"ވަރަށް ގޯސްކޮށް ކުރާ ކަމެއްތީ. އިރު އިރު ކޮޅާ ގޮތަކަށް ބަދަލު ކުރުމުން ވަރަށް ބޮޑެތި ގެއްލުންވޭ ކުދިންނަށަށް. އަންނަ މަހުގެ ނިޔަލަށް އޮންލައިންކޮން ގެންދާތީ އެތައް ބަޔަކު ކުދިން ގޮވައިގެން ރަށް ރަށަށް ދިޔައީ ރަށުގައި ވެސް އޮންލައިންކޮން ކިޔެވޭނެތީ. ޢަނެއްކާ މިހާރު އެ ބުނީ ސްކޫލަށް އަންނާށޭ. ކިހާ ބޮޑު ތުރާލަކަށް މިކަން މީހުންނަށް ވާނީ؟ މިކަހަލަ ދަތި ވަގުތު ތަކުގައި ކިހިނެއްތޯ ބޮޑެތި ހަރަދުކޮށްފަ ތަންތަނަށް އިރު އިރު ކޮޅާ މީހުން ދާނީ؟" އެއީ މާދަމާ މާލެ ސިޓީގެ މަތީ ގްރޭޑްތަކުގެ ކިޔެވުން އަަލުން ފަށަން ނިންމާފައިވާ ހަބަރު ނޫހުގައި ޖެހުމުން އަވަސްގެ ކިޔުންތެރިއެއް ކޮށްފައި އޮތް ކޮމެންޓެކެވެ.
އޭނާ އެ ދައްކަނީ ރާއްޖޭގެ ކޮވިޑްގެ ކަންކަމާއި އާންމު ހާލަތު ކުޑައިކޮށް ރަަނގަޅުވެލާއިރަށް ސްކޫލްތައް އަލުން ހުޅުވައި އެކި ފަހަރު އެކި ގޮތަށް ހެދުމުން އާއްމު އާއިލާ އަށާއި ކުދިންނަށް ލިބޭ ގެއްލުމުގެ ވާހަކަ އެވެ. ރާއްޖެ އިގްތިސޯދީ ބޮޑު އަނދަވަޅަކަށް ވެއްޓި ރައްޔިތުންގެ މާލީ ހާލަތު ދަށްވެފައިވާ މި ދުވަސްވަރު، ކުއްލި ކުއްލިއަށް ގެންނަ މި ފަދަ ބަދަލުތަކުގެ ސަބަބުން އޭގެ އުނދަގޫ ތަހައްމަލު ކުރަން ޖެހޭ ވާހަކަ އެވެ.
ރާއްޖެއަށް ވެސް ކޮވިޑްގެ ވަބާ ކުރިމަތިވެ ހުރިހާ ކަމެއްހެން ހުއްޓިފައި އޮތުމަށްފަހު، މަޑުމަޑުން ކުރީގެ އުޅުމަށް ކަންކަން ގެންދެވޭތީ ދަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑުގެ އުނދަގުލުގައި، ދުވަސްކޮޅަކަށް ސްކޫލުގައި ކިޔަވައިދިނުމަށް ފަހު އޮންލައިން ކްލާސްތަކާއެކު މާލެ ސިޓީން ސާނަވީ ތައުލީމު ނިންމާ ދަރިވަރުން މިހާރު ތައްޔާރުވަމުން އެ ދަނީ އެކުދިންގެ ފަހު އިމްތިހާނަށެވެ. މީގެ ތެރޭގައި މި މަހު އޭލެވެލް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ.
