ރައްޔިތުންގެ މަޖިލިސް

އަގަށް އެސައިންމަންޓް ހަދައިދޭނަމަ ޖޫރިމަނާކުރަން ފާސްކޮށްފި

އެހެން މީހަކު ލައްވައި އަގަށް އެސައިންޓްމަންޓް ހަދައިދިނުން ކުށަކަށް ހަދައި، ޖޫރިމަނާކުރެވޭ ގޮތަށް މަތީ ތައުލީމުގެ ބިލް އިސްލާހުކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު އިސްލާހު ކުރި ބިލްގައިވާ ގޮތުން ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ އެސައިންޓްމަންޓެއް އެހެން ފަރާތަކަށް އަގު ދީގެން އެ މަސައްކަތް ކުރުމާއި އަދި އެހެން ފަރާތަކުން އެކަން އަގަށް ކޮށްދޭން ހުށަހެޅުމަކީވެސް ކުށެކެވެ. އެގޮތުން ދަރިވަރަކު އެހެން ފަރާތެއް ލައްވައި އަގު ދީގެން އެސައިންޓްމަންޓް ހަދައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރެެވެ އެވެ. އަދި އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިިޔާއިން ޖޫރިމަނާ ކުރެވެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން އަގު ދީގެން އެސައިންޓްމަންޓް ހަދުވާނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމު ދޭ އިންސްޓްޓިއުޝަން ތަކުގައި ގާއިމްކޮށްފައި ހުންނަން ޖެހެ އެވެ. ނަމަވެސް ވިޔަފާރިއަކަށް އެކަން ކުރާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނީ މިނިސްޓްރީން ގާއިމުކުރާ ނިޒާމެއްގެ ދަށުން ކަމަށް ބިލްގައިވެ އެވެ.

އެގޮތަށް އެ އިސްލާހު ހުށަހެޅީ އެހެން މީހުން ލައްވައި އެސައިންޓްމަންޓް ހެދުން އާންމުވެ ދަރިވަރުންނަށް ހަގީގީ މަންފާ ނުލިބި ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ފެންވަރު ދަށްވެގެން ދާތީ ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މަތީ ތައުލީމުގެ ބިލަށް އިސްލާހު ހުށަހެޅިއިރު ނެޝަނަލް ރިސާޗް ކައުންސިލެއް އުފައްދަން ހުށަހެޅި އެވެ. ނަމަވެސް އެފަދަ ކައުންސިލެއް މިވަގުތު އުފައްދަން ނުފެންނާތީ ބިލްގައިވާ އެ ބާބު ފާސްކުރަން ނުފެންނަ ކަމަށްވެސް ވަނީ ނިންމާފަ އެވެ.