ރާ އްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް އުފެދުނުތާ އަދި ކިރިޔާ މިވީ އެންމެ 17 އަހަރެވެ. ދުނިޔޭގެ ބައެއް ޑިމޮކްރެޓިކް ގައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާވުމަށް އެތައް ސަތޭކަ އަހަރު ވަނީ ނަގާފަ އެވެ. ޑިމޮކްރަސީތައް ހަރުދަނާވަމުން އަންނަނީ ސަރުކާރުތައް ހިންގުމުގެ ނިޒާމުގައި އެންމެ ހެޔޮ ނިންމުންތައް ނިންމިގެންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ނުފޫޒުގަދަ ބޭފުޅެކެވެ. ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް އެމަނިކުފާނު ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެއީ ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކޮށްލުމެވެ. އެކަމަކު ރާއްޖޭގައި މިވަގުތު އޮތީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް ހުރި ނިޒާމެކެވެ. އެހެންވެ ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ނިޒާމީ ވޯޓް ޖީލަކު އެއް ފަހަރު ނެގުމަށެވެ. މިވާހަކަ މިހަފްތާގެ ތެރޭގައި ހއ. އަތޮޅުގައި އޮތް ޖަލްސާއެއްގައި ނަޝީދު ވަނީ ދައްކަވާފަ އެވެ. ސިޔާސީ މަސްރަހުގައި އަޑު ގަދަކޮށް ދައްކާލާ މިފަދަ ކަންކަމަށް ގައުމީ ނަޒަރަކުން ބަލާލުން ނުވަތަ ވިސްނާލުން މުހިއްމެވެ.
ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުންގެ ފުރިހަމަ ވެރިކަމެއް ކުރުމަށް ނުވަތަ ވަރުގަދަ ޑިމޮކްރަސީއެއް ބިނާކުރުމަށް ބުރަ މަސައްކަތްތަކެއް ޒަމާންތަކެއް ވަންދެން ކުރަމުން އައިސްފައިވެ އެވެ. މީގެތެރޭގައި ސިޔާސީ އިލްމުވެރިންނާއި މަގުބޫލް ފިލޯސަފަރުންނާއި އިޖުތިމާއީ އިލްމުވެރިން އެތައް ޒަމާނެއްވަންދެން ދިރާސާކޮށް އެންމެ ކަމުދާ ނުވަތަ އެންމެ ހެޔޮ ސިޔާސީ ނިޒާމެއް އުފެއްދޭނެ ގޮތަކާ މެދު އިލްމީ އެތައް ނިންމުންތަކެއް ނިންމާފައިވެ އެވެ.
ޑިމޮކްރަސީއެއްގެ ބޭނުމަކީ އެ ގައުމެއްގައި ދިރިއުޅެމުން އަންނަ އެންމެހާ ރައްޔިތުންގެ މުޅި ދިރިއުޅުން ހަމަޖެހޭ ގޮތެއްގައި އުސޫލުތަކެއްގެ ތެރޭގައި އުޅެވުނަ ދިނުމެވެ. އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެވޭނެ ފަދަ އަދި ވީހާވެސް ބޮޑަށް ރައްޔިތުންނަށް މިނިވަންކަމާއި ރައްކާތެރިކަމާއި ހިމާޔަތް ލިބިގެން އުޅޭވޭނެފަދަ ނިޒާމެއް ގާއިމު ކުރުމެވެ. އަނިޔާވެރިވުމާއި ނަފްރަތާއި އަރާރުންވުން ފަދަ އެންމެހާ ނުރަނގަޅު ކަންކަމުން ދުރުވެ ތިބެ ދުނިޔޭގެ ހަޔާތް އެބަޔަކު ވޭތި ކުރުމެވެ.
