އިސްލާމިކް ޔުނިވާސިޓީގެ ބަދަލުގައި ގައުމީ ޔުނިވާސިޓީގައި އިސްލާމިކް ފެކަލްޓީއެއް ގާއިމް ކުރުމުގެ ހިޔާލެއް ރައްޔިތުންގެ މަޖިލީހުގައި ފާޅު ކުރެއްވުމުން ބޯ ބުރި ކުރަން ބައެއް މީހުން ގޮވާލި ކަމަށް ވިދާޅުވެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މަތީ ތައުލީމުގެ ބިލަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ތަޅުމުގައި އިސްލާމިކް ޔުނިވާސިޓީގެ ބަދަލުގައި ފެކަލްޓީއެއް ހެދުމުގެ ހިޔާލެއް ފާޅު ކުރެއްވުމުން ބައެއް މީހުން "ކަރު ބުރި ކުރަން އަމުރު ކުރީ" ކަމަށެވެ.
އިންތި ވީދާޅުވީ، ދައުލަތުގެ ހަރަދުގައި ކުރެވޭ ކަމަކަށްވާނަމަ ދެ ޔުނިވާސިޓީ ހިންގުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީއެއް އޮތުމަކީ އޭނާ މަރުހަބާ ކިޔާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ބަދަލުގައި ފެކަލްޓީއެއް ހެދުމުގެ ވިސްނުން ފާޅު ކުރެއްވީ އިސްލާމް ދީން އޮތުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ނޫން ކަމަށާއި ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށެވެ. އިންތި ވިދާޅުވީ އެ ހިޔާލު އޭނާ ފާޅު ކުރެއްވީ އެ ގޮތަށް ހަމަޖެއްސުމުން މިހާރަށްވުރެ މަތީ ފެންވަރުގައި އިސްލާމީ މާއްދާތަކުގެ ތައުލީމު ފޯރުކޮށްދެވޭނެ ކަމަށް ދެކެވަޑައިގެން ކަމަށެވެ.
"އެ ވާހަކަ ދައްކާއިރަށް އަޅުގަނޑުގެ ކަރު ބުރި ކޮށްލާ ހިސާބަށް ބައެއް މީހުން ވިސްނުން ދިޔައީ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އިސްލާމިކް ޔުނިވާސިޓީއަށް ބަދަލެއް ގެނައިމަ އިސްލާމް ދީން މި ގައުމުން ފުހެވިގެންދާ ކަމެއްތޯ އެކަމަކު ކަރު ބުރި ކުރާ ވާހަކައާ ހަމައަށް ގެނައީ." އިންތި ވިދާޅުވި އެވެ.