ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.
ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ ޒަމީލެވެ.
ޒަމީލުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަނބިކަނބަލުން މަރިޔަމް އަލީމެވެ. ޒަމީލު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ޒަމީލު އެންމެފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
މަރިޔަމް އަލީމް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މަރިޔަމް އަލީމް އެންމެ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް މަގާމެއްގަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.