މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އެއްކޮށްލުމަށާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫއެމް ހެދުމުގެ ހިޔާލު މަޖިލީހުގައި މެންބަރުން ފާޅު ކުރުމުން އެކަމަށް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި އިސްލާހާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި އެ ދެ ޔުނިވާސިޓީ އެއްކޮށްލުން ސިފަ ކުރެއްވީ އެ އައިޔޫއެމް ވުޖޫދުން ފުހެލުމަށް އެޅި ފުރަތަމަ ފިޔަވަޅުގެ ގޮތުގަ އެވެ.
"2008 ގައި އެމްޑީޕީ ވެރިކަމަށް އައިސްފަ ދިމާކުރީ އަރަބި އިސްލާމީ ތައުލީމު މި ގައުމުން ފުހެލަން. އެ ފަހަރަކު ނުވި،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމުން އެ ގައުމެއްގެ އިސްލާމީ ޝަހުސިއްޔަތު ދައްކުވައިދޭ ކަމަށެވެ. ގައުމެއްގެ ނިސްބަތުން އެ ގައުމެއްގެ ހައިބަތާއި ކަރާމާތް ހިފެހެއްޓުމަކީ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެ ޔުނިވާސިޓީ ކައުންސިލްގެ 12 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ސީދާ ރައީސް އައްޔަން ކުރާ މެންބަރުނެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ޔުނިވާސިޓީގެ ކައުންސިލަށް ރައީސް އައްޔަން ކުރާ މެންބަރުން މަދެވެ.
މަޖިލީހުގައި އެކަމަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ މެންބަރުންގެ ވިސްނުން ހުރީ އެ ދެ ޔުނިވާސިޓޫ އެއްކޮށްލާށެވެ.
އައިޔޫއެމް އުފެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.