ސަންގު ޓީވީ އިން އިންތިޒާމްކޮށްފައިވާ ރިޔާސީ ބަހުސްގައި އަމިއްލަ ކެންޑިޑޭޓުންނަށް ފުރުސަތުދީފައި ނުވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލް އެވެ.
ޒަމީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަންގު ޓީވީގެ ބަހުސްގައި ފުރުސަތު ނުދިން މައްސަލަ އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ޒަމީލް ވިދާޅުވީ ސަންގު ޓީވީން އިންތިޒާމު ކުރާ މި ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދީފައިނުވުމަކީ އޭނާގެ ގާނޫނީ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.
ޕީއެސްއެމްއިން މި އަންނަ ހުކުރު ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް ކެންސަލްކޮށް ޕީއެސްއެމް އިން ވަނީ ސަންގު ޓީވީގެ ބަހުސްގައި ޕާޓްނާޝިޕް ހަދާފަ އެވެ.
ޕީއެސްއެމްއިން އެ ބަހުސް ކެންސަލް ކުރިކަން އިއުލާނުކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް ބަހުސް ބޭއްވުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް ކެމްޕޭން ދަތުރުތަކުގައި ބައެއް ކެންޑިޑޭޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށް ގެންދާތީ އެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރި ނުވެވޭނެތީ ބަހުސް ކެންސަލް ކުރީ ކަމަށެވެ. އަދި ބަހުސް އެހެން ތާރީހަކަށް ބަދަލުކޮށްފިނަމަ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސަންގު ޓީވީ އިން މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9-11 އަށެވެ. ބަހުސް ކުރިއަށް ގެންދަން ނިންމާފައިވާ ތަނެއް އަދި އެނގިފައެއް ނުވެ އެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ޒަމީލްގެ އިތުރަށް ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދިއްގަރު ދާއިރާގެ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނެވެ.
ޕާޓީތަކުން ވާދަކުރަނީ އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީން ޑރ. މުހައްމަދު މުއިއްޒުއާއި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމްއާއި ދަ ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބްގެ އިތުރުން އެމްއެންޕީން މުހައްމަދު ނާޒިމް އެވެ.
ސަންގު ޓީވީގެ ބަހުސްއަށް ދައުވަތު ދިން ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ދައުވަތު ގަބޫލުކުރައްވާފަ އެވެ.