ހަބަރު

ޔުނިވާސިޓީތަކުގެ ބިލުތަކާ ގުޅޭ ގޮތުން ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރަން ނިންމައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) ގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާ ގުޅޭ ގޮތުން ކަމާ ބެހޭ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލު ދިރާސާ ކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ހުށަހެޅުއްވީ އެ ބިލު ދިރާސާ ކުރަން ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށެވެ. އޭނާގެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގޮތުން ކޮމިޓީން ބައްދަލު ކުރަން ނިންމީ ދެ ޔުނިވާސިޓީގެ ޗާންސެލަރުންނާއި އެހެން އިސްވެރިންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އިސްލާމިކް މިިނިސްޓްރީގެ އިސްވެރިން، އަދި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންނާ އެވެ. އަދި ޔުނިވާސިޓީގެ ކުރީގެ ބައެއް އިސްވެރިންނާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމި އެވެ.

ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާއި މަޝްވަރާކޮށް ބިލު ދިރާސާކުރުމުގެ މަސައްކަތް ދެ ހަފުތާ ދުވަހުގެ ތެރޭގައި ނިންމަން ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އަދި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަޑަވެެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދެ ބިލުގައި ވެސް މައިގަނޑު ގޮތެއްގައި އިސްލާހު ކުރަން ހުށަހަޅާފައިވާ ދެ ޔުނިވާސިޓީގެ ކައުންސިލަށް ބަދަލުތަކެއް ގެނައުމަށެވެ.

ދެ ޔުނިވާސިޓީގެ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވަނީ ދެ ޔުނިވާސިޓީ އެއްކޮލައި އައިޔޫމްއަކީ ގައުމީ ޔުނިވާސިޓީއެއްގެ ފެކަލްޓީއަކަށް ހެދުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ދެ ޔުނިވާސިޓީ އެއްކުރުމަށް ދެއްކި ވާހަކަތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ގޮތުން އިސްލާމިކް މިނިސްޓަރު ޒާހިރު ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.