ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް އަމީން

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) ހަމަޖައްސައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވަނީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު ކަމަށާއި ޑެޕިއުޓީ ކެމްޕޭން މެނޭޖަރު ކަމަށް ހަމަޖެއްސި ބޭފުޅުން އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. ޑެޕިއުޓި ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ނާޒިމް އެވެ.

އަމީންއާއި ނާޒިމަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކެޕްޓަން އަމީން ހުންނެވީ ގައުމީ އެއާލައިން - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް)ގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމާ ހަވާލުވެ އައިއޭއެސްގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން އަމީން ވަކިކޮށް، 2019 ވަނަ އަހަރުގެ ޖޫން މަހު އަމީންގެ ވަޒީފަ ވަނީ ދަށްކޮށްފަ އެވެ. އެކަމަކު އޭނާ ފަހުން ވަޒީފާއަށް ހާޒިރުނުވާ ކަމަށް ބުނެ އައިއޭއެސް އިން ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަމީން ވަޒީފާއިން ވަކިކޮށްފަ އެވެ.

އަމީންގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ އަހަރުގެ ޖޫން 28 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަމީންއަށް މަގާމު ދިނުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އައިއޭއެސްގެ ފަރާތުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ކޯޓުން ބަލައި ވަކި ގޮތެއް ނިންމަންދެން އަމީނަށް ވަޒީފާ ދިނުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ.

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީޕީއެމް އާއި ޕީއެންސީ ގުޅިފައިވާ ކައުންސިލް ބައްދަލުވުމެއްގައި ނިންމުމާ ގުޅިގެން ރައީސް ޔާމީނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރީ އޯގސްޓް 19، 2022 ގައެވެ.

ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު ކަމަށް ބޭފުޅަކު ހަމަޖެއްސި ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރެއްވިކަން ސާބިތުވެ އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވާފައިވާ މިހުކުމް މާތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.