ސީރިއާގައި ތިބި އީރާންގެ ރައްޔިތުންނާއި ޑިޕްލޮމެޓިކް މުވައްޒަފުން އަދި ސިފައިން އެ ގައުމު ދޫކޮށް ފޭބުމަށް އަންގައިފި އެވެ.
ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުން އީރާންގެ މި އަމުރުން ދޭހަވަނީ، ސީރިއާގައި މިހާރު އޮތް ހާލަތުގެ ސަބަބުން އީރާނަށް ވެސް ނުރައްކާ އޮތް ކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން ސީރިއާގެ މުހިންމު އަވަށްތަކަަށް ބާރުގަދަކޮށް ދެން އޮތް މަރުހަލާތަކުގައި ވެރިރަށް ދިމިޝްގަށް މިސްރާބުޖަހާނެ އެވެ.
ހައެއަތު ތަހުރީރުއް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އައްޖުލާނީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި، ވެރިރަށް ދިމިޝްގު ހިފާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އީރާންގެ ރިވޮލޫޝަނަރީ ގާޑް ކޯޕްސްގެ ސިފައިން ސީރިއާ ދޫކޮށް ބައެއް ފައުޖުތައް އީރާގަށާއި ލުބްނާނަށް މިހާރު ހިނގައްޖެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ ހުސްކޮށް މުވައްޒަވުން ތެހެރާނަށް އުފުލުމަށްޓަކައި މަތިންދާބޯޓުތައް ހަރަކާތްތެރިވާ ކަމަށް ވެސް ނިއުޔޯކްޓައިމްސްއިން ބުންޏެވެ. ނަމަވެސް، އެމްބަސީ ހުސްކުރުމާ މެދު އީރާނުން އަދި ވަކިގޮތެއް ނުނިންމަ އެވެ.
ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން ހަލަބަށް ހަމަލާދިނުމަށް ފަހު އަސަދު ސަރުކާރަށް ވަފާތެރި ސިފައިން ވަނީ ފައްސާލާފަ އެވެ. އަދި ހަލަބްގެ އިތުރުން އިދުލީބާއި ހަމާތަށް ވެސް ހަނގުރާމަވެރިން ވަނީ އަތްގަދަކޮށްފަ އެވެ.
ހަނގުރާމަވެރިންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް އުރުދުންއިން ވެސް މިހާރު ވަނީ ފިޔަވަޅުއަޅާފަ އެވެ. މި ގޮތުން ދެ ގައުމު ގުޅޭ ބޯޑަރު ވަނީ އުރުދުންގެ ރައްޔިތުން ނޫން މީހުންނަށް ބަންދުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން މިހާރު ވަނީ ސީރިއާގެ ވަރަށް ބޮޑު ބައެއް ހިސާރުކޮށްފަ އެވެ. ހަނގުރާމަވެރިން މިހާރު މަސައްކަތްކުރަނީ ސީރީއާގެ މައި ބަނދަރުތައް ހިފުމަށް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ރަޝިއާގެ އެހީގައި ހަނގުރާމަވެރިން ފައްސާލުމުގައި އަސަދު ސަރުކާރަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ރަޝިއާ އާއި ޗައިނާއިން އަސަދަށް އެހީތެރިވެދިން ނަމަވެސް، އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ހަނގުރާމަވެރިން ބުންޏެވެ.
ސީރިއާގެ އަހުލީ ހަނގުރާމަ 2011 ގައި ފެށުނީއްސުރެ ރަޝިއާ އޮތީ ސީރިއާ ކޮޅުގަ އެވެ. އަދި އިދިކޮޅު ހަނގުރާމަވެރިން ސީރިއާއަށް ދިން ވަރުގަ ހަމަލާތައް މައިތިރިކޮށް -- އަސަދުގެ ސަރުކާރު ދެމެހެއްޓުމުގައި ރަޝިއާ ވަނީ ވަރަށް ފުޅާ ދައުރެއް އަދާކޮށްފަ އެވެ.