ސްކޫލް

ނިއުނޯމަލްއަށް ސްކޫލްތައް ތައްޔާރުތަ؟

ކޮވިޑް ލޮކްޑައުންއަށް ފަހު ސްކޫލްތައް އަލުން ހުޅުވުމުގެ ތައްޔާރީތައް ވަނީ ފަށާފަ އެވެ. އެތައް ހާސް ދަަރިވަރުންނެއްގެ ކިޔެވުން ގާތްްގަނޑަކަށް ދެތިން މަހަށް މެދުކެނޑިފަައި އޮތުމަށް ފަހު ސްކޫލުތައް އަލުން ހުޅުވާލަން އުޅޭ ކަމުގެ އިޝާރާތެއް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ މި ހަފުތާގައި ދެއްވާފަ އެވެ. ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ހިމެނޭ ގޮތަށް މިނިސްޓަރު ސޮއި ކުރަައްވާ ފޮނުވިި ސާކިއުލާގައި އެދި ވަޑައިގެންފައި ވަނީ ސްކޫލުތައް ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ. އެ ތައްޔާރީތަކަކީ ނިއުނޯމަލްގައި ކިޔަވައި ދިނުމެވެ.

ކޮވިޑް-19 ފެތުރި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެންމެ ފުރަތަމަ ބަންދު ކުރީ މާޗް 11 ގައި އެއް ހަފުތާ އަށެވެ. އެ ދުވަސްވަރު ސްކޫލުތައް އޮތީ ފުރަތަމަ ސެމިސްޓާގެ މިޑްޓާމް ބްރޭކްގަ އެވެ. އެއް ހަފުތާއަށް ބަންދު ކުރި ކަން އިއުލާން ކުރީ ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި ޓީޗަރުންގެ ޖަމިއްޔާ އިން ވެސް އެކަމަށް ގޮވާލާފަައި ވަނިކޮށެވެ.

މި ދުވަސްވަރު ސަރުކާރުން "ޓެލި ކިލާސް" ގެ ނަމުގައި މުޅިން އަަލަށް ޓީވީ މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭން ފެށި އެވެ. ނަަމަވެސްް ކާފިއު އިއުލާން ކުރުމާ ގުޅިގެން ފިލާވަޅުތައް ގެނެސް ދޭން ދަތިވެ، މެދުކަނޑާލި އެވެ. ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު ޓެލިކިލާސްތައް އަލުން ފެށީ ޓީޗަރުންގެ ގޭގައި ތިބެ ފިލާވަޅުތައް ރެކޯޑުކޮށް ފޮނުވައިގެންނެވެ. މި ފިލާވަޅުތައް ޝެޑިއުލާ އެއްގޮތަށް ޓީވީން ގެނެސްދެ އެވެ.

ނަތީޖާ ނެރެން އުނދަގޫވި

ހެނދުނު ހެނދުނާ 9:30 ގައި ޓެލެކްލާސްތައް ފަަށައިގެން ގޮސް ހަވީރު 5:15 އާ ހަމައަށް 30 މިނެޓުގެ ކްލާސްތައް ކުރިއަށް ގެންދެ އެވެ. ފިލާވަޅުތައް ޓީވީ މެދުވެރިކޮށް ދެއްކި ކަމުގައި ވިޔަސް އެއަށް ދޭންޖެހޭ ސަމާލުކަމާއި ފަރުވާތެރިކަން ބޮޑަށް އޮންނަނީ ބެލެނިވެރިޔާ އަށެވެ.