މިދިއަ ޖުލައި މަހު މަތީ ގްރޭޑްތަކަށް ސްކޫލްތައް ހުޅުވާލި ނަމަވެސް، ކޮވިޑުގެ ދެވަނަ ރާޅާއެކު، މަހެއްހާ ދުވަހުގެ ކިޔެވުން މެދުކަނޑާލައި ބަންދުކުރަން މަޖުބޫރުވީ އެވެ. އިތުރު ފިޔަވަޅުތަކެއް އަޅައިގެން އަންނަ އާދިއްތާގައި ގްރޭޑް 9 އިން 12 އާ ދެމެދުގެ ގްރޭޑުތަކަށް ކިޔެވުން ފަށާނެ އެވެ. މި ނިންމުމުގެ ސަބަބުން ބައެއް ބެލެނިވެރިން ކަންބޮޑުވެފައި ވެއެވެ. އެމީހުން ބުނާ ގޮތުގައި ކުއްލި ކުއްލި އަށް ގެންނަ މިކަހަލަ ބަދަލުތަކުގެ ސަބަބުން ބެލެނިވެރިންނަށް އުނދަގުލާ ކުރިމަތިވެ އެވެ. އަދި މީގެ އުނދަގޫ ދަރިވަރުންނަށް ވެސް ކުރިމަތިވެ އެވެ.
ކުއްލި ބަދަލުތައް މެނޭޖް ކުރަން އުނދަަގޫ
މާލެ ސިޓީ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި ފަސް ކުދިންގެ އާއިލާއަކާއެކު އުޅެމުން އަދި މިވަގުތު އޮތް ދަތި ހާލުގައި މާލޭގައި އުޅެން އުނދަގޫވުމުން، ކަރަންޓީނުވާން ވެސް ހެޔޮ ކަމަށް ނިންމާ ރަށަށް ބަދަލުވީ އެވެ. އޭރު، އޭނާގެ ގްރޭޑް 10 ގެ ދަރިވަރުގެ ހަގަށް ދެ ކުދިން ތިބެ އެވެ. އެކުދިންނަށް އުނދަގޫ ނުވިޔަސް، ހާލަތުގެ ގޮތުން މަޑު ކުރެވެން ނެތި ރަށަށް ބަދަލުވީ ސްކޫލް ވެސް އަވަހަށް ނުހުޅުވާނެ ކަމަށް ބަލައިގެނެވެ.
"އެހާ އަވަސް އަވަހަށް ވީމަ ނޭނގޭނެ ދޯ ހަދާނެ ގޮތެއް. ވަރަށް ދަތިކޮށް އުޅުނީ މާލޭގައި. ކުއްޔަށް އުޅުނު ތަން ދޫކޮށް އަންނަން ޖެހުނީ، އައިސް ދުވަސްކޮޅެއްވީ އަނެއްކާ އެ ބުނީ ދިހައަކަށް ކިޔެވުން ފަށަނީ އޭ. ދެން އެ ކުއްޖާ [ގްރޭޑް 10 ގެ ދަރިވަރު] އާއިލާ މީހެއްގެ ކައިރިއަށް ފޮނުވަން މިއުޅެނީ. އަދިވެސް އެއްކޮށް ތައްޔާރު ނުވެވޭ. އޭނައަށް ނުދެވޭނެ ފުރަަތަމަ ހަފުތާގެ ގަޑިތަކަށް"
އެ ބެލެނިވެރިޔާ ދެކޭ ގޮތުގައި، ދެ ހަފުތާ އިން ދެ ހަފުތާ އިން ސްކޫލްތައް ބަންދު ކުރުމުގެ ބަދަލުގައި މަހެއްހާ ދުވަސްދީ، ބެލެނިވެރިންނަށް ވެސް ކަންކަމަށް ތައްޔާރުވާނެ ފުރުސަތު ލިބެން ޖެހޭނެ އެވެ. އެ ފައިދާ ދަރިވަރުންނަށް ކުރާނީ ވެސް އެހެނެވެ.
އެހެން މީހަކު ބުނި ގޮތުގައި ރަށަށް ގެންދިޔަ ދަރިވަރު މާލެ އަށް ފޮނުވައިގެން ކިޔަވައިދޭން ފަށާ ފަހުން އަނެއްކާ އިތުރު މަހަކަށް ސްކޫލް ބަންދު ކުރަން ޖެހިދާނެ އެވެ. އޭރަށް ހަދާނީ ކިހިނެއްކަން ނޭނގޭނެ އެވެ. މާލޭގައި ކިޔަވާ ގްރޭޑުގައި، ރަަށު ސްކޫލުގައި ކިޔަވަން ފުރުސަތު ލިބުނަސް އެއީ ފަސޭހަ ގޮތަކަށް ނުވެ އެވެ. އަދި ކިޔަވަމުންދާ ފިލާވަޅުތައް ދިމާ ނުވުމާއި ސިލަބަސްގައި ތަފާތުތަކެއް ހުރުން ފަަދަ ކަންކަަމާ ދަރިވަރަށް ކުރިމަތިލާން ޖެހިދާނެ އެވެ.
