ރިޕޯޓް

އެއްބައެއް އެއް ބަހުސެއް: ކުރިން ކުއްލިއްޔާ ދެން އައިިޔޫއެމް!

އާ ސަރުކާރާއެކު ފެނިގެން މިދަނީ މަޖިލީހަށް ގިނަ ބިލްތަކަކާއި ގިނަ އިސްލާހުތަކެއް ހުށަހެޅިގެންދާ މަންޒަރެވެ. އެޖެންޑާ 19 އާއެކު އެމްޑީޕީން އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން މަސައްކަތްތައް ގެންދަނީ "ރޮކެޓް ސްޕީޑް" ގައެވެ. މިދިއަ ހަފުތާގައިވެސް އެމްޑީޕީގެ ފަރާތުން ދެ މެންބަރަކު އެއީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަށް އިސްލާހު ގެނައުމަށް ދެ ބިލެއް ހުށަހެޅުއްވެވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އަދި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަޑަވެެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދެ ބިލުގައި މައިގަނޑު ގޮތެއްގައި އިސްލާހު ކުރަން ހުށަހަޅާފައިވާ ދެ ޔުނިވާސިޓީގެ ކައުންސިލަށް ބަދަލުތަކެއް ގެނައުމަށެވެ.

ދެ ބިލް މަޖިލީހަށް ހުށަހެޅުމާއެކު ފެންމަތިވީ އެހެން ކަމެކެވެ. މުޅިން އެހެން ހިޔާލަކާއި ވާހަކައެކެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ މެންބަރުންގެ ހިޔާލު ގެންދިޔައީ އެހެން މިސްރާބަކަށެވެ. އެއީ އިސްލާމިކް ޔުނިވަސީޓީ، ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންގޮސް އެ ޔުނިވާސިޓީގެ ފެކަލްޓީއަކަށް ބަދަލުކޮށްލުމުގެ ވިސްނުމެވެ. ގިނަ މެންބަރުންގެ ރޫހައި ތާއީދު އޮތީ އެގޮތަށްކަން ވެސް އެނގިގެންދިޔަ އެވެ.

އޭގެ ގިނަ މެންބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ ސަރުކާރުން ހިންގާ ކޮންމެ ޔުނިވާސިޓީއެއްގައި ވެސް އިސްކަމެއް ދޭނީ އިސްލާމީ އިލްމަށެވެ. އަދި އެއް ޔުނިވާ ސިޓީއެއްގެ ދަށަށް ގެންދިއުމުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެފައިވާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގައުމީ ޔުނިވާސިޓީއަކީވެސް އިސްލާމިކް ޔުނިވާސިޓީ އެކެވެ. އެހެންކަމުން ވަކިން އިސްލާމިކް ޔުނިވާސިޓީއެއް ހުންނާކަށް ނުޖެހޭނެ އެވެ.

ދެ ޔުނިވާސިޓީި އެއްކޮށްލަންޖެހޭ ބައެއް ސަބަބުތައްވެސް މެންބަރުން ވިދާޅުވެ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީއަކީ ސަރުކާރުން ހިންގާ ދެ ޔުނިވާސިޓީ ކަމަށެވެ. އަދި ދެ ޔުނިވާސިޓީން ވެސް ކުރަމުން ދަނީ ދާދި އެއް މަސައްކަތެކެވެ.

"ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހަރަދުތައް ވެސް ކުޑަ ކުރެވޭނެ، އޭގެ ސަބަބުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މުހިންމު ބާރެއް އެޅިގެންދާނެ،" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

މެންބަރުންގެ އެ ވާހަކަތަކަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި އެ ދެތަން ވަކި ވަކިން ހިންގުމުގެ ބޭނުމެއްނެތެވެ.

"މިހާރުވެސް އެއީ ވަރަށް ބޮޑު ހަރަދެއް، ޔުނިވާސިޓީ އެއް ހިންގުމަކީ ކުޑަ ހަރަދެއް ނޫން، މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް، އެހެންކިޔާފަ އިސްލާމިކް ޔުނިވާ ސިޓީއެއް ހުރުމެއް މުހިންމެއް ނޫން، ގައުމީ ޔުނިވާ ސިޓީގެ ދަށަށް ގެންދިއުމުން ވެސް ހަމަ ކިޔަވައިދެވޭނެ، މާަ އިފެކްޓިވްވެފައި ހަރަދުވެސް ކުޑަވާނެ،" އާންމު މީހަކު ބުންޏެވެ.

