ވޭވެލް ރާމްކަލާވަން

ރާމްކަލާވަން: ކުރިން ފާދިރީއެއް، މިހާރު ސީޝެލްސްގެ ރައީސް

ސީ ޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން އުފަންވެވަޑައިގެންފައިވަނީ ސީޝެލްސްގެ އެންމެ ބޮޑު ރަށް ކަމުގައިވާ މާހޭގައި މާޗް 15، 1959 ގައެވެ. މާހޭ އަކީ މޮރިޝަސްގެ ފްރެންޗް ގަވަރުނަރަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

ރާމްކަލާވަން އަކީ ސީޝެލްސްގެ އާދައިގެ އާއިލާއަކަށް އުފަން ތިން ބެއިންގެ ތެރެއިން އެންމެ ހަނގު ބޭފުޅާ އެވެ. އޭނާގެ ކާފަ އަކީ އިންޑިއާގެ ބިހާރު ސްޓޭޓަށް ނިސްބަތްވާ ފުރަ އިންޑިއާ މީހެކެވެ. އޭނާގެ ބައްޕަ އަކީ ތިލޭރުކަން ކުރާ މީހެކެވެ. އަދި މަންމަ އަކީ ޓީޗަރެކެވެ.

ރާމްކަލާވަން ސާނަވީ ތައުލީމާ ހަމައަށް ވަޑައިގަތީ ސީޝެލްސް ކޮލެޖުތަކަށެވެ. އެއަށްފަހު ސީޝެލްސްގެ ސެއިންޓް ޕޯލް ތިއޮލޮޖިކަލް ކޮލެޖުން އިތުރަށް ކިޔަވައިވިދާޅުވުމަށްފަހު ވަވެލް ވެވަޑައިގެންފައިވަނީ ކްރިސްޓިއަން ފާދިރީ އަކަށެވެ. އިނގިރޭސިވިލާތުގެ ބާމިންހަމް އިން ތިއޮލޮޖީގެ ދާއިރާއިން އިތުރަށް ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ފައްޅިތަކުގެ ފާދިރީ އަކަށް އުޅުއްވުމަށްފަހު ދި ހޯލީ ސޭވިއާ ފައްޅީގެ އިސް ފާދިރީއެއްގެ މަގާމުގައިވެސް ހުންނެވި އެވެ.

އޭނާ ސީޝެލްސްގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަތީ ފައްޅީގެ ފާދިރީގެ ތަގުރީރީ މަސައްކަތްތަކުގެ ތެރެއިންނެވެ. އެ މަސައްކަތުގައި އުޅުއްވިއިރު އެތައް ބައެއްގެ މަދަނީ ސިޔާސީ ހައްގުތައް ގެއްލިފައިވާކަމުގެ ޝަކުވާ އަޑުއަހަން ރާމްކަލާވަން އަށް ދިމާވުންވީ އިސްލާހީ މަސައްކަތުގައި އަޑު އުފުލުމަށް މެދުވެރިވި ކަމަކަށެވެ. އެދުވަސްވަރުގައި ސީޝެލްސްގައި އެފަދަ ކަންކަމާ ދެކޮޅަށް ހަމައެކަނި އަޑު އުފުލޭ ބަޔަކީ ފައްޅީގެ އިސްވެރިންނެވެ.

ގައުމީ ރޭޑިއޯގައި 1990 އަހަރު ރާމްކަލާވަން ވަނީ ހިތޯބެއް ދެއްވައި އެއް ޕާޓީއެއްގެ ވެރިކަމަށް ފާޑު ވިދާޅުވެ ގާނޫނުގެ ހުކޫމަތު ހިންގުމަށާއި ރައްޔިތުންނަށް މިނިވަންކަން ދިނުމަށާއި އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފަ އެވެ. އެ ތަގުރީރު ވެގެންގޮސްފައިވަނީ ސީޝެލްސްގައި ސިޔާސީ އަދި މަދަނީ މިނިވަންކަމާއި ޑިމޮކްރަސީ ގެނައުމަށް ދޮރު ހުޅުވިގެންދިޔަ ވަރުގަދަ ތަގްރީރަކަށެވެ.

މިތަގުރީރަށް ފަހު ރާމްކަލާވަން ސީޝެލްސްގެ އެއްވެސް ޓީވީ އެއްގައި ތަގުރީރުކުރުން މަނާ ކުރި އެވެ. ސީޝެލްސްގެ ސަރުކާރުގެ މި ނިންމުން ވެގެންގޮސްފައިވަނީ އޭނާ ސިޔާސީ ކަންކަމުގެ ތެރެއަށް އިތުރަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބަކަށެވެ.

