މަތީ ތައުލީމް

މަތީ ތައުލީމުގެ އާ ފުރުސަތުތައް: އާޒަމާނެއް!

Feb 21, 2021
8

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތީ ތައުލީމަށް ހާއްސަ ކޮށްގެން މިނިސްޓްރީއެއް އުފައްދާފައި ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ގޮތާއި ތަންތަނުގެ ފެންވަރު މައްޗަށް އުފުލާށެވެ. ކިޔަވައި ދިނުމުގެ ފެންވަރާއި ހަމަހަމަ ފުރުސަތު ދިނުމުގައި އޮތް ޝަކުވާތައް ކުޑަކޮށް ފަރަގު ނައްތާލާށެވެ. އެ މަސައްކަތް ސަރުކާރާއެކު އެބަދެ އެވެ. އެކަމަކު މަތީ ތައުލީމުގެ ފެންވަރު ރާއްޖޭގައި މިހާރު އޮތް ހާލަތާ މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާނެ ބައެއް މީހުން މިހާރު ވެސް އުޅޭނެ އެވެ. ސަބަބަކީ އަބަދުވެސް ހުރިހާ އާއިލާއެއް ވެސް ބޭނުންވަނީ ރާއްޖެއިން ތަނަވަސް ކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް، އަވަސް ހައްލެއް ހޯދައި އެފަދަ ފަހި ފުރުސަތުތައް ގިނަ އިތުރުވާށެވެ.

އެކަމު މިދިއަ ދެ އަހަރެއްހާ ދުވަހަކީ ރާއްޖޭގެ މަތީ ތައުލީމްގެ ފުރުސަތުތައް ފުޅާކޮށް ހަރުދަނާ ކުރަން މުހިން މަސައްކަތްތަކެއް ކުރި ދުވަސްތަކެވެ. އެ މަސައްކަތުގެ ހުރިހާ ޝުކުރެއް އޮތީ ރައީސް ސޯލިހުގެ ސަރުކާރަށެވެ.

މި އަހަރަށް ރައްޔުތުންގެ މަޖިލިސް ހުޅުވައި ދެއްވައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވެއެވެ:

"އަޅުގަނޑުމެންގެ ތަރައްގީގެ ފަލްސަފާއަކީ ގައުމު ކުރިއަރުވައި ތަރައްގީ ކުރުމަށް ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާ ކުރުން،"

ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތައުލީމަށް ހުޅުވައިލި ލޯނުގެ ފުރުސަތުތަކަކީ ތަރައްގީ ގެންނަ ޒުވާން ޖީލެއް އުފައްދަން މި ސަރުކާރުގައި ކުރާ ވަރަށް އަގުހުރި އިންވެސްޓްމެންޓެކެވެ. އެކަމަށް ސަރުކާރު އޮންނާނީ އަބަދުވެސް ހިފެހެއްޓުމަކާ ނުލައި ރެޑީވެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. އެންމެ ހާއްސަ ކަމަކީ ކޮވިޑާއެކު ރާއްޖެއަށް އައި ބޮޑު ބަދަލާއި ހުއްޓުމުގެ ތެރޭގައި ހުރިހާ ކަމެއްގެ ބުރަކި ޖައްސަން ޖެހުނު އިރުވެސް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑައެއް ނުލައި ކުރިޔަށް ދިއުމެވެ.

ނަމްބަރަށް ބަލާއިރު މިދިޔަ އަހަރުގެ ތެރޭގައި ވެސް، މަތީ ތައުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ދިނެވެ. އަދި އެ އަދު އިތުރުކޮށް މިހާރު ވަނީ 770 ފުރުސަތަށް ހުޅުވާލާފަ އެވެ.

ސަރުކާރުން ފަހި ކުރާ މި ފުރުސަތުތަކަކީ ރާއްޖޭގައި ރަނގަޅު އިގްތިސޯދެއް އާރާސްތު ކުރަން ކުރާ އިންވެސްޓްމެންޓެކެވެ. ކުރިޔަށް އަޅާ ފިޔަވަޅެކެވެ. އަދި އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާ ކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުސަތަކެކެވެ. ޒުވާނުން ބިނާ ކުރާށާއި ރާއްޖެ އާރާސްތު ކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހި ކޮށްދޭން ހުޅުވައިދޭ ދޮރެކެވެ.

މަތީ ތައުލީމާއި ފުރުސަތާމެދު ކުރީން އޮތް ނުތަނަވަސްކަން މިހާރު ވަރަށް ބޮޑަށް ވަނީ ފިލައި މަގު އަލިވެފަ އެވެ. ވަރަށް ގިނަ މީހުންނަށް މިހާރު މަތީ ތައުލީމުގެ ފުރުސަތުތަކާމެދު ޔަގީން ކަމެއް އެބަ އޮތެވެ. މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ލަނޑު ދަނޑީގެ މައިގަނޑު އެއް އަމާޒަކީ ވެސް އެ ޔަގީންކަން ހޯދައި ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމެވެ.

