ޑރ. މުހައްމަދު އިޔާޒް

ހެކި ދައްކާ، އަމިއްލައަށް އިސްތިއުފާ ދޭނަން: އިޔާޒް

އަންހެނުން ހިތާނު ކުރަން ހިތްވަރު ދެއްވި ކަމުގެ ހެކި ދައްކައިފި ނަމަ އަމިއްލަފުޅަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވެފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އިޔާޒު ދައްކަވާ ވާހަކަތަކުގެ ސަބަބުން އެމްއެންޔޫއިން ބަލަމުންދާ މައްސަލައަށް އިޝާރާތް ކުރައްވަ އެވެ.

އިޔާޒު މިއަދު ވިދާޅުވީ "އަންހެނުން ކުދިން ހިތާނު ކުރުން އެއީ އިސްލާމްދީނުގައި ނެތް ކަމެއް ކަމަށް ބުނުމަކީ ދޮގެއް" ކަމަށާއި އެއީ ބުނެގެން ވާނެ އެއްޗެށް ނޫން ކަމަށެވެ. އިސްލާމް ދީނުގައި ފިރިހެން ކުދިން ހިތާނު ކުރުން ވާޖިބު ނަމަވެސް އަންހެން ކުދިން ކުރުން ވާޖިބު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް މީހެއް ކައިރީ ބުނެފައެއް ނުވާނެ އަންހެނުން ކުދިން ހިތާނު ކުރާށޭ ވެސް އަދި ނުކުރާށޭ ވެސް" އިޔާޒު ވިދާޅުވި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ އިޔާޒުގެ މައްސަލަ ބަލަން ހާއްސަ ކޮމެޓީއެއް އެކުލަވާލާފައި ކަމަށާއި ކޮމެޓީގައި ދީނީ އިލްމުވެރިންގެ އިތުރުން އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރައްވާފައިވާ އަންހެން ބޭފުޅުން ވެސް ހިމެނޭނެ ކަމަށެވެ.

"ކުރިން ވެސް އިޔާޒު ވަނީ ސަސްޕެންޑް ކޮށްފައި، އެފަހަރު އެންމެ ފަހުގެ އިންޒާރު ވަނީ ދީފައި. މި ފަހަރުގެ މައްސަލައާ ގުޅިގެން ކޮމިޓީން އަދި ގޮތެއް ނުނިންމާ،" ވައިސް ޗާންސެލާ ޝަރީފް ވިދާޅުވި އެވެ.

ހާއްސަ ކޮމެޓީއަކުން އިޔާޒުގެ މައްސަލަ ބަލާއިރު ޖުލައި އެކެއްގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އަންހެނުން ހިތާނު ކުރަން ހިތްވަރު ދެއްވާ ކަމަށް ބުނެ، އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެކަމާ ގުޅިގެން އިޔާޒު ވިދާޅުވީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.

މީގެ ކުރިން އިޔާޒު ސަސްޕެންޑް ކޮށްފައި ވަނީ މި އަހަރުގެ މާޗްމަހުގަ އެވެ. އެއީ ވެސް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެނެ އެވެ. އެފަހަރުގެ 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދީ، ސަސްޕެންޝަން އުވާލި އެވެ. އިޔާޒް ވަޒީފާއިން ސަސްޕެންޑް ކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވެސް އެ ފަހަރު ހުށަހެޅުއްވި އެވެ.