ސީޝެލްގެ އިދިކޮޅު ފަރާތްތައް ކަމުގައިވާ ރޮޖާ މެންޗީނީ އަދި ޖީން ފްރާންސުއާ ފެރާރީ ގުޅިގެން ސިއްރުން 1991 ގައި ޕާޓީ ސެސެލްވާ އުފައްދަވައި އެ ޕާޓީގެ ލީޑަރަކަށް ރާމްކަލާވަން ވެވަޑައިގަތެވެ. ސީޝެލްސް ގައި އައު ގާނޫނުއަސާސީއެއް 1993 ގައި އެކުލަވާލުމާ އެކު ޕާޓީ ސެސެލްވާއާ އެކު އިތުރު ދެ ޕާޓީ ބައިވެރިވެގެން ޔުނައިޓެޑް އޮޕޮޒިޝަން ޕާޓީ އުފައްދަވައި އެ އަހަރުގެ އާންމު އިންތިހާބުގައި ރާމްކަލާވަންގެ ޕާޓީން ވާދަކުރި އެވެ. އެ އިންތިހާބުގައި 9 ޕަސެންޓް ހޯދައި ނެޝަނަލް އެސެމްބްލީން އެންމެ ގޮނޑިއެއް ކަށަވަރުކޮށް ރާމްކަލާވަން ނެޝަނަލް އެސެމްބްލީއަށް ފުރަތަމަ ފަހަރަށް ވަޑައިގަތެވެ.

ސީޝެލްސްގެ އާންމު އިންތިހާބުގައި 1998 ގައި ޔުނައިޓެޑް އޮޕޮޒިޝަން ބައިވެރިވެ 27 ޕަސެންޓް ވޯޓް ހޯދައި އެސެމްބްލީގެ ތިން ގޮނޑި ހޯދިއިރު ރާމްކަލާވަން ވަނީ އޭނާގެ ދާއިރާ ކަމުގައިވާ ސެއިންޓް ލުއިސް އިން އެ ޕާޓީއަށް ފުރަތަމަ ފަހަރަށް ގޮނޑި ހޯއްދަވާ ދެއްވާފަ އެވެ. ސީޝެލްސްގެ އެންމެ ބޮޑު ދާއިރާ ކަމުގައިވާ އަންސޭ އެޓުއާގެ ގޮނޑިއަށް ވަޑައިގަތުމާ ހަމައަށް އޭނާ ވަނީ ކުރީގެ ގޮނޑީގައި ހުންނަވާފަ އެވެ.

ސީޝެލްސްގައި އިންތިހާބްކޮށްފައިވާ އިދިކޮޅު ލީޑަރުގެ މަގާމު ރާމްކަލާވަން 2011 ގައި ދޫކޮށްލެއްވީ އޭނާގެ ޕާޓީން އާންމު އިންތިހާބު ބޮއިކޮޓްކޮށް، އިސްލާހީ މަސައްކަތަށް މަގުފަހި ކުރުމުގެ ތެރެއިންނެވެ. އަދި 2016 ގައި ބޭއްވުނު އާންމު އިންތިހާބުގައި އައުލަބިއްޔަތު ހޯއްދަވާ އަލުން އިދިކޮޅު ލީޑަރުގެ ގޮތުގައި ޕާލިމަންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.

ސީޝެލްސްގެ ރިޔާސީ އިންތިހާބުގައި 2015 ގައި އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވަޑައިގެން ރާމްކަލާވަން ވާދަކުރައްވައި އެންމެ ޕަސެންޓެއްގެ ތަފާތުން ބަލިވެވަޑައިގަތެވެ. ނަމަވެސް 2020ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ރާމްކަލާވަން ވަނީ ސީޝެލްގެ ރައީސް ކަމަށް ވަޑައިގެންފަ އެވެ.

ސީޝެލްސްގައި ޑިމޮކްރަސީ ގާއިމުކުރުވައި ޕޭން އެފްރިކަން ޕާލިމަންޓް އަދި ސަދަން އެފްރިކަން ޑިވެލޮޕްމަންޓް ޕާލިމަންޓްރީ ފޯރަމަށް ސީޝެލްސްގެ ޕާލިމަންޓްރީ ވަފްދުގައި އިސްކޮށް ވަޑައިގެން ޑިމޮކްރަޓައިޒޭޝަން، ގަވާނަންސް އަދި ހިއުމަން ރައިޓްސް ކޮމިޓީގެ ރިޔާސަތު ރާމްކަލާވަން ބެލަހައްޓަވާފައިވެ އެވެ. އަދި ހަމަ ރާމްކަލާވަން ވަނީ ސީޝެލްސްގެ ގާނޫނު ހަދާ އެސެމްބްލީގައި ނެޝަނަލް ރިކޮންސިލިއޭޝަން ކޮމިޓީ، ޑިފެންސް އެންޑް ސެކިއުރިޓީ ކޮމިޓީ، އައިލެންޑްސް ކޮމިޓީ އަދި ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓަވާފަ އެވެ.