ވެރިކަމުގެ ނިޒާމް ގޯސްވެގެން ދަނީ ކުރިން މިފާހަގަކުރި މަގުން އެއްކިބާވެ އަނިޔާވެރިކަން ކަމަށް މަގުފަހިވެ ބޭއިންސާފުން އެންމެހާ ކަންކަން ރައްޔިތުން ތަހައްމަލްކުރަން ޖެހުމުންނެވެ. އެހެންކަމުން މިކަން ރަނގަޅުކުރުމަށް ކުރިންވެސް ދެންނެވި ފަދައިން ސިޔާސީ ބޮޑެތި އިލްމުވެރިން، މުޖުތަމައެއްގައި ހަމަޖެހިގެން އުޅެވޭނެ ފަދަ ނިޒާމެއް އެކުލެވުމަށް އިބްރަތްތެރި އަގުހުރި އެތަކެއް ފަންނީ މަސައްކަތެއް ވަނީ ކޮށް ނިމިފަ އެވެ. އެއީ އެތައް ދުވަހެއްގެ ނުވަތަ އެތައް އަހަރެއްގެ ޒަމާންވީ ދިރާސީ އަގުހުރި އިލްމީ މަސައްކަތެވެ. ކާމިޔާބު ވެކްސިނެއް އުފައްދަން ތަހުލީލުތަކަށް ދިގު މުއްދަތު ނަގާފަދައިން ޑިމޮކްރަސީއެއް ބިނާކުރުމަށްވެސް އެފަދަ މުހިއްމު ދިރާސާތައް އެތައް ޒަމާނަށް ބިނާކޮށްވަނީ ކޮށްފަ އެވެ. މިއީ އިންސާނުންގެ ތެރޭގައި ދެމެހެއްޓެންޖެހޭ ދެމިގެން އައިސްފައިވާ ނުހަނު މުހިއްމު އިލްމީ ނިންމުންތައް ނުވަތަ ލިޔުންތަކެވެ.
ވެރިކަމުގެ ނިޒާމު ހިންގުމުގައި އިންސާނުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް މިހާތަނަށް މިހުރިހާ ޒަމާނެއްގެ އިލްމަކުން ފެނިފައިވަނީ ވެރިކަމުގެ ނިޒާމަކީ ތިން ބާރެއްގެ މައްޗަށް އެކުލެވެންޖެހޭ ނިޒާމެއް ކަމަށް ކަނޑައެޅުމެވެ. އެއީ ވެރިކަން ހިންގާ އެގްޒެކްޓިވް (ގައުމުގެ ރައީސް)ގެ ބާރާއި ގާނޫނުތައް ހެދުން (ރައްޔިތުންގެ މަޖިލިސް)ގެ ބާރާއި އަދުލުއިންސާފް ނުވަތަ (ކޯޓްތައް) ޖުޑިޝަރީގެ މައްޗަށް އެކުލެވޭ ތިން ބާރެވެ. ސިޔާސީ އިލްމުގައި މި ދެންނެވި ގޮތަށް ގައުމެއްގައި އިންސާނުންނަށް ހަމަޖެހިގެން އުޅެވޭނެ ވެރިކަމުގެ ނިޒާމެއް އެކުލެވިގެންވާން ކޮންމެހެން މުހިއްމު ތިން ބާރު ކަމަށް މި ތިން ބާރާއި މެދު ސިޔާސީ އިލްމުވެރިން އިއްތިފާގުވެ އެވެ.
މި ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމުގައި އޮންނަ އެންމެ މުހިންމު މަފްހޫމަކީ ދައުލަތެއްގެ ވެރިކަން އިންސާފްވެރިކަމާއެކު މި ތިން ބާރުން އެއްބާރު އަނެއް ބާރު ޗެކްކޮށް މި އިން އެއްވެސް ބާރަކުން އަނެއް ބާރެއް ގާނޫނުތަކާއި ހިލާފަށް ނަހަމަ ގޮތުގައި އެ ބާރެއްގެ ނުފޫޒު ރައްޔިތުންނަށް އަނިޔާވެރިވެދާނެ ފަދަ ގޮތަކަށް ހިނގާތޯ ބެލުމުގެ މަފްހޫމެވެ. މި ތިން ބާރު ކަނޑައަޅާފައިވަނީ މި ދެންނެވި ގޮތަށް ދައުލަތެއްގެ ބާރު ހިންގަން ހަވާލުވެ ތިބޭ ބޭފުޅުން މި ތިން ބާރު، އެއްބާރު އަނެއް ބާރުން ހެދިދާނެ ގޯހެއް ފާހަގަކޮށް އެފަދަ ގޯސްތައް ސީދާ ދައުލަތުގެ މަސްލަހަތުގައި އެންމެ ރަނގަޅު ކުރުމަށް މި މަފްހޫމް ބޭނުން ކުރުމުގެ މައްޗަށެވެ.