މި މަހުގެ 11 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަނުން ހުޅުވައިލި އާ ފުރުސަތުތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ އާ ޖާގަތައް ވަނީ ތަނަވަސް ވެފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވާ ގޮތުގައި މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދުމުގެ ފުރުސަތު ގައި މިހާރު ތައުލީމު ހާސިލްކުރާ ކުދިންނަށް ގިނަ ސްލޮޓުތަކެއް ލިބެ އެވެ. މިއީ ވަރަށް ބޮޑު އިންގިލާބީ ބަދަލެކެވެ. އެ ބަދަލަކީ ރައީސް ސޯލިހު ވިދާޅުވި ގޮތަށް 770 ސްލޮޓް ކަށަވަރުވުމެވެ.

އޭގެ ތެރެއިން 471 ސްލޮޓަކީ މިހާރު ކިޔަވާ ދަރިވަރުންނަށެވެ. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ސްލޮޓެވެ. މިއީ ވޭތުވެދިޔަ ތަނުގައި ވެސް އަދި އެއްވެސް އެހެން ސަރުކާރަކުން ވެސް މަތީ ތައުލީމާއި ތަމްރީނަށް ހުޅުވައިލި އެންމެ ގިނަ ފުރުސަތެވެ.

މިހާރު ފުލް ފަންޑިންގައި ކިޔަވަން ދާ ގައުމުތަކުގެ ލިސްޓު ވެސް ވަނޫ އިތުރުވެފަ އެވެ. އޭގައި ސާކުގެ ގައުމުތަކާއި ޗައިނާ އާއި ފިލިޕީންސާއި ތައިލެންޑާއި މެލޭޝިޔާ އާއި ޔޫކްރެއިނާއި ރަޝިޔާ އާއި ކިރިގިސްތާނާއި ޗެކްރިރިޕަބްލިކާއި އާޒަރްބައިޖާނާއި އިޓަލީ އާއި ޔޫއޭއީ އާއި މޯލްޓާ އާއި ސައުދީ އާއި އިންޑޮނޭޝިޔާ އާއި ގަތަރާއި ސައުތު އެފްރިކާ އާއި މިސްރާއި ފީޖީގެ އިތުރުން މޮރިޝަސް ވެސް ހިމެނެ އެވެ.

"ދެކެން ބޭނުމީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން މަތީ ތައުލީމާ ތަމްރީނު ހޯދާ ހުރިހާ ދިވެހި ދަރިވަރުން އެނބުރި ގައުމަށް އައިސް، އަދި ގައުމުގައި މި ތަމްރީނާއި ތައުލީމް ހޯދާ ދަރިވަރުންވެސް ގައުމުގައި ވަޒީފާ އަދާކޮށް ގައުމުގެ އިގްތިސޯދަށް ކޮންޓްރިބިޔުޓް ކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ލޯނު ފުރުސަތުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަ ޖާގަތައް ކަނޑައަޅާފައި ވެއެވެ. އެއީ ރާއްޖެ އާއި ރާއްޖޭން ބޭރުން ޑިޕްލޮމާ އަދި ޑިގްރީ ހާސިލް ކުރަން އެފަދަ ދަރިވަރުންނަށް ހުޅުގައި ޖާގައެކެވެ. އަދި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އެކުދިންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ވެސް މި ލޯނު ޕްރޮގްރާމުގެ ދަށުން ޖާގަ ދޭނެ އެވެ.

މަތީ ތައުލީމްގެ ލޯނާ ގުޅޭ ބައެއް ނުކުތާ

  • މާޗް މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލޯނަށް ހުށަހެޅޭނެ
  • އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 299 ސްލޮޓު،
  • މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް 471 ޖާގަ
  • ތައުލީމާއި ތަމްރީނު ހޯދުމަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޖާގައެއް
  • ލޯނުގައި ކިޔަވަން ދެވޭ ގައުމުތައް އިތުރުކޮށްފައިވޭ

ސަރުކާރު މިހާރު ހަމަޖައްސާފައިވާ ގޮތުން ފުރަތަމަ ޑިގްރީ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ޓިއުޝަން ފީ އަށް ދޭ ފައިސާގެ އިތުރުން މި ލޯނު ސްކީމުން ދަރިވަރުންގެ އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރުމަތި ލުމުގެ ފުރުސަތު ވެސް ފަހިވެ އެވެ. އަނެއްކޮޅުން އެމްބީބީއެސް އާއި ޕައިލޮޓްކަން ފަދަ ދާއިރާތަކުން ވެސް ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ދެ އެވެ. އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް 20 ސްލޮޓް ހާއްސަ ކޮށްފައިވެ އެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލް ކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެއެވެ. މި ހާލަތުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދިނުމުގައި ސަރުކާރުން މަސައްކަތްކޮށްފި އެވެ.