ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްއާއި އާއިލާއަށް ހާއްސަ ވަގުތުކޮޅެއް

އި ސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ އެކި ކޯސްތަކުގައި ކިޔެވި ދަރިވަރުންނަށް ރެއަކީ ހާއްސަ އުފަލެއް ލިބުނު ރެއަކަށް ވާނެ އެވެ. އެއީ އެ ދަރިވަރުން ކިޔެވި ކޯސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބި ދަސްވެނިވުމުގެ އުފާ ލިބިފައިވާތީ އެވެ.

އައިޔޫއެމް އިން ދަސްވެނިވި ކުދިންނަށް ރެއަކީ އިތުރު އުފަލެއްވެސް ލިބުނު ރެއެކެވެ. ސަބަބަކީ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ -- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައިވާތީ އެވެ.

މިރަސްމިއްޔާތަކީ ރައީސް ސޯލިހަށް ވެސް ރައީސްގެ އާއިލާއަށް ވެސް ވަރަށް ހާއްސަ އަދި ވަރަށް އުފާވެރި އިހްސާސްތަކެއް ގެނެސްދިން ރަސްމިއްޔާތެކެވެ. ރައީސް ސޯލިހްގެ އާއިލާގައި މިވަގުތު ދުނިޔޭގައި ތިއްބެވި 11 ބޭފުޅުންގެ ތެރެއިން ލޯފަން ތިން ބޭފުޅުން ވަނީ މިރަސްމިއްޔާތުގައި ދަސްވެނިވެ ރައީސްގެ އަތްޕުޅުން އެވޯޑް ހާސިލްކުރައްވާފަ އެވެ.

އެވޯޑް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ މޫސާ މުހައްމަދު ސޯލިހު (މޫސަބެ)، އަބްދުﷲ ޝާޒްލީ (ޝާޒް) އަދި ހުސައިން ޝަޔާޒް (ހުސެއިން) އެވެ. އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސް އިން ހިންގި އިމާމު ކޯހުގެ ޑިގްރީ ހާސިލް ކުރި 73 ދަރިވަރުންގެ ތެރޭގައި ރައީސްގެ އާއިލާގެ މި ތިން ބޭފުޅުން ވަނީ ހިމެނިފަ އެވެ.

ބްލޮކް މޯޑުގައި އިމާމު ކޯސް ފުރިހަމަ ކުރެއްވި މި ތިން ބޭފުޅުން މީގެކުރިން ވަނީ ކީރިތި ގުރުއާން ހިތުދަސް ކުރައްވާ ހާފިޒު ކަމުގެ ސަނަދުވެސް ހޯއްދަވާފަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ވަނީ އިމާމު ޑިގްރީ ކޯހާ ގުޅޭ ގޮތުން ވާހަކަވެސް ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި އައިޔޫއެމް ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރޭ 78 އިމާމުން ދަސްވެނިވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ދަސްވެނިވި އިމާމުންނަށް މިރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވެވީވެސް ރައީސް ސޯލިހް އެވެ.

"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް. އަދި އޭގެއިތުރުން މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިހްސާސް ކުރެވޭ،" ރައީސްގެ ތިން ކޮއްކޮއަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އިމާމުން ކުރައްވާ ބުރަ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވެސް ކުރައްވާފަ އެވެ. އަދި އިމާމުންގެ މުސާރައަށް ވެސް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، ހަފްތާގެ ހަތް ދުވަހު، ޗުއްޓީއެއް ނެތި، އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް، ޚިދުމަތްތެރިންތަކެއް [އިމާމުން] އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ހިއްސާކުރަން،" ރައީސް ވިދާޅުވި އެވެ.