ސަންގު ޓީވީ

ބަހުސްގައި އަމިއްލަ ކެންޑިޑޭޓުން ބައިވެރިވާން ފުރުސަތު ދީފި

ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ސަންގު ޓީވީގެ ބަހުސްގައި އަމިއްލަ ކެންޑިޑޭޓުންވެސް ބައިވެރިކުރުމަށް ފުރުސަތު ދީފި އެވެ.

ސަންގު ޓީވީގެ ބަހުސްގައި ވާދަކުރުމަށް ކުރިން ފުރުސަތު ދީފައިވަނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެކަންޏެވެ. އެހެންނަމަވެސް މިހާރު އަމިއްލަ ކެންޑިޑޭޓުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް އެ ބަހުސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ބަހުސްގައި ބައިވެރިވުމަށް ސަންގު ޓީވީގެ ދައުވަތު ހުރިހާ ކެންޑިޑޭޓުންވެސް ގަބޫލުކުރައްވާފައިވާ ކަމަށްވެސް އެ ސްޓޭޝަނުން ބުންޏެވެ.

މި ބަހުސްގައި ބައިވެރިވުމަށް އަމިއްލަ ކެންޑިޑޭޓުންނަށް ފުރުސަތު ނުދިނުމުގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލު ވަނީ އިލެކްޝަންސް ކޮމިޝަނަށް މި މައްސަލަ ހުށަހަޅުއްވާފަ އެވެ.

ޒަމީލް ވިދާޅުވީ ސަންގު ޓީވީން އިންތިޒާމު ކުރާ މި ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދީފައިނުވުމަކީ އޭނާގެ ގާނޫނީ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.

ސަންގު ޓީވީ އިން މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9-11 އަށެވެ. ބަހުސް ކުރިއަށް ގެންދަން ނިންމާފައިވާ ތަނެއް އަދި އެނގިފައެއް ނުވެ އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ޒަމީލްގެ އިތުރަށް ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދިއްގަރު ދާއިރާގެ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނެވެ.

ޕާޓީތަކުން ވާދަކުރަނީ އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީން ޑރ. މުހައްމަދު މުއިއްޒުއާއި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމްއާއި ދަ ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބްގެ އިތުރުން އެމްއެންޕީން މުހައްމަދު ނާޒިމް އެވެ.