ނަމަވެސް މި މައްސަލަވެފައި ވަނީ ވަރަށް ނާޒުކު، ވަރަށް ހައްސާސް މައްސަލައަކަށެވެ. އަދި މިކަންވީ ފިތާލެވުނު ނުބައި ބަޓަނަކަށެވެ. މި މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައްވެސް އަމާޒުވެގެންދިޔަ އެވެ. އެކަމާ ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފަ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަކީ އިސްލާމްދީން މި ގައުމުން ފުހެލަން ކުރާ ކަންކަންމުގެ ތެރެއިން އައި ކަމެކެވެ.

"ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން އިސްލާމްދީން ހިމާޔަތްކުރާނެ ކަމަށް، ނަމަވެސް މިހާރު މި ފެނިގެންދަނީ މުޅިން އިދިިކޮޅަށް މަސައްކަތް ކުރެވެމުންދާ މަންޒަރު، މިއީ އިސްލާމްދީނަށް ފާޅުގައި އެޓޭކް ކުރުން، މިކަންކަން ބަލައެއް ނުގަނެވޭނެ،" އިދިކޮޅު މެންބަބަރަކު ވިދާޅުވެފައި ވެއެވެ.

ނުރުހުން ފާޅުކޮށްފައިވަނީ އިދިކޮޅު ފަރާތްތައް އެކަންޏެއް ނޫނެވެ. ސަރުކާރުގެ ތެރެއިންވެސް އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރި އެވެ. މިނިސްޓަރު، ޑރ. އަހްމަދު އަލީ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާ އެވެ. އަދި އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވަސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީ ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ޒާހިރަށް ތާއީދު ކުރައްވަ އެވެ. ކުރީގެ ރައީސް މައުމޫންވެސް ހުންނެވީ އެގޮތުގައެެވ.

އޭގެ ފަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވާސިޓީ ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރައީސްގެ ޓްވީޓްގައި ޖުމްލަ މާނައެއް މުޅީން ސާފެެއް ނުވެއެވެ.

ގައުމީ ޔުނިވާސިޓީގެ ދަށަށް އިސްލާމިކް ޔުނިވާސިޓީ ގެންދިއުން އެއީ އެންމެ ރަނގަޅުގޮތް ހެއްޔެވެ؟ ނޫނީ ވަކިން ބޭއްވުމަކީ އެންމެ ފައިދާގޮތް ހެއްޔެވެ؟ މިކަމާ ގުޅިގެން ދެކޮޅަށް ދަނީ ބަހުސް ކުރެވެމުންނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗަންސަލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހަދަން ނުޖެހޭ ހަ ސަބަބެއް ހާމަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އިސްލާމީ ޝަހުސިއްޔަތު ރަމްޒުކޮށް ދިނުމަށް އައިޔޫއެމް ފަދަ ޔުނިވާސިޓީއެއް ހުރުން މުހިންމެވެ. ހިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް ވެސް އިސްލާމީ ޔުނިވާސިޓީ ވާނެ އެވެ.

"ޔުނިވާސިޓީ ތަރައްގީ ކުރެވިއްޖެ ނަމަ ރާއްޖެއަށް އިގްތިސޯދަށް ފައިދާ ކުރާނެ، ބޭރު ގައުމުތަކުން ރާއްޖެއަށް ކިޔަވަން އަންނަ ފެންވަރަށް އެތަން ބަދަލު ކުރެވޭނެ، އަދި އިސްލާމީ ތައުލީމު ކުރިއަރުވަން އެނގޭނީ އެ އިލްމު ހުރި މީހުންނަށް، ގައުމީ ޔުނިވާސިޓީގެ ވެރިންނަކީ އިސްލާމީ ތައުލީމްގެ ތަހައްސުސް ބޭފުޅުން ނޫން،" ޝަހީމް ވިދާޅުވި އެވެ.