ހެނދުނު ހޭލައިގެން ދަރިފުޅުގެ ކްލާސް ގަޑިއަށް ޓީވީ ހުޅުވައި ފޮތްދަަބަސް ނަގައި އެ ދުވަހަކު ކިޔަވައިދޭ ސަބްޖެކްޓަށް ފޮތްތައް ވެސް ހޯދަން ޖެހެނީ ބެލެނިވެރިޔާ އެވެ. އަދި، ކުދިން ނުހޭލާ ނަމަ ކްލާސް އަންނަ ގަޑީގައި ޓީވީން އެ ރެކޯޑުކޮށް އެ ދުވަހު އެއްކޮށް ކްލާސް ބެލުމަށް ދަރިން ކައިރި އާދޭސް ކުރަން ޖެހެ އެވެ.

ބެލެނިވެރިއަކު ކިޔައިދިން ގޮތުގައި، ދިގު ބަންދަކަށް ސްކޫލްތައް ދިޔަ އިރު ދަރިވަރުން ތިބީ ވާޗުއަލްކޮށް ކިޔަވަން ތައްޔާރު ނުވެ އެވެ. އަދި މި ކަމުގެ ސީރިއަސް ކަންވެސް ނޭނގި އެވެ. އެކުދިންނަށް މިއީ ޗުއްޓީ ދުވަސްވަރަކަށް ވެ ފިލާވަޅަށް ދޭންޖެހޭ އަހައްމިއްޔަތުކަން އޮތީ ކުޑަވެފަ އެވެ.

"މިގޭގަ އުޅޭނެ ތިން ކުދިން. އެ ތިން ކުދިން ތެރެއިން ވެސް، އެންމެ ބޮޑަށް ހުންނަ ކުއްޖާ ވަރަށް މަދުން ކްލާސްތައް ބަލާފައި ހުރީ. ދެން މިހެން ބުނީމަވެސް ގޯސް ކުރާނީ ބެލެނިިވެރިޔާ. އެކަމަކު ޓީޗަރުން ވެސް ފޮނުވާލަނީ ގޫގުލް ޝީޓް އެއް އެޓެންޑެންސް މާކް ކުރަން. އެއަށްވުރެ ބޮޑަށް މި މުއްދަތުގެ ތެރޭގައި ޓީޗަރުންނާ ކުދިންނާ އެންގޭޖް ވާން ޖެހޭ. ވާޗުއަލްކޮށް ކިޔަވައި ދޭއިރު މިއީ މުޅިން އާ ކަންކަން. ކިޔެވުމަށް އެހާ ސަމާލުކަން ނުދޭ ކުދިންނަށް މިއީ ޗުއްޓީއެއް ހަމަ. އެކުދިންގެ މަސައްކަތްތައް ގާތުން ބެލުމަކީ ޓީޗަރުންގެ ވެސް ބެލެނިވެރިންގެ ވެސް ޒިންމާ އެއް" ކުރީގައި ޓީޗަރަކަށް ވެސް އުޅުނު، ބެލެނިވެރިޔާ ބުންޏެވެ.

މީގެ އިތުރަށް ދަރިވަރުންނާ ހަމައަށް ފިލާވަޅު ލިބޭ އިރު އޭގައި އެތައް މައްސަލަ އެއް ހުންނަކަން ބެލެނިވެރިން ފާހަގަ ކުރެ އެވެ. ހާއްސަކޮށް ދިވެހި މާއްދާތައް ކިޔަވައި ދިނުމުގައި ގެންގުޅޭ ފިލާވަޅުތަކުގައި ބަހުގެ މައްސަލަތައް ގިނަ ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ރިޕީީޓް ފިލާވަޅުތައް ގެނެސްދިނުމުގެ މައްސަލަ ވެސް ބެލެނިވެރިންގެ ޝަކުވާއަކަށް ވެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ކްލާސްތަކުގެ ފެންްވަރު ބެލެހެއްޓުމަށް ތިން ސްޓޭޖަކުން މަސައްކަތް ކުރެ އެވެ. އެއީ ގްރޭޑްް 1 އިން 6 އަށް ދޭ ފިލާވަޅުތައް އެ ސްކޫލަކުން ކޯޑިނޭޓް ކުރުމެވެ. އަދި ގްރޭޑް 7 އިން 12 އަށް ކޮންމެ ސަަބްޖެކްޓެއް ވަކި ސްކޫލަކުން ކޯޑިނޭޓް ކުރުމެވެ. ސްކޫލްތަަކުން ގެންނަ ފިލާވަޅު ފެސިލިޓޭޓާސް އަށް ފޮނުވުމުން ޓީވީގައި އެއާ ކުރަނީ އެމީހުންގެ އެޕްރޫވަލާއެކު އެވެ.

