ހަބަރު

ޔުނަވާސިޓީ ބިލުތަކަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލުތަކަށް ހިޔާލު ހުށަހަޅަން އާންމުންނަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ދިރާސާ ކުރަމުންދާ ދެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ކަމަށެވެ.

ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމުން ނުވަތަ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން ހިޔާލު ބަލައިގަންނާނެ އެވެ.

ދެ ބިލު ދިރާާސާ ކުރާ ކޮމިޓީން ވަނީ ދެ ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އިސްލާމިކް މިިނިސްޓްރީގެ އިސްވެރިންގެ އިތުރުން ގުރުއާނާބެހޭ މަރުކަޒުގެ އިސްވެރިންނާ ވެސް ބިލާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދެވެ. އަދި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަޑަވެެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދެ ބިލުގައި ވެސް މައިގަނޑު ގޮތެއްގައި އިސްލާހު ކުރަން ހުށަހަޅާފައިވާ ދެ ޔުނިވާސިޓީގެ ކައުންސިލަށް ބަދަލުތަކެއް ގެނައުމަށެވެ. އެ ގޮތުން ރައީސް އައްޔަން ކުރާ މެންބަރުން މަދުކުރަން ވަނީ ހިމަނާފަ އެވެ.

ދެ ޔުނިވާސިޓީގެ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވަނީ ދެ ޔުނިވާސިޓީ އެއްކޮލައި އައިޔޫމްއަކީ ގައުމީ ޔުނިވާސިޓީއެއްގެ ފެކަލްޓީއަކަށް ހެދުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ދެ ޔުނިވާސިޓީ އެއްކުރުމަށް ދެއްކި ވާހަކަތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ.