ކޮވިޑް-19 ފެތުރި ސްކޫލްތައް ފުރަތަމަ އެއް ހަފުތާއަށް ބަންދު ކުރިއިރު ދަރިވަރުންނާއި ޓީޗަރުން ތިބީ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާގެ މިޑްޓާމް ބްރޭކްގެ ތެރޭގަ އެވެ. މި ބަލާއާފާތުގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވައި ނުދީ ތިން މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވެ އެވެ. ފުރަތަމަ ސްކޫލްތައް އެއް ހަފުތާއަށް ބަންދު ކުރިއިރު މިކަން މިހާ ދިގުލައި ހިނގައިދާނެ ކަމަށް އެއްވެސް މީހަކު ނުވިސްނާނެ އެވެ. ނަމަވެސް ބަލި ފެތުރުން އިތުރުވެ އާންމު ހުރިހާ ތަނެއް ބަންދުކޮށް ކުރިން ވިސްނައި ލެވިފައި ނެތް ގޮތަކަށް ދިރިއުޅުން އަނބުރާލަން މަޖުބޫރުވި އެވެ.
ލޮކްޑައުނަށް މިހާރު ލުޔެއް ލިބިފައި ވިޔަސް ފުލް ލޮކްޑައުންގައި އެންމެނަށް ވެސް ތަފާތު ތަޖުރިބާތައް ކުރެވުނެވެ. އެންމެ ތަފާތު ތަޖުރިބާއެއް ކުރަންޖެހުނު ބަޔަކަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވާނެ އެވެ. އަދި މުސްތަގުބަލަށް އެންމެ ބޮޑު އަސަރެއްކޮށްފާނެ އެއް ތަޖުރިބާއަކަށް ވެސް ސްކޫލް ތަޖުރިބާތައް ވުން ވަރަށް އެކަށީގެންވެ އެވެ.
ލޮކްޑައުންގައި ރާއްޖޭގެ ދަރިވަރުންނާއި ބެލެނިވެރިން ކުރި ތަޖުރިބާ ވަރަށް ތަފާތެވެ. ދަތި އުނދަގޫ ހާލަތުގައި ވެސް ޓީޗަރުން މަސައްކަތް ފެށި އެވެ. ދަރިވަރުންނަށް އުނގަންނައި ދެވެން އޮތް މަގުތަށް އަވަހަށް ހޯދާ އެކަމައިގެން ކުރިއަށް ދިޔައެވެ. ބެލެނިވެރިން އަވަސްވީ އެ އިރުޝާދުތަކުގެ ދަށުން އެމީހުންގެ ދަރިންނަށް ފުރުސަތު ފަހިކޮށް ދެވޭތޯ އެވެ.
ކުރީން ފަތިހު ތެދުވެ ކުދިން ސްކޫލަށް ފޮނުވުމަށް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅޭ ބެލެނިވެރިޔާގެ މަސައްކަތަކަށް މި ލޮކްޑައިންގައި ވެފައި އޮތީ ދަރީންނަށް ކިޔަވައި ދިނުމަށް ލެޕްޓޮޕާއި ޓެބްލެޓާއި ޓީވީ ކައިރީގައި ދަރިންނާއެކު ވަގުތު ހޭދަ ކުރުމެވެ. ކިޔަވައި ދިނުން އޮންލައިން ސިސްޓަމަށް ބަދަލުވުމާ ގުޅިގެންނެވެ.
އުޅެނީ ތަފާތު ހާލާތްތަކުގައި ދިރިއުޅޭ މީހުންނެވެ. ވަޒީފާއަށް ދަމުން ދަރިން ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާ މީހުންނާއި، ވަޒީފާއަށް ނުދިޔަސް އާމްދަނީ ހޯދުމަށް ގޭގައި ތިބެ މަސައްކަތް ކުރަމުން ދިރި އުޅޭ މީހުނާއި، ދެމަފިރިން ދަރީން ގޮވައިގެން ވަކި ދިރިއުޅުން އުޅޭ މީހުންނާއި އާއިލާގެ އެހެން މެންބަރުންނާއެކު ދިރިއުޅުން ކުރިއަށް ގެންދާ މީހުންނެވެ. މިހެން ހުރި ވަރަށް ގިނަ ސަބަބުތަކާއެކު ލޮކްޑައުންގައި ކިޔަވައި ދިނުމުގެ މި ސިސްޓަމް ތަފާތު ތަޖުރިބާއަކަށް ވެގެން ދިޔަ އެވެ.
