ދުނިޔެ

މޮސްކޯ މަޝްވަރާގައި ތާލިބާނުން ބައިވެރިވާނެ: ރަޝިއާ

އަފްޣާނިސްތާނާ ބެހޭ ގޮތުން މޮސްކޯގައި ބާއްވާ މަޝްވަރާ ސެޝަނެއްގައި ބައިވެރިވުމަށް ތާލިބާނުންގެ ވަފުދެއް 20 އޮކްޓޯބަރުގައި ރަޝިއާއަށް ދާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޔޫރޭޝިއަން ވިމެންސް ފޯރަމްގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަހަރޯފާ ވިދާޅުވި ގޮތުގައި ތާލިބާނުންގެ ބޮޑު ވަފުދެއް އަންނަ ހަފުތާގައި މޮސްކޯއަށް ދާނެ އެވެ.

އަފްޣާން-މޮސްކޯ މަޝްވަރާ ބައްދަލުވުންތައް 2017 އިން ފެށިގެން ސެޝަންތަކެއް ގޮތުގައި ގެންދަނީ ބާއްވަމުންނެވެ. އަފްޣާނިސްތާނާއި ޗައިނާ، ޕާސިކްތާނާއި އިރާން އަދި އިންޑިއާ ހިމެނޭ ގޮތުން މި މަޝްވަރާތައް 2018 ގައި ވެސް ވަނީ ބާއްވާފަ އެވެ.

ތަރުޖަމާން ވިދާޅުވީ ރަޝިއާގެ އުންމީދަކީ އަފްޣާނިސްތާނުން ދާއިޝް / އައިސިސް ފަދަ ޓެރަރިސްޓް ގުރޫޕްތައް ނައްތާލުން ކަމަށެވެ. އަދި މިފަދަ ޓެރަރިސްޓް ގުރޫޕްތަކުގެ ކިބައިން ބޭރު ބައެއްގެ އެހީތެރިކަމާ ނުލައި އަަފްޣާނަށް ސަލާމަތް ވެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މާރިއާ ޒަހަރޯފާ ވިދާޅުވި ގޮތުގައި ޖީ20 ބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ އަފްޣާންގައި ތާލިބާނުން އެކުލަވާލާ ސަރުކާރަކީ ބައިމަދު ގުރޫޕްތައް ޝާމިލްވާ ސަރުކާރަކަށް ހެދުމެވެ. އެނޫން ގޮތެއްގައި އަފްޣާންގައި ސުލްހަ ގާއިމު ކުރަން ދަތިވާނެ ކަމަށް ގައުމުތަކުން ގަބޫލުކުރެ އެވެ.

އެމެރިކާ ސިފައިން އަފްޣާންގައި 20 އަހަރު ހޭދަ ކުރުމަށް ފައިބައިގެން ދިއުމުން އެ ގައުމު މިހާރު އޮތީ ހަލާކުވެފަ އެވެ. ސަރުކާރުން ހިނގުމުން ފެށިގެން ތައުލީމީ އަދި ސިއްހީ ނިޒާމު ވެސް އޮތީ ފޭލިވެފަ އެވެ.

އދ. ގެ ގުނަވަންތަކުން ބުނާ ގޮތުން އެންމެ ބޮޑު ރިހުމަކަށް ވާނީ ތައުލީމާއި ސިއްހަތު ހަމައަކަށް އެޅުވުމެވެ. އަފްޣާނުން ފިލައިގެން ގޮސް އެހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ވަންނަ މީހުންގެ އުނދަގޫ އަވައްޓެރި ގައުމުތަކަށް ބޮޑުވާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

މާރިއާ ޒަހަރޯފާ ވިދާޅުވީ އަފްޣާން - މޮސްކޯ ބައްދަލުވުމުގައި އިގްތިސޯދާއި ރެފިއުޖީން އަދި ޓޭރަރިޒަމާ ބެހޭ ގޮތުން ވަރަށް ފުންކޮށް މަޝްވަރާކުރެވޭނެ ކަމަށެވެ.