ދައުލަތެއްގައި އޮންނަ މި ތިން ބާރުން އިންސާފްވެރިކަމާއެކު ރައްޔިތުންގެ ހައްގުގައި ވެރިކަމެއް ހިންގަން ހަމައެކަނި މި މުއައްސަސާތަކަށް ގާނޫނީ ބާރު އޮންނައިރު، މިއިން އެއްވެސް ބާރެއް އަނެއް ބާރަކާއި އެއްވެ މަސްހުނިވާނަމަ އެއް ބައެއްގެ ބާރު އަނެއް ބައެއްގެ މައްޗަށް ނަހަމަ ގޮތުގައި ނުފޫޒު ފޯރުވުމުގެ ފުރުސަތު ތަނަވަސްވެގެންދެ އެވެ. އެހެންކަމުން ސިޔާސީ އިލްމުވެރިން އިއްތިފާގުވެފައިވަނީ މި ތިން ބާރު ވީހާވެސް ބޮޑަށް ވަކިވަކިން ބޭއްވުމަށެވެ. އެއީ ކުރިންވެސް ދެންނެވިހެން ރައްޔިތުންނަށް އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ނަހަމަ ނުފޫޒު ނުވަތަ ބާރު ހިންގައި ބޭއިންސާފްވެރިވެ އަނިޔާވެރިވެވިދާނެ ޖާގަ ނުދިނުމަށެވެ.
ދުނިޔޭގައި ޑިމޮކްރެޓިކް ނިޒާމެއް ނުވަތަ ރައްޔިތުންގެ އިންސާފްވެރި ހައްގު ވެރިކަމެއް ކުރުމަށް ކުރެވުނު މިފަދަ އެތައް މަސައްކަތަކުން އެންމެ ބޮޑު މަސައްކަތެއް ކޮށް އެކަން އެންމެ ފުރިހަމައަށް އަދި އެންމެ ފަހުން ކުރެވިގެން ގޮސްފައިވަނީ އެމެރިކާގަ އެވެ. ފަހުގެ ޒަމާނީ ތާރީހުގައި އެމެރިކާގައި 17 އަދި 18 ވަނަ ގަރުނުގެ ތެރޭގައިވެސް ރައްޔިތުންގެ ތެރޭގައި އޮތް އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރެވުނު އިލްމީ މަސައްކަތުން ހޯދުނު ހޯދުމަކީ ތިން ބާރު ވަކިކޮށް، އެއްބާރު އަނެއް ބާރަށް ގާނޫނުތަކާއި ހިލާފަށް ނަހަމަ ނުފޫޒު ނުވަތަ ބާރު ނުފޯރުވޭނެ ގޮތަށް އޮތުން އެއީ އެންމެ އިންސާފުވެރިކޮށް ހައްގުތައް ހިމާޔަތް ކުރުމަށް އޮތް މަގު ކަމެވެ.
މި ތިން މުއައްސަސާގެ ބާރަށް މީހުން އައްޔަން ކުރުމުގައިވެސް އެއްވެސް ނަހަމަ ނުފޫޒެއް ނޯންނަ ފަދަ ގޮތަކަށް ވެރިން ކަނޑައެޅުމަށް އެ އިލްމުވެރިން އިއްތިފާގުވެ އެވެ. ރައްޔިތުން އެންމެ ހެޔޮ ވެރިއަކު ކަނޑައެޅުމަށް ސީދާ ރައްޔިތުންގެ ވޯޓަކުން އެކަން ކުރެވޭނަމަ އެންމެ ރަނގަޅީ އެގޮތް ކަމުގައި ސިޔާސީ މާހިރުން އިއްތިފާގުވެ އެވެ. ނަމަވެސް ގައުމެއްގެ އާބާދީ ބޮޑުކަމުން އެފަދަ ވޯޓެއް ނެގުމަކީ ފަސޭހަކަމަކަށް ނުވާނަމަ ރައްޔިތުން ތަމްސީލް ކުރުމަށް ކަމުގެ ތަޖުރިބާ ހުރި މަންދޫބުން ކަނޑައެޅިދާނެ ކަމަށްވެސް ތަޖުރިބާކާރުން އެއްބަސްވެ އެވެ.
