ދުނިޔެ

ޗައިނާގެ ރައީސް ކަޒަކިސްތާނަށާއި ތަޖިކިސްތާނަށް

ޗައިނާގެ ރައީސް ޝީ ޖިންޕިން ކަޒަކިސްތާނަށާއި ތަޖިކިސްތާނަށް ވަޑައިގަންނަވަނީ އެވެ. މި ދަތުރުގައި އޭނާ ޖުލައި 2 އިން 6 އަށް ގައުމުން ބޭރުގައި ހޭދަކުރައްވާނެ އެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވި ގޮތުން ޝީގެ މި ދަތުރުގައި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުން އޮންނާނީ ކަޒަކިސްތާންގެ ވެރިރަށް އާސްތާނާ ގައެވެ.

ޝީ ޖިންޕިން ކަޒަކިސްތާނަށާއި ތަޖިކިސްތާނަށް ކުރައްވާ މި ދަތުރަކީ، ތަރުޖަމާން ވިދާޅުވި ގޮތުގައި ރަސްމީ ދަތުރެކެވެ. އެހެންކަމުން މި ދެ ގައުމުގެ ވެރިންނާ އެކު ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ.

ޗައިނާގެ ވިސްނުމަކީ އިގުތިސާދީ ގޮތުން ގައުމުތައް ގުޅާލުމެވެ. ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ތެރެއިން ގުޅުން ބަދަހިކުރުމާއި ސުލްހަވެރި އަދި އަމާން ދުނިޔެއެއް ގާއިމުކުރުމަކީ ޗައިނާގެ އުއްމީދެކެވެ.

މި އަހަރުގެ މެއި މަހު ޗައިނާގައި އޮތް މަޝްވަރާ ބައްދަލުވުންތަކެއްގައި، އިގުތިސާދީ ގޮތުން ދުނިޔެ އެކަތިގަނޑަކަށް ވުމަށް ޝީ ގޮވާލެއްވި އެވެ.

ޗައިނާއާ އެކު ވިޔަފާރި ބައިވެރިންގެ ގޮތުގައި ތިބި ގައުމަތަކުން އިންސާނުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވެސް ޝީ އެދިވަޑައިގެންނެވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ވިސްނުމަކީ އަސްކަރީ އަދި އިގުތިސާދީ ލީޑަރެއްގެ ގޮތުގައި ގައުމުތަކަށް މަގުދެއްކުމެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ހުރި ނުތަނަވަސްކަން ދޫކޮށްލައި އެއްބާރުލުމުގެ ތެރެއިން އަދި މަޝްވަރާކޮށްގެން ތިލަފަތް ހަމަ ގުޅުންތަކެއް ގާއިމުކުރުމަށް ވެސް ޗައިނާ ބާރުއަޅަ އެވެ.

އެމެރިކާއާއި ޔޫރަޕުން ޗައިނާއަށް ދަތިކުރަން ކުރާ މަސައްކަތަކުން ސަލާމަތްވުމަށް އެ ގައުމަށް ވެސް އޮތް އެންމެ ރަނގަޅު އަދި ފައިދާ ބޮޑު ގޮތަކީ ހުޅަނގާ ދުރު ގައުމުތަކުގެ ރުހުން ހޯދުމެވެ.

ޔުކްރޭން ހަނގުރާމައިގެ ސަަބަބުން ރަޝިއާއަށް ފޯރާފައި އޮތް ދަތިތަކަށް އެހީތެރިވުމަށްވެސް ކަޒަކިސްތާނާއި ތަޖިކިސްތާންގެ ބައިވެރިވުން ޗައިނާއަށް މުހިއްމެވެ.