ކުރިންނަމަ ވަޒީފާއަށް ދާ ބެލެނިވެރިޔާ އާންމުކޮށް ވަޒީފާއަށް ދަނީ ދަރިން ސްކޫލަށް ފޮނުވާފަ އެވެ. އެވަގުތު ދަރިފުޅު ހުންނާނީ ސްކޫލުގެ ބެލުމުގެ ދަށުގައިކަން ޔަގީންވާތީ ބެލެނިވެރިޔާއަށް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެވަގުތުކޮޅު މާބޮޑުހާސް ކަމެއް ނޯވެ އެވެ.
ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގައި ސްކޫލްތައް ބަންދުވުމާ ގުޅިގެން ދަރީން ގޭގައި ތިބުމާއި އެހެން ހުރިހާ މުއައްސަސާތަކުގެ މަސައްކަތްތަކަށް ވެސް ހުއްޓުމެއް އައިސް ވަކި ހިސާބަކުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުމުން ދިމާވި ގޮންޖެހުންތައް ވަރަށް ގިނަ އެވެ.
ދިމާވި ބައެއް ގޮންޖެހުންތައް
ސްކޫލެއް ހިންގުމުގައި އުޅުއްވާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އޮންލައިންކޮށް ކިޔަވައި ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ބައެއް ބެލެނިވެރީން މިފަދަ ކަންކަމަށް އަހުލުވެރިވެފައި ނެތުމެވެ. ހާއްސަކޮށް ކީ ސްޓޭޖް އެކެއް، ދޭއް އަދި ތިނެއްގެ ދަރިވަރުންގެ ބެލެނިވެރިން ޓެކްނޮލޮޖީއަށް އަހުލުވެރި ނުވެ މިފަދަ ގޮތަކަށް އޮންލައިން ކްލާސްތަކެއް ގެންދިޔަ ނަމަވެސް އެކަށީގެންވާ ނަތީޖާ ނުނެރެވޭނެ އެވެ.
ގްރޭޑް ހަޔަކުން ފެށިގެން މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ގައިޑެއް ފޮނުވާ އެއަށް އަމަލު ކުރަން އެންގުމުން އެ ދަރިވަރުން އެއަށް އަމަލުކޮށް އޮންލައިން ކްލާސް ރޫމަށް ޖޮއިން ވުމުގެ ކަންކަން ކުރެވޭ ވަރަށް އެ އުމުރުފުރައިގެ ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރި ވެފައިވީ ނަމަވެސް ދަރިވަރުންގެ އަތުގައި ވަސީލަތް ނެތްކަން ފާހަގަވެފައި ވެއެވެ.
ކޮމްޕިއުޓަރު ސިސްޓަމާއި، ލެޕްޓޮޕާއި ޓެބްލެޓް ފަދަ ވަސީލަތްތަކަކީ އަދިވެސް ހުރިހާ ދަރިވަރުންގެ އަތުގައި ހުންނާނެ ވަސީލަތްތަކެއް ނޫނެވެ. އުސޫލެއްގެ ގޮތުން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކުރެވިފައި ހުރި ނަމަވެސް އެތަކެތީގައި ކޮންމެވެސް ވަރަކަށް މައްސަލަތައް އުޅުނެވެ. އެކަމަކު މިހާރު ވަނީ އެ މައްސަލަތަކަށް ހައްލު ހޯދާފަ އެވެ.
ތައުލީމީ ދާއިރާގެ ވެރިޔަކު ވިދާޅުވި ގޮތުގައި މިއީ ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންނަށް ވެސް ވަރަށް ވަރުގަދަ ލާނިން އެކްސްޕީރިއަންސަކަށް ވެގެން ގޮސްފައި ވެއެވެ. ކުރިއަށް އޮތް ތަނުގައި މިއީ "މޯޑް އޮފް ޓިޗިން" އެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދެވިދާނެ ކަމަށް ވެސް އޭނާ ދެކެ ވަޑައިގަންނަވަ އެވެ.
