ހަބަރު

އިސްލާމީ ޔުނިވާސިޓީގެ ހިދުމަތް ކުރިއަށް ގެންދާނަން: ރައީސް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަށަވަރު ކޮށްދެއްވައިފި އެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވާސިޓީ ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވިދާޅުވީ ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓް

އިސްލާމިކް ޔުނިވާސިޓީގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި މި ވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އެއްކޮށް، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫމް ހަދަން ތާއީދުކޮށް އެ ކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނެ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އެ ވިސްނުމާ ދެކޮޅު ކަން ހާމަކުރައްވާފަ އެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެ ކަމަށް ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.