ރައްޖޭގައި ދިވެހިން މިވަނީ 2007 ވަނަ އަހަރު ދިވެހިންގެ ވެރިކަމުގެ ނިޒާމުވެސް މިފަދައިން މިދެންނެވި ފަންނީ އިލްމުގެ މައްޗަށް ބިނާކޮށް މިދައުލަތުގެވެސް ތިން ބާރު ވަކިވެފައި އޮންނާނެ ގޮތަށް ގާނޫނުއަސާސީގައި ލިޔެ އެކަން ކަނޑައަޅާފަ އެވެ. އެއީ އިލްމީ ލިޔުންތަކުގެ މައްޗަށް ސީދާ ބުރަވެ ރައްޔިތުންގެ ފުރިހަމަ ހައްގުގައި ނިންމި ނިންމުމެކެވެ.
ގާނޫނުއަސާސީގައި ތިން ބާރު ވަކިވެފައި އޮންނަ ގޮތަށް ލިޔެ ނިންމައި އެކަން ރައްޔިތުންގެ ހިޔާލަށް ފެންނަ ނުފެންނަ ވޯޓެއް ހަގީގަތުގައި ބާއްވަން ނުޖެހުނަސް ރައްޔިތުންގެ ބާރުގެ ސިފަ އޭގައި ޖެއްސުމަށް އޭރުގެ ހާލަތު ހުރި ގޮތުން ވޯޓެއް އެކަމުގައި ނެގިގެންދިޔައީ އެވެ. ވޯޓެއް ބާއްވަން ނުޖެހެނީ ކަމުގެ މާހިރުންނަށް ނޫނީ މިފަދަ ހައްސާސް މައްސަލައެއްގައި ގޮތް އެންމެ ރަނގަޅަށް ކަނޑައަޅަން ރައްޔިތުންގެ ކިބައިގައި އެމައުލޫމާތު ނުވަތަ އެ އިލްމު ނުހުރެދާނެތީ އެވެ. އިއްތިފާގުން ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެއް ބޭއްވުމަށް ކަމަށްވުމުން ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔައީ ތިން ބާރު ވަކިވެފައި އެންމެ ބޮޑަށް މިވަގުތު ދުނިޔޭގައި އޮންނާނެ ގޮތަށް ފަރުމާކުރެވިފައިވާ ރިޔާސީ ނިޒާމެކެވެ.
އެހެންކަމުން މިފަދަ ފުރިހަމަ ނިންމުމެއް ރައްޔިތުންގެ ހައްގުގައި ނިންމާފައި އޮވެމެ، މި ތިން ބާރު ވަކިވެފައިވާ ނިޒާމު ނޫން ގޮތަކަށް ވެރިކަމުގެ ނިޒާމު ހިންގާ ގޮތަށް ދިމާވާ ތިން ބާރު މަސްހުނިވާ ބަރުލަމާނީ ނިޒާމު ގެންނަން ބުއްދީގެ އެއްވެސް ހަމައަކުން ވަކާލާތު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ބަރުލަމާނީ ނިޒާމު ދުނިޔޭގައި އޮންނަ ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ބޭއިންސާފަށް އޮތީ މާބޮޑަށް ހުޅުވިފަ އެވެ. އެފަދަ އެއް މިސާލަކީ ހުޅަނގުގައިނަމަ ޖޫލިއަން އަސާންޖްގެ ކޭސް އެވެ. މިއަދު އޭނާއަށް އިންސާފް ލިބި އަނިޔާވެރިކަމުން ސަލާމަތްވާނެ އެއްވެސް އުއްމީދެއްވެސް ނެތެވެ. މި މިސާލަކީ ތިން ބާރު އެއްވުމުން ނިކުންނަ ނަތީޖާ ފުރިހަމައަށް ދައްކައިދޭ މިސާލެކެވެ.