ދެ ކުދިންގެ މަންމައެއް އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހޯމް ސްކޫލިން ގައި ވަރަށް ބޮޑު ރޯލެއް ބެލެނިވެރިން އަދާ ކުރެ އެވެ. ބެލެނިވެރިންގެ ހިތްވަރު ހުރިވަރަކުން އޭގެ ނަތީޖާ ވަރަށް ފޮނިކޮށް ނެރެވިދާނެ އެވެ.
"ރެގިއުލާ މޯޑް ގައި ކިޔަވައިދެމުން އައި ކޮންޓެންޓް އޮންލައިން މޯޑަށް ބަދަލުކޮށް ޑެލިވެރީ ކޮށްދެމުން ދެ ކުދިންގެ އޮންލައިން ކްލާސްތަކަށް އެޓެންޑު ވަމުން މެނޭޖް ކުރުންވީ ވަރަށް ބޮޑު ޗެލެންޖަކަށް" އޭނާ ވިދާޅުވި އެވެ.
"މިހާރު ވޯކިން އަވާސް މިޖެހެނީ ބަހައްޓާލަން ހެނދުނު ކުދިންގެ ކްލާސްތައް ފެށޭތީ، ކްލާސްތައް މިފެށެނީ ހެނދުނު 9:00 ޖަހާއިރު. އެގަޑީގައި ފަށައިގެން ގޮސް މެންދުރު ފަސް ވަންދެން މި ކްލާސްތައް ކުރިޔަށް އެބަދޭ. އަނެއްކޮޅުން އެމްއެންޔޫ ގައިވެސް ކިޔަވާ ކުދިންގެ ތެރޭގައި އެބައުޅޭ މަންމައިން. އެކުދިންގެ ރިކުއެސްޓް ޕްލަސް މައި ކޮންވީނިއަންޓަށް ބަލާ ކްލާސްތައް ކުރިއަށް ގެންދިއުމަށް އެންމެ ފަސޭހަ ވަގުތަކަށް ވާނީ ރޭގަނޑު ކަމަށްވާތީ ބޮޑަށް ރޭގަނޑު ކްލާސްތައް ކުރިއަށް މިގެން ދަނީ. އެކަމަކު ބައެއް ކްލާސްތައް ހަވީރު ވެސް ނަގަން.
އޭނާ ވިދާޅުވި ގޮތުގައި ޔުނިވާސިޓީގެ ދަރިވަރުންނަށް ގޭގައި ކިޔަވައި ދިނުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ރިސޯސަސް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތުމެވެ. ދިމާވާ އެންމެ ބޮޑު އެއް ޗެލެންޖަކީ އިންޓަނެޓް ކަނެކްޝަން ރިލަޔަބަލް ނުވުމެވެ. ކްލާސް ކުރިޔަށް ދާއިރު އިންޓަނެޓް ކަނެކްޝަން ނުލިބިގެން މަޑުކޮށްލަން ޖެހެ އެވެ. އަދި ބައެއް ދަރިވަރުން ކްލާހުން ބޭރުވެ އެވެ.
"ހާއްސަކޮށް ވިއްސާރަ ނަމަ ކަނެކްޝަންގެ މައްސަލަ ވަރަށް ބޮޑަށް ދިމާވޭ. މިގޮތަށް ޑިސްކަނެޓްވާ ކޮންމެ ފަހަރަކު އަލުން އެކުއްޖަކަށް ކަނެކްޝަން ލިބެން ދެން މަޑުކުރުމަކީ ވެސް ވަރަށް ގިނަ ވަގުތު ތަކެއް ހޭދަވާނެ ކަމަކަށް މިވަނީ. އެހެންވީމާ ދެން އެ ކުދިން ކައިރީ ބުނަނީ ޕަވާޕޮއިންޓް ސްލައިޑްތައް ބަލާފަ އެއްވެސް އޮޅުމެއް އަރާނަމަ ކޮންޓެކްޓު ކުރަން." އޭނާ ވިދާޅުވި އެވެ.
ދަރިވަރުންގެ އަތުގައި ލެޕްޓޮޕް ފަދަ ވަސީލަތްތައް ނެތުމުން ބައެއް ދަރިވަރުންނަށް ކްލާސް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެ އެވެ. އެއީ ވެސް އޮތް މައްސަލަ އެކެވެ.
އޮންލައިން ކްލާސްތައް ކުރިއަށް ގެންދާއިރު ދަރިވަރާ ޓީޗަރާ ދެމެދު ރަނގަޅު ކޮމިއުނިކޭޝަނެއް އޮތުން ވަރަށް މުހިންމުވެ އެވެ. ނަމަވެސް ބައެއް ދަރިވަރުން ދިރިއުޅެމުން ގެންދާ މާހައުލުގެ ގޮތުން އެކަން އެންމެ އެދެވޭ ގޮތުގައެއް ނުގެންދެވެ އެވެ.
ބައެއް ލެކްޗަރާއިން ވިދާޅުވާ ގޮތުގައި ކްލާސް ކުރިއަށް ދާއިރު ބައެއް ކުދީން އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އެކަމާ ސުވާލު ކުރުމުން ކުދީންގެ ފަރާތުން ލިބޭ ޖަވާބުތަކުން ދޭހަ ވަނީ ކުދިން ވާހަކަ ދައްކަން ބޭނުން ވިޔަސް ދިރިއުޅޭ މާހައުލު އެކަމަށް ތަން ނުދޭ ކަމެވެ.
"އެބަ ބުނޭ މައިކް އަންމިއުޓް ކޮށްލައިފިއްޔާ ފަހަތުން ވަރަށް އަޑު ގަދަ ވާނެއޭ. ތިމަންނަ މިއުޅެނީ ވަރަށް ގިނަ ބަޔަކާ އެކީގައޭ. އެހެންވެގެންނޭ ވާހަކަ ނުދައްކަނީ". އެމްއެންޔޫގެ ޕާޓްޓައިމް ލެކްޗަރާއަކު ވިދާޅުވި އެވެ.
މި ހާލަތުގައި ޕްރީސް ސްކޫލް ކުދިންނަށް ވެސް އެކި ގޮތްގޮތުން އުނގަންނައި ދޭން ސްކޫލްތަކުން މަސައްކަތް ކުރަމުންދާތަން ފެނެ އެވެ. ލޮކްޑައުން އަކަށް ގޮސް ސްކޫލްތައް ބަންދުވި ހިސާބުން ކުދިން ގޭގައިތިބެ ބެލެނިވެރިންގެ އެހީއާއެކު ކޮށްލެވޭނެ ބައެއް މަސައްކަތްތަކާއި އެކުދިންނަށް އެކަށީގެންވާ ގޮތަށް ވީޑިއޯ ކްލިޕްތައް ތައްޔާރުކޮށް ވައިބާ މެދުވެރިކަށް ހިއްސާ ކުރަމުން ދިޔަ އެވެ. ނަމަވެސް ރޯދަ މަސް ނިމުމާއެކު ބައެއް ޕްރީ ސްކޫލްތަކުން ވަނީ ތުއްތު ކުދިންނަށް ވެސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންގޮސްފަ އެވެ.
ބެލެނިވެރިޔަކު ބުނި ގޮތުގައި ކުދީންގެ މިޒާޖު ހުންނަ ގޮތުން އާންޓީގެ ރެސްޕޯންޑް އެކުދިން ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެކަމަކު އޮންލައިންކޮށް ކްލާސް ކުރިއަށްގެން ދާއިރު އިންޑިވިޖުއަލް އެޓެންޝަން ދިނުމަކީ އާންޓީއަށް ކުރެވޭނެ ކަމަކަށް ނުވެއެވެ.
