެޅުމުގެ ކުރިން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާ ނުލާ ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކު ހުށަހެޅުއްވި މާލީ ބަޔާން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭތީ އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.