މަތީ ތައުލީމް

ލެކްޗަރާއިން ބާކީ ކޮށްލުމުން އިހުތިޖާޖަށް

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިންއިރު ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދީފައި ނުވާތީ އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޓީޗަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދެމުންދިޔަ އެވެ. އެކަމަކު ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން މުވައްޒަފުން ވަނީ ކަޅު ހެދުމުގައި މިއަދު އިހުތިޖާޖުކުރަން ފަށާފަ އެވެ.

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަޒީޒާ އަފީފް ވިދާޅުވި ގޮތުގައި މުޅި ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ނަމަވެސް ޔުނިވާސިޓީތައް ބާކީކޮށްލީ ކީއްވެގެންކަން އެނގެން ބޭނުންވެ އެވެ. ޔުނިވާސިޓީ ތަކަކީ ތައުލީމީ ދާއިރާގައި އެންމެ އަގުބޮޑު މަސައްކަތްކުރާ މީހުން ކަމަށާއި އެމީހުންނަކީ އިލްމު ފެތުރުމަށާއި މީހުން ބިނާކުރުމަށް އެންމެ މުހިއްމު މަސައްކަތް ކުރާ މީހުން ކަމަށް އަޒީޒާ ވިދާޅުވި އެވެ.

"ޔުނިވާސިޓީތައް ބާކީ ކޮށްލީ ކީއްވެގެންތޯ އެންމެ ފުރަތަމަ ވެސް އަހާލަން ބޭނުންވަނީ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ވަރަށް އުފާވޭ. އެއީ ހަމަ އެމީހުންނަށް އެންމެ ހައްގު މިންވަރު. އެކަމަކު އަޅުގަނޑުމެން ތަމްރީނުކުރާ ކުދިން މިތަނުން ނިކުމެގެން ދިއުމުން އެބަ ލިބޭ އަޅުގަނޑުމެންނަށްވުރެ ބޮޑު މުސާރަ. އެއީ އަޅުގަނޑުމެންނަށް ހައްގު މިންވަރުތޯ؟" އަޒީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުނިވާސިޓީތަކުގެ މުސާރަ އެންމެ ފަހުން ބޮޑު ކުރީ 2012 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ތަކެތީގެ އަގުތަކަށް އެތައް ބަދަލެއް އައިސްފައިވާއިރު ހަމަ އެ މުސާރައިން ފުއްދާލައިގެން ނޫޅެވޭނެ ކަމަށެވެ. މުސާރަ ބޮޑުކޮށްދިނުމަށް އެދި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން އެހެން ދާއިރާތަކަށް އެތައް ފަހަރަކު މުސާރަ ބޮޑުވެގެން ދިޔައިރު ވެސް ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ކިހިނެއްހޭ އޭރުގެ މުސާރަ ލިބިގެން ތާހިރު ދިރިއުޅުމެއް އުޅޭނީ. އަޅުގަނޑުމެން ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން ބޮޑެތި އެސައިންމެންޓް ޕޭޕަރުތައް މާކުކުރަން ޖެހޭ. ކޮންމެ ލެކްޗަރާއަކު 50 ވަރަކަށް ކުދިން ގެންގުޅޭ އިރު ކިހާ ވޯކް ލޯޑް ބޮޑުވާނެ،" އަޒީޒާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގެ މުވައްޒަފުން ހައުސިން މަޝްރޫއުތަކުން ވެސް ބާކީކޮށްލާފައިވާ ކަމަށެވެ. އެގޮތުން ޔުނިވާސިޓީ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިންގެ ދެ ޓަވަރު އަޅަން ނިންމި ނަމަވެސް އެ މަޝްރޫއަށް ވީގޮތެއް ވެސް ނޭނގުމަކީ ކަންބޮޑުވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ސަރުކާރުން އެ ދަންނަވަނީ ޔުނިވާސިޓީތަކަށް ވެސް މުސާރަ ބޮޑުވާނެއޭ ކޮށްދޭނަމޭ. އަޅުގަނޑުމެން މި ބުނަނީ އެކަން ވާނެ ދުވަހެއް ބުނާށޭ. އަޅުގަނޑުމެންނަށް ތާރީހެއް ދޭށޭ. އޮޅުމަކުން ނަމަވެސް އަޅުގަނޑުމެން މިވަނީ ބާކީވެފަ،" އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުން ބުނާ ގޮތުގައި މުސާރައަށް ހެޔޮ ބަދަލެއް ނުގެނެސްދެނީސް އިހުތިޖާޖުކުރުން ހުއްޓައިނުލާނެ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ އެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާ އަށް ވުރެ ބޮޑު ވާނެ އެވެ. ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 20،049 ރުފިޔާ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެ އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 22،273 ރުފިޔާ ލިބޭއިރު ރޭންކް ދޭއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 24،941 ރުފިޔާ ލިބޭނެ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27،590 ރުފިޔާ ލިބޭނެ އެވެ. މިއީ 78 ޕަސެންޓާއި 54 ޕަސެންޓާ ދެމެދުގެ ކުރިއެރުމެކެވެ.