ޑރ. މުހައްމަދު މުއިއްޒު

އުދަނގޫ އެއް އަހަރާ އެކު ނަތީޖާވެސް ރަނގަޅު

ރަ އީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް އެއް އަަހަރުވީއިރު އެތައް ގޮންޖެހުންތަކެއް ސަރުކާރުގެ ކުރިމަތީގައި އެބަހުއްޓެވެ. އަރައިގަންނަން ދަތި އުދަނގޫ އެތައް ކަމެއް އަދި އޮތީ ކުރިއަށެވެ. އެކަމަކު ސަރުކާރުގެ ކުރިމަތީގައި ހުރި ގޮންޖެހުންތަކާއި ދަތިތައް ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެވިދާނެ އެވެ. ސަރުކާރުން ކޮންމެ ދުވަހަކު ތަޖުރިބާ ކުރަންޖެހޭ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ދައުލަތުގެ ދަރަނި ހައްލުކުރުމުގެ މައްސަލައިގައެވެ.

ޕީއެންސީގެ ވެރިކަން ފެށުނުއިރު ރާއްޖެ އޮތީ ގާތްގަނޑަކަށް ބަނގުރޫޓްވާ ހާލަތު ގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސް ކަމަށްވާ ނޮވެމްބަރު 17، 2023 ވަނަ ދުވަހު އެ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ތަފާސްހިސާބުތައް ނެރުނެވެ. އެ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 118.89 ބިލިއަން ރުފިޔާ ގައެވެ. އެއީ އެތެރޭގެ ދަރަނި 67.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނި 49.6 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ދަރަނި 2023 ވަނަ އަހަރުގެ ނިޔަލަށް ހުރި ގޮތަށް ބަލާއިރު އެ އަދަދު ހުރީ 124.23 ބިލިއަން ރުފިޔާ ގައެވެ. އެއީ އެތެރޭގެ ދަރަނި 73.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނި 51.2 ބިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނުއިރު 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ހުރީ 59.5 ބިލިއަން ރުފިޔާ ގައެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުނުއިރު 2023 ވަަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ހުރީ 124.23 ބިލިއަން ރުފިޔާ ގައެވެ.

މިއަދަދުތަކަށް ބަލާއިރު ރައީސް ސޯލިހްގެ ވެރިކަމުގައި އެކަނި ދައުލަތުގެ ދަރަނި 64 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. މިއިތުރުވުމަކީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ކުރެއްވި ހުރިހާ ރައީސުންގެ ވެރިކަމުގައި އުފެއްދި ޖުމްލަ ދަރަންޏަށް ވުރެ ވެސް ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިތަފާސްހިސާބުތައް މި ހިއްސާކޮށްލީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއް އަހަރުވީއިރު މިސަރުކާރަށް ކުރިމަތިވެފައި އޮތް ދަރަނީގެ ބޮޑު މައްސަލަ ވިސްނައިދިނުމަށެވެ. ތަސައްވުރު ކޮށްދިނުމަށެވެ. ދައުލަތުގެ ދަރަނީގެ ހާލަތު ހުރި ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާ އަކުން 23 ރުފިޔާ ނުވަތަ ލިބޭ އާމްދަނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި ހަރަދު ކުރަނީ ދަރަނި ދެއްކުމަށެވެ.

ދައުލަތުގެ ދަރަނި ދެއްކުމަށް މިހާރުވެސް ސަރުކާރަށް ބޮޑެތި ދަތިތައް ހުރިއިރު ދަރަނި ދެއްކުމަށް އެންމެ ބޮޑު ގޮންޖެހުމެއް ރައީސް މުއިއްޒުގެ ސަރުކާރަށް ކުރިމަތިވާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު އެކަނި ދައުލަތުން ބިލިއަނެއްހާ އެމެރިކާ ޑޮލަރު ނުވަތަ 15.4 ބިލިއަނެއްހާ ރުފިޔާ އެއް ފަހަރާ ދައްކަންޖެހޭނެ އެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ނެގި ލޯނަކަށް ނުވަތަ ކުރި ހަރަދަކަށް ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. މިއީ ރައީސް މުއިއްޒުގެ ކުރިން ވެރިކަން ކުރެއްވި ރައީސުންގެ ވެރިކަމުގައި ވަކިން ހާއްސަކޮށް ރައީސް ސޯލިހްގެ ވެރިކަމުގައި އުފެއްދި ދަރަންޏަށް ދައްކަންޖެހޭ ފައިސާ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް މުޅި ނިޒާމު ބަދަލުކޮށް ތަންފީޒު ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މާބޮޑަށް އަސަރު ނުކުރާނެހެން ޓޫރިޒަމާ ގުޅުންހުރި ބައެއް ޓެކްސްތައް ވަނީ ބޮޑުކޮށްފަ އެވެ. އަދި މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ވަނީ ރާއްޖެއަށް ލިބޭ ޑޮލަރުގެ ވަކި ޕަސަންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތް ހަދައި ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަށް ހައްލު ހޯދަން ފަށާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ރިޒާވް ގާތްގަނޑަކަށް އޮތީ ހުސްވެފަ އެވެ. ނަމަވެސް މިސަރުކާރަށް އެއް އަހަރުވީއިރު މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 615 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ސަރުކާރަށް އެއް އަހަރު ވާން ތައްޔާރުވެފައި ވަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއްވެސް ހުޅުވާފަ އެވެ. މިއީ ސީދާ ރައީސް މުއިއްޒުގެ ތަސައްވުރެއް އަދި ފައުދެއް ހާސިލްކުރުމަށް ހުޅުވި ބޭންކެކެވެ.

ރާއްޖެއަށް ހުރި ގޮންޖެހުންތަކާ އެކުވެސް އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރަށް އަޅާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ވަކި އަތަކަށް ނުޖެހޭ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންކަމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ސަރުކާރުން އިގްތިސާދު ރަނގަޅު ކުރުމަށް ދަތުރުކުރަމުން ދަނީ ރަނގަޅު މަގުގައި ކަމަށް ގަބޫލުކުރަންޖެހެ އެވެ.