"ރާއްޖޭގެ އުތުރުން ފެށިގެންް ދެކުނަށް މި ކިޔަވައި ދެނީ ވާޗުއަލްކޮށް. މީގެ ތެރޭގައި ކޮންމެވެސް ވަރެއްގައި މައްސަލަތަކެއް ދިމާވެފައި އެބަ ހުރި އެއީ ބަހުގެ ފިއްޔެއް ކަހަލަ ކުޑަ މައްސަލަތަކެއް. އަޅުގަނޑުމެން އެޑިއުކޭޝަނުން ދަނީ އެ މައްސަލަތައް ބަލައި ހަރުދަނާ ފިޔަވަޅުތައް އަޅަމުން. އެކި ސަބްޖެކްޓުތައް އެކި ސްްކޫލްތަކަށް ބަހާލާފައި އޮންނަ އިރު އެ ފިލާވަޅެއްގެ ކޮލިޓީ ސްކޫލަކުން ޔަގީން ކުރާނެ" އޭނާ ވިދާޅުވި އެވެ.

ކްލާސްތަކުގައި ވެސް އެންމެ ބޮޑު ގޮންޖެހުމެއް އޮތީ އަންނަ އަހަރު އޯލެވެލް ހަދާ ދަރިވަރުންނަށެވެ. އެ ކުދިންގެ އޯލެވެލް ފަސް ކޮށްފައިވީ ނަމަވެސް، އޯލެވެލަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް މާލޭގެ ސްކޫލްތަކުންގެ ލީޑިން ޓީޗަރުން ވިދާޅުވި އެވެ. މީގެ އިތުރުން އަލަށް ގްރޭޑް ފަށާ ކުދިންނަށް ވެސްް އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަންޖެހޭނެ އެވެ.

ވާންޖެހޭ ތައްޔާރީތައް ބޮޑު

ބައެއް ބެެލެނިވެރިން މިހާރު ތިބީ ސްކޫލުތައް ހުޅުވައި ކިޔަވަން ނުފަށައިގެނެވެ. ބައެއް މީހުން ބޭނުން ވަނީ ސްކޫލް ބަންދު ނިމުމަކަށް ގެނެސް އަލުން ކިޔެވުން ފަށާށެވެ. އެއާ ހިލާފަށް ސްކޫލުތައް ހުޅުވާލި ކަމުގައި ވިޔަސް މިފަދަ ހާލަތެއްގައި އެތައް ސަތޭކަ ކުދިންގެ ތެރެއަށް "މަގޭ ދަރިފުޅު ނުފޮނުވާނަން" ކަމަށް ބުނާ ބެލެނިވެރިން ވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސްް، ލޮކްޑައުންގެ ލުޔާއެކު ސްކޫލްތައް ހުޅުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ނިއުނޯމަލްގައި ކިޔަވައިދޭނެ ގޮތާ ބެހޭ ގޮތުން އެޑިއުކޭޝަނުން ވަނީ ގައިޑްލައިނެއް ނެރެ ސްކޫލްތަކާ ހިއްސާކޮށްފަ އެވެ. އެ ގައިޑްލައިން ބުނާ ގޮތުން، ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަ ކުއްޖަކު ސްކޫލަކަށް ނުފޮނުވޭނެ އެވެ. ސްކޫލްތައް ފެށުމުގެ ކުރިން ކޮވިޑަށް ހުށަހެޅިފައި ހުރި ޓީޗަރެއް / ދަރިވަރެއް ހުރި ކަމުގައި ވާނަމަ އެކަން ސްކޫލާ ހިއްސާ ކުރަންޖެހެ އެވެ. އަދި ސައިބޯންޏާއި ސާފު ކުރުމަށް ބޭނުންވާ ސާމާނު ސްކޫލުގައި ލިބެން ހުންނަން ޖެހެ އެވެ. މީގެ އިތުރަށް ސްކޫލަށް ވަންނަ އިރު ބޮޑީ ޓެމްޕަރޭޗާ ބެލުން ވެސް މުހިއްމު ކަންކަން ގޮތު ގައިޑްލައިންގައި ފާހަގަ ކޮށްފައި ވެއެވެ.

