ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ވަކިން ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. މައުމޫންގެ ޓްވީޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓެގް ކުރައްވާފައިވެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ދެ ޔުނިވާސިޓީ އެއްކޮށްލައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫއެމް ހަދަން ތާއީދުކޮށް ވަރަށް ބޮޑަށް އެކަމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވެސް ހިމެނެ އެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ މެންބަރުން ވަނީ އެ ވިސްނުމާ ދެކޮޅު ހައްދަވާފަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެ ވިސްނުމާ ދެކޮޅު ކަން ހާމަކޮށްފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ ވަކި ޔުނިވާސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތައް ދަނީ ފާޅު ކުރަމުންނެވެ.