ބަރުލަމާނީ ނިޒާމުގައި، ކުރިން މިދެންނެވި ޑިމޮކްރެޓިކް ނިޒާމާއި ހިލާފަށް، ތިން ބާރު އޮންނަނީ ސީދާ އެއްވެފަ އެވެ. ވެރިކަން ހިންގުމުގެ ބާރު އޮންނަނީ ބޮޑު ވަޒީރު ނުވަތަ ޕްރައިމް މިނިސްޓަރަށެވެ. ރައީސަކު ކަނޑައަޅަނީ ބައެއް ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހުންނެވެ. އެހެންކަމުން ރައްޔިތުންގެ ސީދާ ބާރު ރައިސަކަށް ލިބިވަޑައެއް ނުގަންނަވަ އެވެ. ރައީސަކީ ގާނޫނު ހަދާ މަޖިލިހުގެ ނުފޫޒުގެ ދަށުގައި ހުންނަ ރަމްޒީ ބާރުތަކެއް ލިބިދޭ ބޭފުޅަކަށް އޮންނަނީ ވެފަ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އައުލަބިއްޔަތު އޮންނަ ޕާޓީ އަކީ ސަރުކާރު ހިންގާ ބާރު -- ބޮޑުވަޒީރު އަދި ކެބިނެޓް އޮންނަ ފަރާތަށްވާއިރު، ގާނޫނު ހަދާ މަޖިލީހުގައި އައުލަބިއްޔަތު އޮންނާނީވެސް ހަމަ ވެރިކަން ކުރާ ޕާޓީ އަށެވެ. އެހެންކަމުން ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ މަޖިލީހާއި އެ އޮތީ އެއްވެ ނިމިފަ އެވެ. މި ދެބާރު އެއްވުމުން އެއް ބަޔަކު އަނެއް ބަޔަކު ނިންމާ ނިންމުންތައް ނިންމެނީ ރައްޔިތުންނަށް އެންމެ ފައިދާ ކުރުވަނިވި ގޮތުގައިތޯ ޗެކްކޮށް ބެލޭނެ ފުރުސަތު އެއްކޮށް ނެތިދެ އެވެ. އަދ މި ދެބާރު އެކުވެ ޖުޑިޝަރީ ނުވަތަ އަދުލު އިންސާފަށް ބާރު ފޯރުވުމުގެ ދޮރު މާބޮޑަށްވެސް ހުޅުވިގެންދެ އެވެ.
ވީމާ ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް ދިވެހި ރައްޔިތުންނަށް ސީދާ ބާރު ލިބިދޭ ރިޔާސީ ނިޒާމުގެ ބަދަލުގައި، ރައްޔިތުންގެ ނުސީދާ ވެރިއެއް ކަނޑައެޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް ޒައްރެއްގެ މިންވަރުންވެސް އިޚްލާސްތެރިކަމެއް ހުރި މީހަކު ނަމަ ކޮށްގެންވާނެ ނުވަތަ ކުރާނެ ކަމެއް ނޫނެވެ. އެއީ މިހާރު އޮތް ތިން ބާރު ވަކިކުރެވިފައިވާ ނިޒާމުގައި ދިމާވާ ގާނޫނާއި ހިލާފް ނުފޫޒު ފޯރުވުމުގެ މައްސަލަތަކަށް ވުރެ ބޮޑަށް ބަރުލަމާނީ ނިޒާމެއްގައި ބާރުތައް އެއްވެފައި އޮންނާތީ އެފަދަ މައްސަލަތަކުގެ ފުރުސަތު މާބޮޑަށް ބަރުލަމާނީ ނިޒާމުގައި އޮންނާތީ އެވެ.
