ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

ކިޔެވުން ފަށަން ސްކޫލުތައް ތައްޔާރުތަ؟

ބަންދަށް ފަހު ސްކޫލް ތަކުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން މާދަމާ ފަށާނެ އެވެ. މާދަމާ ކިޔެވުން ފަށާއިރު ސްކޫލު ތަކުން ބުނަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާދަމާ ކިޔެވުން ފަށަން ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

މާދަމާ ހުރިހާ ހުރިހާ ގްރޭޑްތަކެއްގައި އަދި މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ވެސް ކިޔެވުން ފަށަ އެވެ.

އަތޮޅުތަކުގެ ބައެއް ސްކޫލްތަކުން މިއަދު ބުނި ގޮތުގައި ދެވަނަ ސެމިސްޓާ ފަށަން މާދަމާއަށް ރެޑީވެފައިވާއިރު ސްކޫލްތަކުގައި މިހާރު ދޭ ދަރިވަރުންގެ ނާސްތާގެ ކަންކަން ވެސް ސްކޫލްގައި ކުރިޔަށް ގެންދާނެ ކަމަށާއި ދަރިވަރުންނަށް ނާސްތާ ތައްޔާރު ކުރަން -- ހެނދުނު ސައިދޭން -- ވާން ޖެހޭ ތައްޔާރީތައް ވެސް މިހާރު ނިމިފައި ވާ ކަމަށެވެ.

ޅ. އަތޮޅު މަދަރުސާއިން ބުނީ މާދަމާ ކިޔެވުން ފަށާއިރު އެ މަދަރުސާގެ ކިޔަވައިދޭ ގަޑިތައް ގެންދާނީ ކޮވިޑްގެ ކުރިން ވެސް ސްކޫލު ކުރިޔަށް ގެންދިޔަ ގޮތަށް ކަމަށެވެ. ނަމަވެސް އެހެން ހުރިހާ ކަމެއް ހުންނާނީ ކޮވިޑާއެކު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށެވެ.

ބައެއް ސްކޫލްތަކުގައި ޓީޗަރުން އަދި ކަރަންޓީން ގައި ތިބުމުން އެ ޓީޗަރުން ސްކޫލަށް ނުކުންނަންދެން ކިޔެވުން އޮންނަ ވަގުތުތައް ކުރުކޮށްފައި ވެއެވެ.

މި ސެމިސްޓާގައި ބައެއް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ އެވެ. ކިޔަވައި ދިނުމާއެކު އެކަންކަން ކުރާނީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެނެވެ. ކޮވިޑްގެ ތެރޭގައި މީގެ ކުރިން ކިޔަވައި ދިން އިރުވެސް ކުރިޔަށް ގެންދިޔަ ގޮތަށް ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބަލައި ސެނިޓައިޒްކޮށް ހަދާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ސްކޫލާއި ބޭނުން ކުރާ ހުރިހާ ސާމާނެއް ޑިސްއިންފެކްޓް ކުރާނެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން މާލޭގެ ސްކޫލު ތަކުގެ ގްރޭޑް އަށަކުން ފެށިގެން ދަށުގެ ގުރޭޑްތަކުގެ ކުދިންގެ ކިޔެވުން މުޅިން ކުރިޔަށް ގެންދިޔައީ އޮންލައިން ކޮށެވެ. އެކަމަކު މާދަމާ ދެވަނަ ސެމިސްޓާ ފަށާއިރު މާލޭގައި ވެސް ހުރިހާ ގްރޭޑެއްގެ ކުދިން ސްކޫލަށް ދާނެ އެވެ. އެހެން ވެސް މާދަމާ އަކީ ވެރިރަށުގެ ސްކޫލުތަކަށާއި ދަރިވަރުންނަށް ބޮޑު ދުވަހެކެވެ.

މިދިޔަ އަހަރު މާޗް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ޕްރީ ސްކޫލް ކުދިންގެ ކިޔެވުން ވެސް ކުރިޔަށް ގެންދިޔައީ މުޅިން އޮންލައިން ކޮށެވެ. މާދަމާ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފަށާނެ އެވެ.

މާލޭގެ "ބްރިޖް ލިޓްލް ލާނާސް" ގެ ޕްރިންސިޕަލް ހައްވާ ޝަހީދާ ވިދާޅުވީ އެ ސްކޫލުން ވެސް ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައިވާ ކަމަށެވެ. ޝަހީދާ ވިދާޅުވީ، އެ ސްކޫލުން ކިޔަވައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

މާދަމާ ކިޔެވުން ފަށާއިރު އެކި ސްކޫލްގައި ކިޔަވައިދޭނީ އެކި ދަންފަޅިތަކަށެވެ. ކިޔެވުން ފަށާއިރު 83،000 އަށް ވުރެ ގިނަަ ދަރިވަރުން ސްކޫލަށް ދާނެ އެވެ.