ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ވަކިވިކަން 12 މެންބަރުން މަޖިލީހަށް އަންގައިފި

އެމްޑީޕީން ވަކިވިކަން 12 މެންބަރުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެޕާޓީން ވަކިވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީން 12 މެންބަރުން ވަކިވިކަން އަންގާފައިވާ ކަމަށެވެ.

އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން

  • އިބްރާހިމް ރަޝީދު (ބޮންޑޭ)
  • މުހައްމަދު ރަޝީދު (ބޯދިގު)
  • އަހްމަދު ޒާހިރު (ގައްދޫ)
  • މުހައްމަދު ވަހީދު (ވައްޑޭ)
  • ހަސަން ލަތީފް
  • އީވާ އަބްދުﷲ
  • އިލްޔާސް ލަބީބް
  • އިމްތިޔާޒް ފަހުމީ
  • ޔާސިރު އަބްދުއްލަތީފް
  • ހަސަން އަފީފް
  • ހުސެއިން ފިރުޝާން
  • ހަސަން ޝިޔާން

"އެ އިއްޒަތްތެރި މެންބަރުންގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދަފްތަރުން އުނިކޮށް މޭ 18، 2023 ގައި އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ،" އީވާ ވިދާޅުވި އެވެ.