"މިހެންވީމަ ވާގޮތަކީ ކުއްޖާ ޑިސްކަރޭޖް ވަނީ. ދެން އެހާ ހިސާބުން އިންނާނީ މޫޑް ގެއްލިފައި. ބޭނުން ނުވެދާނެ ލެޕްޓޮޕަށް ބަލަން ގޮނޑީގައި އިށީންނަން ވެސް" ދެ އަހަރާ ބައިގެ ދަރިފުޅު އޮންލައިން ކްލާސްތަކުގައި ބައިވެރި ކުރުވައިގެން ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ބެލެނިވެރިޔަކު ބުންޏެވެ. "މި ސްޓޭޖުގެ ކުދިންގެ ކްލާސްތައް ކުރިއަށްދާއިރު ސްޓަޑީ މެޓީރިއަލްގެ ގޮތުގައި މި ބޭނުން ކުރަނީ ކުދިންގެ އުމުރާ ގުޅޭގޮތުން ކުދިން އެންމެ ގަޔާވާނެ ކަހަލަ އެއްޗެހި. މިސާލަކަށް ވެލި ޓްރޭ، ކްލޭ ކަހަލަ އެއްޗެހި އެބަ ބޭނުން ކުރޭ. އެއްދުވަހެއްގެ ކްލާހުގައި މިގޮތަށް ތަފާތު ދެތިން އެއްޗެއް ބޭނުން ކުރާ ގޮތަށް ވެސް އޮވެދާނެ ހަމަޖެހިފައި. މީގަ މި ދިމާވާ މައްސަލައަކީ މިސާލަކަށް ފުރަތަމަ މިޖެހުނީ އެދުވަހު ވެލި ޓްރޭގެ ބޭނުން ކުރަން. ދެން މި އެކްޓިވިޓީ ނިމުނީމަ ދެންޖެހިދާނެ ކްލޭ ބޭނުން ކޮށްގެން އެހެން މަސައްކަތެއް ކޮށްލަށް. އެކަމަކު މިވާގޮތަކީ ފުރަތަމަ ބޭނުން މިކުރެވޭ އެތި ދޫކޮށްލާކަށް ބޭނުމެއް ނުވޭ. ވެލި ޓްރޭ ވެއްޖިއްޔާ ވެލި ޓްރޭއާ ހަމަ ކުޅެން ހުންނަން ބޭނުންވާނީ ކްލޭ މަސައްކަތަށް ނުގޮސް. މިހާ ތުއްތު ކުދިންވީމަ ފޯސްކޮށްގެން ކުރުމަކީ ކުރެވޭނެ ކަމެއްނޫން"
އެހެން މަންމައެކެވެ؛ އޭނާއަކީ ޕްރީސްކޫލް އުމުރުގެ ދެ ކުދިންގެ ބެލެނިވެރިއެކެވެ. އޭނާ ބުނި ގޮތުގައި ކްލާހުގައި ކުދިން ޓީޗަރުންނަށް ދޭ ސަމާލުކަން ގޭގައި ކިޔަވައިދޭއިރު ނުދޭކަން ފާހަގަވެ އެވެ. އަދި މީގެ އިތުރުން އޭނާގެ ކުދީންނަކީ ވެސް ތުއްތު ކުދީންނަށް ވިޔަސް ދެ ގްރޭޑެއްގައި ކިޔަވަމުންދާ ދެ ކުދިންނަށް ވުމުން ކިޔަވައި ދިނުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި އެވެ. ގޭތެރޭގެ ކަންކަން ކުރަމުން ކިޔަވައި ދިނުމަށާއި އޮންލައިން ކްލާސްތަކަށް ވަގުތު ހުސް ކުރުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
އޭނާ ބުނި ގޮތުގައި ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމުން ދިމާވި ދަތިތަކުގެ އިތުރުން ކްރާފްޓް މަސައްކަތްތައް ފަދަ ކަންކަމަށް ބޭނުންވާ ކުލަ ކަރުދާސް ފަދަ ބައެއްތަކެތި ހޯދުމުގައި ދިމާވި ދަތިތައް ވެސް ހުއްޓެވެ. އެހެން ނަމަވެސް މިއީ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު "ޕްލަސް" ޕޮއިންޓެއް ކަމަށް ވެސް އޭނާ ދެކެވެ.
މި އުމުރުގެ ކުދިންނަށް އުނގަންނައިދޭން ޓީޗަރުން ގެންގުޅޭ އުކުޅުތައް ބެލެނެވެރިންނަށް އެނގި މިފަދަ އެތައް ކަމަކަށް ބެލެނިވެރިން ލޯހުޅުވިގެން ދާނެ އެވެ. މީގެ އިތުރުން ކުދިންގެ ޝައުގުވެރިކަން ހުންނަ އިތުރު ދާއިރާތަށް ދެނެގަނެވި ކުދިންގެ އުނގެނުމަށް އަންނަމުންދާ ބަދަލުތައް ވަރަށް ކައިރިން ދެނެގަތުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެން ދިޔަ އެވެ.