ސީރިއާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް މިދިޔަ ބުދަދުވަހު އިދިކޮޅު ހަނގުމާވެރިން ވަދެގަނެ ދިން ކުއްލި ހަމަލާތަކުގައި، އަސަދު ސަރުކާރަށް ވަރަށް ބޮޑު ގެއްލުތަކެއް ވަނީ ލިބިފަ އެވެ.
ސީރިއާ މިނިވަންކުރުމުގެ ނިޔަތުގައި ހަނގުރާމަކުރާ ޖަމާއަތެއް ކަމަށްވާ "ހައެއަތު ތަހުރީރުއް ޝާމް" -- މިއީ ކުރިން ޖަބުހަތުއް ނުޝްރާ -- އަށް ނިސްބަތްވާ ހަނގުރާމަވެރިން ހަލަބަށް ހަމަލާދީ، އަސަދު ސަރުކާރަށް ވަފާތެރި އެތައް ބަޔަކު ވަނީ މަރާފަ އެވެ.
ދައުލަތުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ސިފައިންގެ ތެރެއިން އެތައް ބަޔަކު ވަނީ ވީނުވީ ތަނެއް ނޭނގި ގެއްލިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަލަބްގެ އިތުރުން އިދުލީބާއި ހަމާތަށް ވެސް ހަނގުރާމަވެރިން ވަނީ އަތްގަދަކޮށްފަ އެވެ.
ރަޝިއާގެ ފައިޓަރު ޖެޓުތަކުގެ އެހީގައި ސީރިއާ ސަރުކާރުގެ ސިފައިން ދިން ރައްދު ހަމަލާތަކުގައި ހަނގުރާމަވެރިންނަށް ލޮޅުންއެރި ނަމަވެސް، މުޅި ތަން އަދި ސާފެއް ނުވެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ސީރިއާ ސަރުކާރުގެ ކޮންޓްރޯލް ކުރިން އޮތް ބައެއް އެއާޕޯޓްތަކާއި އިމާރާތްތައް މިހާރު އޮތީ ހަނގުރާމަވެރިންގެ އަތްދަށުގަ އެވެ.
ސީރިއާއަށް ޖެހުނު މި ހާލަތާ މެދު ހިތާމަކުރާކަން ފާޅުކުރައްވައި، ޗައިނާ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވަނީ ސީރިއާއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ސީރިއާ އަކީ ޗައިނާގެ އެކުވެރިއެކެވެ. އެކުވެރިންނަށް އެހީތެރިވުމާއި ގާތްކަން ދެމެހެއްޓުމަކީ ޗައިނާއިން ފުއްދާނެ ވައުދެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާގެ އިތުރުން ރަޝިއާ ވެސް ވަނީ ސީރިއާއާ އެކު އޮތްކަން ހާމަކޮށްފަ އެވެ. އަދި ހަނގުރާމަވެރިން ފައްސާލުމަށް ފުޅާ އޮޕަރޭޝާނެއް ހިންގާނެ ކަމަށް ބުނެފަ އެވެ.
ސީރިއާގެ އަހުލީ ހަގުރާމަ 2011 ގައި ފެށުނީއްސުރެ ރަޝިއާ އޮތީ ސީރިއާ ކޮޅުގަ އެވެ. އަދި އިދިކޮޅު ހަނގުރާމަވެރިން ސީރިއާއަށް ދިން ވަރުގަ ހަމަލާތައް މައިތިރިކޮށް -- އަސަދުގެ ސަރުކާރު ދެމެހެއްޓުމުގައި ރަޝިއާ ވަނީ ވަރަށް ފުޅާ ދައުރެއް އަދާކޮށްފަ އެވެ.