ކުރިންވެސް ކުރެވުނު ބަހުސެއްގެ ތަކުރާރުވުމެއް

މީގެ ކުރިންވެސް މިކަހަލަ މައްސަލައެއް މަޖިލީހުގައި ބަހުސް ކުރެވިގެންދިޔަ އެވެ. އެއީ އިސްލާމިކް ޔުނިވަސިޓީ ވުޖޫދުވުމުގެ ކުރިންނެވެ. ކުރީގެ ނަމުންނަމަ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އެވެ. ކުއްލިއްޔާ ގައުމީ ޔުނިވާ ސިޓީގެ ދަށަށް ގެންދިއުމަށް ކުރެވުނު ބަހުސެވެ. އެއީވެސް އެމްޑީޕީ ސަރުކާރުގައި މަޖިލީހުގައި ކުރެވުނު ބަހުސެކެވެ.

އެފަހަރު ކުއްލިއްޔާ އެވެ. މިފަހަރު އިސްލާމިކް ޔުނިވާސިޓި އެވެ. މިއީ މުޅިން ތަފާތު ދެ ބަހުސަކަށްވެދާނެ އެވެ. ނަމަވެސް ކުރަން މިއުޅެނީ އެއް ކަމެކެވެ. އެއީ ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންދިއުމެވެ. އޭރު ކުރެވުނު ބަހުސް އަނެއްކާވެސް ތަކުރާރުވަނީ އެވެ؛

ކުއްލިއްޔާ ޔުނިވާ ސިޓީގެ ދަށަށް ބަދަލު ކުރުމާައި ގުޅޭގޮތުން އޭރުގެ ލިޔުމަކަށް ބަލައިލަމާ ހިނގާށެވެ.

"ކުއްލިއްޔާ، ޔުނިވާސިޓީގެ ބައެއްގެ ގޮތުގައި ހިމެނުން: ގެއްލުންތަކާއި ފައިދާތަކަށް ނަޒަރެއް" މި ސުރުހީގެ ދަށުން ގައުމީ ޔުނިވަސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދާއި ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ ކުރީގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ލިޔުއްވާފައިވާ ލިޔުމެކެވެ.

އެލިޔުމުގައި ކުއްލިއްޔާ ޔުނިވާ ސިޓީއަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ބައެއް ނުކުތާތަކަކީ އެކަމަކީ ހަރަދުބޮޑު ކަމެއްގެ ގޮތުގައި އެވެ. ގައުމީ ޔުނިވާސިޓީގެ ދަށުގައި އޮތުމުން ތަނުގެ ކިޔަވައިދިނުމުގެ ފެންވަރާއި ދަސްކުރުމުގެ ފެންވަރު މަތިވެގެންދާނެ އެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީގައި އިސްލާމްދީނުގެ ގޮތްޕެއް ނެތްނަމަ އެތަން ފުރިހަމަ ނުވާނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެ އެވެ.

އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން އެބޭފުޅުން ވިދާޅުވެފައިވަނީ، ކުއްލިއްޔާ ވަކިން އޮތުމަކީ އިސްލާމީ ގައުމުތަކުގައި ރާއްޖޭގެ ގަދަރު އުފުލިގެންދާނެ ކަމެކެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ، ރާއްޖޭގައި އިސްލާމްދީނާބެހޭ ހާއްސަ ތައުލީމީގާހެއް ހުރުމަކީ ގައުމީ ޝަހުސިއްޔަތުގެ ރުކުނެކެވެ. މީގެ އިތުރުން ކުއްލިއްޔާ ވަކިން ހުރުމުން ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ލިބިގެންދާނެ އެވެ. އަދި އިސްލާމީ ގައުމުތަކާއި އިތުރަށް ގުޅުން ބަދަހިވެ، އިސްލާމީ އިލްމު އިތުރަށް ފުޅާ ކުރެވިގެންދާނެ އެވެ.

ކުރިން ކުއްލިއްޔާ އެވެ. މިހާރު އިސްލާމީކް ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލު ކުރުމަށެވެ. ކުރިންވެސް ދެކެވުނީ ހަމަ އެއް ވާހަކަ އެކެވެ. މިއަދުވެސް މިދެކެވެނީ އެއް ވާހަކަ އެކެވެ. ފާހަކަ ކޮށްފައިވަނީވެސް ދާދި އެއް ނުކުތާތަކެކެވެ. ދެން އޮތީ މިކަމުގައި މަޖިލީހާއި ސަރުކާރުން ނިންމާނެ ގޮތެކެވެ. މިފަހަރު ނިމޭނީ ކޮން ގޮތަކަށް ކަމެއް ނޭންގެ އެވެ.