ބައެއް އެހެން ބެލެނިވެރިންވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. އެމީހުންގެ ވާހަކައިން އެނގޭ ގޮތުގައި މިހާރު ކުރިއަށްދާ ގޮތަށްވުރެ ހަރުދަނާ ނިޒާމެއް މިކަމަށް އެބަ ބޭނުންވެ އެވެ.
ގެއްލެނީ ފިލާވަޅު އެކަންޏެއް ނޫން
ސްކޫލް ނިންމާ ދަަރިވަރުންނަށް މި އަހަރު ކުރިމަތިވީ ދެ އިމްތިހާނަކާ އެވެ. ޕެންޑެމިކް އަކަށް މެންޓަލީ ތައްޔާރުވުމާއެކު ފަހު އިމްތިހާނާ ކުރިމަތި ލުމެވެ. ދުވަހަކުވެސް ހިތަށާއި ސިކުނޑިއަށް ނުގެނެވޭ ފަދަ ގޮތަކަށް ކިޔަވަން މަޖުބޫރުވެ އެކަންކަމާއެކު ވެސްް ކުރިއަށް ދިއުމެވެ.
އަވަސް އިން މީގެ ކުރިން ނެގި އިންޓަވިއުއެއްގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކައުންސެލިން އަދި ޑިވެލޮޕްމަންޓް ސައިކޮލޮޖީ ލެކްޗަރާ، އާމިނަތު ޒުބޭރު ވިދާޅުވި ގޮތުގައި ސުކޫލްތައް ބަންދުވެ މިހާ ބޮޑަށް ދިގު ލައިގެން ދިއުމުން ކުދިންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އެ އަސަރު ވަނީ ކޮށްފަ އެވެ.
ސްކޫލްތަކުގެ ކަރިކިއުލަމް ބައްޓަން ކޮށްފައި އޮންނަނީ ކުއްޖާގެ ޖިސްމާނީ ތަރައްގީ އާއި އިޖްތިމާއީ ތަރައްގީ އަދި އިމޯޝަންސް ނުވަތަ އިހްސާސްތަކާއި ވިސްނުން ތަރައްގީ ކުރުމަށެވެ. އެ ހަތަރު އޭރިއާ ކަވާ ނުކުރެވި، ސްކޫލް ބަންދު ދިގުލައިގެން ދިއުމުން އޭގެ ގެއްލުން ދައްކާނެ އެވެ. ސައިކޮލޮޖިކަލީ ބަލާއިރު ސޯޝަލް ލާނިން ތިއަރީ ބުނެދޭ ގޮތުން ވެސް ކުދިންގެ ދަސް ކުރަނީ މީހުންނާއި އިންޓަރެކްޓް ވެގެނެވެ. ސްކޫލަށް ގޮސް ކިޔެވުން ވަރަށް މުހިންމެވެ.
މި ވިސްނުމާ އެއްގޮތް ބެލެނިވެރިން ވެސް އެބަ ތިއްބެވެ. އެމީހުން ބުނާ ގޮތުގައި، ކޮންމެހެން ހަދާފައިވެސް އެމީހުންގެ ދަަރިވަރުން ސްކޫލަށް ފޮނުވައި ކިޔަވައިދޭން އެބަ ޖެހެ އެވެ. ގޭގައި ތިބެ ކިޔެވުން އެއީ ކިޔެވުމަކަށް ނުވެ އެވެ.
