ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ މި މަހުންގެ ފެށިގެން 59 ޕަސަންޓް އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫއަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅުގައި ވިދާޅުވީ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނަށް އިތުރު ވަގުތާ ނުލާ މިހާރު 29،900 ރުފިޔާ ލިބޭނެ ކަމަށެވެ. ކުރިން ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނަށް ލިބުނީ 18،680 ރުފިޔާ އެވެ،
ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ އިތުރުން ޔުނިވާސިޓީތަކުގެ އިސްވެރިންގެ މުސާރަވެސް ވަނީ ބޮޑުވެފަ އެވެ.
މުސާރައަށް އައި ބަދަލުތައް
- ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް
- ރަޖިސްޓްރާ: 23،000 ރުފިޔާއިން 42،000 ރުފިޔާއަށް
- ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް
- ސީނިއާ ލެކްޗަރާ: 20،830 ރުފިޔާއިން 34،000 ރުފިޔާއަށް
- އެސިސްޓެންޓް ޕްރޮފެސާ: 23،500 ރުފިޔާއިން 39،400 ރުފިޔާއަށް
- އެސޯސިއޭޓް ޕްރޮފެސާ: 26،000 ރުފިޔާއިން 45،000 ރުފިޔާއަށް
- ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް
- ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް
- ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް
މުސާރައަށް ގެނައި ބަދަލާއެކު 767 މީހުންގެ މުސާރަ ބަދަލުވެފައިވާ ކަމަށާއި މުސާރައަށް ގެނައި ބަދަލާއެކު އަހަރަކު 63 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މާޗް މަހު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފަ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.