އެހެންކަމުން ހިނަގަމުން މިދާ ވެެރިކަމުގެ ނިޒާމަށް ވުރެ ރައްޔިތުންނަށް އަނިޔާވެރިކަމާއި ބޭއިންސާފް މިހާރަށް ވުރެ ބޮޑަށް ކުރިމަތިވެދާނެ ނިޒާމަކަށް، ގައުމުގެ ވެރިކަމުގެ ނިޒާމު ހަރާބު ވެދާނެ ގޮތަށް މަސައްކަތް ކުރުން ވަގުތުން ވަގުތަށް ރައްޔިތުންގެ ހައްގުގައި ހުއްޓަންޖެހެ އެވެ. ވެރިކަމުގެ ނިޒާމަށް އިސްލާހެއް ގެނެވޭނަމަ އެ އިސްލާހެއް ވާންޖެހޭނީ މިހާރުގެ ނިޒާމަށް ވުރެ ހެޔޮ ގޮތެއް ގެނެވޭ، އެއްބާރުން އަނެއްބާރުގެ ނިންމުންތައް ނިންމެނީ ސީދާ ރައްޔިތުންގެ ހައްގުގައިތޯ ބެލޭނެ އިސްލާހުތަކަށެވެ. ބައެއްގެ ހިތްހަމަޖެހުމަކަށް ނުވަތަ ހިތައް ތަސައްލީއެއް ގެނައުމަށް ނިޒާމީ ވޯޓެއް ނަގާ ވާހަކަ ދެއްކުމަކީ ނުވަތަ އެކަން ކުރުމަކީ ސަމާސާއަކަށް ދައްކަންވާ ވަރަށްވުރެވެސް ވިހަ ބިރުވެރި ވާހަކަ އެކެވެ.
މިހެން އޮތް ގައުމީ ސީރިއަސް މައްސަލައެއްގައި އެނބުރޭ ވަހުތާނެއްހެން އަބަދާއަބަދު ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމަށް ވާހަކަދެއްކުމަކީ ނުވަތަ މިފަދަ ހައްސާސް ކަމެއްގެ އިލްމު ނެތް ކޮންމެ މީހަކު ހިޔާލު ފެންމަތިކުރުމަކީ މި ދިވެހި ގައުމުގައި ގައުމުގެ ހައްގުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ހިޔާލެއް ކުރުމުގެ ހައްގު އޮންނާނީ އެ ހިޔާލަކީ ކަމެއްގައި އޮތް ގޮތަށްވުރެ ރަނގަޅު ގޮތެއް ގެނައުމަށެވެ. ސަބަބަކީ މިއީ މުޅި ދިވެހި ދައުލަތުގެ އެންމެހާ ރައްޔިތުން، އެކެއް އަނެކަކަށް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުން ހިމާޔަތްކުރުމަށް ރައްޔިތުންވެފައިވާ އެއްބަސްވުމަކަށްވާތީ އެވެ.
އެހެންކަމުން މިހާރު އޮތް ވެރިކަމުގެ ނިޒާމަށްވުރެ ހެޔޮ ގޮތެއް ބަރުލަމާނީ ނިޒާމުން ގެނެވެން ނެތްކަން ސާފްކޮށް އެނގޭއިރު އަދި ބަރުލަމާނީ ނިޒާމަކުން ރައްޔިތުންނަށް މާބޮޑަށް ބޭއިންސާފާއި އަނިޔާވެރިކަން ކުރިމަތިވާނެ މިންވަރު މާބޮޑަށް ހުޅުވިފައިވާއިރު ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަން ނުޖެހެނީ އެވެ. ބައެއް ރަނގަޅު ނިންމުން ތަކަކީ ދާއިމަށް ތާއަބަދަށް ބާއްވަންޖެހޭ ނިންމުންތަކެވެ. އެހެން ނޫނީ އިންސާނީ ޖީލެއްގެ ކިބައިން އިބުރަތެއް ހާސިލްނުވެ ފަހުން އަންނަ މީހުންގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމަށް އަނެއްކާވެސް ފުރުސަތު ލިބި ހަމަނުޖެހުމެއްގެ ތެރޭގައި ތާއަބަދުމެ ދައުރުވޭވޭ ތިބޭ ބައެއްގެ ގޮތުގައި "ހިތި ވަށްބޮޅެއް"ގެ ތެރޭގައި ބެދިފައި ތިބެންޖެހޭ ޖެހުމަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ އެވެ. އިންސާނުން ބޭނުންވަނީ މިފަދަ ބޭއިންސާފާއި އަނިޔާއިން އަރައިގަތުމެވެ. ޑިމޮކްރަސީ އަކީ އެއީ އެވެ.