އިންތިހާބުތަކަށް ސަރުކާރުން ނުފޫޒާއި ބާރުފޯރުވުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ގަރާރުގައި ބުނެފައިވަނީ އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށެވެ.
ހައްގުތަކާއި މިނިވަންކަން ކުރިއެރުވުމަކީ ގާނޫނު އަސާސީން ދައުލަތުގެ ވާޖިބެއްކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ ކަންބޮޑުވުންތަކަށް އިތުބާރު ކުރެވޭ ހައްލެއް ދައުލަތުން ނުވަތަ ސަރުކާރުތަކުން ހޯދައިދީފައިނުވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ އެނޫން ބޭފުޅުން ވާދަކުރައްވާ އިންތިހާބުތަކުގެ ކެމްޕޭން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައްވައިގެން ކުރެއްވުމާއި، އެފަދައިން އެއްކޮށްލައްވައިގެން ދަތުރުކުރެއްވުމުގެ ބޭނުމަކީ ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކުރެވޭ ގޮތް އޮޅުވާލެއްވުން ކަމަށްދެކޭތީއާއި، އަދި އެއީ އިންތިހާބަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވުންކަމަށް،" ގަރާރުގައި ވަނީ ބުނެފަ އެވެ.
އިންތިހާބުތަކުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް އެތައް ގުނައަކުން އިތުރުކޮށް ވަޒީފާތައް ހުށަހަޅައިގެން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. ސަރުކާރު ބޭނުންވާ ކެންޑިޑޭޓަށް ތާއީދުކޮށް ކެމްޕޭންކުރަން މަޖުބޫރުކުރުވާ ކަމަށާއި އެގޮތަށް އެކަން ނުކޮށްފިނަމަ ސަރުކާރުގެ ސިޔާސީ ވަޒީފާގައި ދެމިނުހުރެވޭނެކަމުގެ އިންޒާރު ދެމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ގަރާރުގައި ވަނީ އިންތިހާބުތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އެސްއެމްއީ ލޯނުތައް އިއުލާނުކުރުމާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ ޕްރޮޖެކްޓްތައް ހުއްޓާލާނެ މޭރުމުން ކެމްޕޭނުގައި ވާހަކަ ދައްކާ އިޒާރުދެމުންގެންދާ ކަމަށްވެސް ބުނެފަ އެވެ.
ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދޭ ކަމަށާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕޭން ކޮށްދޭ ކަމަށް މި ގަރާރުގައި ވަނީ ބުނެފަ އެވެ.
އެކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލޭ ކަމަށާއި އިތުބާރު ކުޑަވެ ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުން ލިބޭ ކަމަށް ބުނެފައިވެ އެވެ.