ޓީޗަަރަކު ބުނި ގޮތުގައި ނިއުނޯމަލްގައި ކިޔަވައި ދޭނެ ގޮތުގެ ގައިޑްލައިނެއް ނެރެފަައި އޮތް ކަމުގައި ވިޔަސް އުނދަގުލާ ކުރިމަތިވާނީ ކިޔަވައިދޭން ފެށުމުންނެވެ. ސްކޫލްތަކަކީ ދެ ފޫޓު ދުރުގައި ކިޔަވައިދެމުން އައި ތަންތަނަށް ނުވެފައި ކުދިންނަށް ވެސް މިއީ މުޅިން އާ ކަމަކަށް ވުމުން، ހާއްސަކޮށް ދަަށް ގްރޭޑް ތަކަށް ކިޔަވައިދޭ ޓީޗަރުންނަށް އުނދަަގޫތަކާ ކުރިމަތިވާނެ އެވެ.

"ކުރީގަ ނަމަ، ސްކޫލަށް ވަންނަ ގޮތަށް ވެސް އެކުދިން ގޮސް އެހެން ކުދިންނާ ވާހަކަ ދައްކާ ކައިރިވެ ހަދާނެ. ދެން ދުރުގައި ތިބެން ޖެހުމުން ވަރަށް ބޮޑު ޗޭންޖެއް އެ އަންނަނީ އެކުދިންގެ ބިހޭވިއާ އަށް. ހާއްސަކޮށް ހަލަނި ކުދިން. މި އުޅެނީ ނޯމަލް ގަޑިއެއްގައި ވެސް ބައެއް ކުދިން ގޮނޑީގައި 40 މިނެޓު ވަންދެން އެއްތާކު ހިފަހައްޓާ ނުލެވި. ދެން ދުރު ދުރުގައި ތިބެން ޖެހުމުން ވަރަށް އުނދަގޫވާނެ،"

މިކަމުގައި އޮތީ ހޭލުންތެރި ކުރުވުމެވެ. މި ހުރިހާ ދުވަހު ދަަރިވަރުން ތިބީ ގޭގައި ލޮކްޑައުންވެ އެވެ. ބޭރުގެ މާހައުލު ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި ބޭރަށް ނުކުމެ ގައިދުރުކަން ބަހައްޓަން ޖެހޭ ގޮތް އެނގުން ވެސް މުހިއްމެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރަަނީ "ދިލާސާ" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށާށެވެ. އެ ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ ބެލެނިވެރިންނަށެވެ. ކޮންމެ ހޮނިހިރު ދުވަހަކު ގެންނަ އެ ޕްރޮގްރާމްގައި، އެކި ދާއިރާތަކަށް ޕެނަލިސްޓުން ވާހަކަ ދައްކާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ސްކޫލަށް ގޮސްް ދަަރިވަރުން އަމަލު ކުރަަންޖެހޭނެ ގޮތް ކިޔައިދީ އެކުދިން ހޭލުންތެރި ކުރުވުމަކީ މިވަގުތަށް މުހިއްމު ކަމެކެވެ.