ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމެރިކާ އާއި ޔުނިސެފުން ރާއްޖެއަށް 11.5 މިލިއަން ރުފިޔާގެ އެހީއެއް

Aug 5, 2020
1

އެމެރިކާ އާއި އދ.ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ޖަމިއްޔާ ޔުނިސެފް ގުޅިގެން ރާއްޖެއަށް 750،000 އެމެރިކާ ޑޮލަރު (11.5 މިލިއަން ރުފިޔާގެ) އެހީއެއް މިއަދު ދީފި އެވެ.

މި އެހީ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ހާއްސަކޮށް އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލްތައް ރައްކާތެރިކަމާއެކު އަލުން ހުޅުވާލުމަށް އެހީތެރިވެދިނުމަށް ކަމަށް ޔުނިސެފުން ބުންޏެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ގައުމުތަކަކަށް އެ ގައުމުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދު ވެސް އެހީވާނެ ކަމުގެ ހެއްކެއް،" އެލައިނާ ވިދާޅުވި އެވެ.

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ދިން އެހީ ބޭނުން ކުރަން ކަނޑައަޅާފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާ އިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. މި ކަންތައްތައް ކުރިއަށް ގެންދާނީ ޔުނިސެފާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.

މި ދަނޑިވަޅުގައި އެމެރިކާ އިން ރާއްޖެ އަށް ދިން އެހީ އަށް ރާއްޖޭގައި ހުންނަ ޔުނިސެފްގެ މަންދޫބު ޑރ، މުނީރު އޭ. ސަފީލްދިން ޝުކުރު އަދާކުރެއްވި އެވެ. މިއީ ލޮކްޑައުން ލުއިކޮށް، ސްކޫލްތަކާއި އެހެނިހެން ތަންތަން އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރު ކަމަށް ވާތީ، މި އެހީ މި ލިބުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން، މާލެ ސަރަހައްދުގެ ސްކޫލްތައް މިދިޔަ މާޗު މަހު ބަންދު ކުރި އެވެ. ލުއިތަކަކާ އެކު ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް މިދިޔަ މަހު ހުޅުވުމަށް ފަހު، ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން މާލެ ސަރަހައްދުގެ ސްކޫލްތައް އަނެއްކާ ވެސް ވަނީ ކުރިއަށް އޮތް ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، މީގެ ކުރިންވެސް ގިނަ އަދަދެއްގެ ޓެސްޓް ކިޓާއި ޕީޕީއީ އަދި ބައްޔަށް ފަރުވާދޭން ބޭނުންކުރާ ބޭހާއި އެހެނިހެން އާލާތްތައް އެ ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ.