ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)

އެސްސީއޯގެ ސަމިޓް ނިއުދިއްލީގައި ބާއްވައިފި

ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ މެންބަރު ގައުމުތަކުން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ވާޗުއަލް ސަމިޓްގައި އެ ޖަމާއަތުގެ ނިއު ދިއްލީ ގަރާރު ފާސްކޮށްފި އެވެ.

އެސްސީއޯ އިން އިއްޔެ ފާސްކުރި ގަރާރު އަމާޒު ކޮށްފައިވަނީ މަލްޓިލޭޓްރަލިޒަމް ވަރުގަދަ ކުރުމަށާއި އަދި ޓެރަރިޒަމް އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ މައްޗަށެވެ.

ޔޫރޭޝިއާގެ ލީޑަރުން ވަނީ ދުނިޔޭގައި ދެމިގެންދާ އޮއިވަރުގެ ތެރޭގައި މި ޖަމާއަތުގެ މެދުގައި މެންބަރު ހުރިހާ ގައުމުތަކަށްވެސް ކާމިޔާބުވާ ގޮތަށް ކަންކަން ކުރުން ވަރުގަދަކުރުމަށް ގޮވާލާފަ އެވެ.

އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ވާޗުއަލްކޮށް ބޭއްވުނު އެސްސީއޯގެ ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ގުޅިގެން ނެރުނު ގަރާރު ފާސްކޮށްފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވަޓްރާ ވަނީ އިއުލާން ކުރައްވާފަ އެވެ.

އެސްސީއޯގެ މި ގަރާރުގައި އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ކަންކަމާއި ދެކޮޅަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމާއި ޑިޖިޓަލް ދާއިރާގައި ތަރައްގީވަމުން އަންނަ ކަންކަމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ. އެސްސީއޯ އިން ވަނީ ޔޫރޭޝިއަން ސަރަހައްދުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް މެންބަރު ހުރިހާ ގައުމުތަކަށް އެއްބަސްވެވޭ 10 ގަރާރެއްވެސް މި ސަމިޓް ގައި ފާސްކޮށްފަ އެވެ.

ސަމިޓް ހުޅުވުމަށް ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެދިވަޑައިގެންފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް ހުއްޓުވުމަށާއި ޓެރަރިސްޓުންގެ ހާއްޔަކަށް ވެފައިވާ ތަންތަން ނައްތާލުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރުމަށެވެ.

"ބައެއް ގައުމުތަކުން ބޯޑަރު ހުރަސްކޮށް ޓެރަރިޒަމްގެ އަމަލު ހިންގުމާއި އަދި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދިނުން އެއީ ސިޔާސަތެއް. އެސްސީއޯ އިން އެކަމާއި ދެކޮޅު ހެދުމަށް ޖެހިލުންވެގެން ނުވާނެ. ޓެރަރިޒަމްގެ އަމަލުތަކާމެދު ދެފުށް ދެގޮތް ވެގެން ނުވާނެ،" މޯދީ ވިދާޅުވެފައިވެ އެވެ.

އެސްސީއޯގެ ދެން އަންނަ ރިޔާސަތާއި މިއަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުވާނީ ކަޒަކްސްތާން އިންނެވެ.

ރަޝިއާގެ ރައީސް ޕުޓިން ސަމިޓްގައި ވިދާޅުވެފައިވަނީ އެގައުމަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރު ތަހައްމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ރަޝިއާ އާއި ޗައިނާގެ ވިޔަފާރިއާއި އިގްތިސޯދީ ގުޅުމަކީ ހުޅަނގުގެ ގަދަބާރު އޮބަހެއްޓުމުގެ ރަމްޒެއް ކަމަށެވެ.

އިރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ ބޮޑުތަނުން ޑޮލަރުގެ މުއާމަލާތު ނައްތާލުމަށް ގޮވާލައްވާފަ އެވެ. އަދި އެސްސީއޯގެ މެންބަރުންގެ މެދުގައި ގުޅުން ވަރުގަދަ ކުރުމަށް ވެސް ރައީސީ ވަނީ ގޮވާލައްވާފަ އެވެ. ރައީސީ ވިދާޅުވެފައިވަނީ އެސްސީއޯ އަކީ ބޮޑެތި ހަޟޯރަތްތަކުގެ ބިޔަ އާއިލާއެއް ކަމަށް ސިފަކުރައްވާފަ އެވެ.

ޗައިނާގެ ރައިސް ޝީ ޖިންޕިން ވަނީ މެންބަރު ގައުމުތަކުން އެއްބައިވެގެން މަސައްކަތް ކުރުމުގެ މުހިއްމުކަމާއި އަދި ގުޅިގެން މެންބަރު ގައުމުތަކަށް ކާމިޔާބުވާ ގޮތަށް މަސައްކަތް ކުރުމަށް ގޮވާލަފަ އެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް އަށް ވެސް ވަނީ ދައުވަތު އަރުވާފަ އެވެ.

ދުނިޔެ އިން ގުޅިގެން މަސައްކަތް ކުރަންޖެހޭއިރު، ބައިބައިވުން ދަނީ އިތުރުވަމުން ކަމަށާއި އަދި ޖިއޯޕޮލިޓިކަލް މައްސަލަތަކުގެ ކޯޅުންތައް ދަނީ ބޮޑުވަމުން އެންޓޯނިއޯ ވިދާޅުވެފައިވެ އެވެ.

އެސްސީއޯގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައިވާ ރަޝިއާ، ޗައިނާ، އިންޑިއާ އަދި އިރާން ފަދަ ގައުމުތައް ހިމެނެ އެވެ. ތުރުކީ އާއި ސައުތް އެފްރިކާ އަދި ބްރެޒިލް މިޖަމާއަތާ ގާތް ގުޅުންތަކެއް ބާއްވަ އެވެ އެވެ. އެސްސީއޯ ދުނިޔޭގެ އިރުމަތީ ބިތުގެ އެންމެ ބާރުގަދަ ޖަމާއަތަށް ވަމުން އަންނައިރު އެ ސަރަހައްދުގެ އާބާދީ އަކީ ދުނިޔޭގެ 42 އިންސައްތައަށް ވާއިރު ދުނިޔޭގެ ޖީޑީޕީގެ 25 އިންސައްތަ ހިއްސާ ކުރަނީ ވެސް އެސްސީއޯގެ ގައުމުތަކުންނެވެ.