ރެހެންދި ސްކޫލް ގްރޭޑް 10 އެއްގައި އުޅޭ ދަރިވަރެއްގެ ބެލެނިވެރިއެއް ބުނި ގޮތުގައި، ސްކޫލުގައި ކިޔެވުމާއި ގޭގައި ކިޔެވުމުގެ ތަފާތު ފާއިތުވި މަސްތަކުގައި އެ ބެލެނިވެރިޔާ އަަށް ފެނުނެވެ. ސްކޫލަށް ދިޔަ މަހު އޭނާގެ ދަރިފުޅު ކިޔެވުމަށް އިތުރު ޝައުގެއް ގެންގުޅުނެވެ. ބަންދުވުމާއެކު ކިޔެވުމާ ދުރުވި އެވެ.
"އެއްވެސް ކްލަސްޓާ އެއް ނުފެނި، ސޭފްކޮށް ކިޔެވެންޏާ ބޮޑެތި ކުދިން [މަތީ ގްރޭޑުތައް] ސްކޫލަށް ގެންގޮސް ކިޔަވައިދިނުން މައްސަލައެއް ނެތް އަސްލު. އެއީ އެމީހުން އެ ރެޑީވަނީ ފަައިނަލް އެގްޒާމަށް. އެ އެގްޒާމް މުހިއްމުވާނެ ކޮންމެ ކުއްޖަކަށް ވެސް. ދަށް ގްރޭޑުތަކަށް ވެސް ކިޔަވަން ފަށަންވީ ކޮންމެވެސް އެއް ގަޑިއަކު ގެންގޮސްގެންް ނަމަވެސް. އެމީހުންނަށް ވެސް ސްކޫލަށް ގެންގޮސް ކިޔަވައިދިނުން މުހިއްމު ކަމަށް ދެކެނީ"
ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނިއުސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުވި އެއް ސުވާލަކީ ކޮވިޑް ކޭސްތައް މަދުވާއިރަަށް އަނެއްކާވެސް ސްކޫޅޤ ހުޅުވާލުން ރައްކާތެރިތޯ އެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްްކޫލް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި ދަރިވަރުންގެ ސިއްހަތާއި ސަލާމަތަށް ވިސްނި ނަމަވެސް، އެ ދަަރިވަރުންގެ ކިޔެވުން ގެއްލެމުންދާތީ ކަންބޮޑުވެ އެވެ. ކޮވިިޑްގެ ހާލަތާ ގުޅިގެން ދިގު މުއްދަަތަކަށް ދަރިވަރުންނަށް ސްކޫލަށް ނުދެވި ތިބުމުން އެކުދިންގެ ކިޔެވުމަށް ބޮޑެތި އަސަރު ކުރެ އެވެ.
ކުއްޖާގެ ސިއްހަތަށް ޕްރައިއޯރިޓީ ދީފަަ، ސްކޫލަށް ގެނެސްގެން ކިޔަވައި ދެވެންޏާ އަޅުގަނޑުމެން ތައުލީމީ ދާއިރާގައި އުޅޭ އެންމެން ވެސް ބާރު އަޅާނީ ދަރިވަރު ސްކޫލަށް ގެންދަން. އޭގެން ދަރިވަރުންނަށްވާ ފައިދާތައް ވަރަށް ބޮޑު،އެޑިއުކޭޝަން މިނިސްޓަރު | ޑރ. އައިޝަތު އަލީ
އޭނާ ވިދާޅުވި ގޮތުގައި ސްކޫލަށް ނުގެންގޮޮސް ކިޔަވައިދިނުމުގެ ސަބަބުން ދިމާވާ ކަންކަމަށް ދިރާސާތައްވެސް ހަދަމުން ދެ އެވެ. ފެންނަނީ ދަަރިވަރުންނަށް ލާނިން ލޮސް ވަރަށް ބޮޑަށް ދިމާވާތަނެވެ. އަދި، މިދިޔަ ފަހަރު ހުޅުވާލުމުން ވެސް، ސްކޫލް ތެރެއިން އައި ކޭސް އަކާ ގުޅިގެން އެއްވެސް ކްލަސްޓާއެއް ފެނި ފެތުރިގެން ދިޔަ މަންޒަރެއް ނުފެނެ އެވެ. މި ފަހަރުވެސް ރަައްކާތެރިކަމާއެކު ހުޅުވައިފިނަމަ، އެ ޔަގީންކަން އެބަ އޮތެވެ.