ދުނިޔެ

ލަވްރޯފް ޕާކިސްތާންގައި، ވެރިންނާ ބައްދަލު ކުރައްވާނެ

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ޕާކިސްތާނަށް ވަޑައިގެންފި އެވެ. ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަހަރޯފާ ވިދާޅުވި ގޮތުން ޕާކިސްތާންގައި ވަޒީރު ދެދުވަހު މަޑުކުރައްވާނެ އެވެ.

ލަވްރޯފްއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގްރައިޝީ އެވެ. ރަޝިއާގެ ފޮރިން މިނިސްޓަރަކު ޕާކިސްތާނަށް އެންމެ ފަހުން ޒިޔާރަތްކުރެއްވި ކަމަށް ވަނީ 2012 ވަނަ އަހަރު އެވެ.

ރަޝިއާ ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގައި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާންއާ ބައްދަލުކުރައްވާނެ އެވެ. އަދި ސިފައިންގެ ވެރިޔާ ގަމަރު ޖާވިދު ބަޖްވާއާ ވެސް ބައްދަލުކުރައްވާނެ އެވެ.

ޕާކިސްތާންއާ ރަޝިއާ މަޝްވަރާކުރާނެ ކަމަށް ބެލެވޭ މައުލޫތަކުގެ ތެރޭގައި އަފްގާނިސްތާން ހިމެނެ އެވެ. އަދި އަފްގާން މަޝްވަރާގައި އިންޑިއާ ބައިވެރިކުރުމަކީ ވެސް އޮތް ނިޔަތެކެވެ.
ޕާކިސްތާންއާ ރަޝިއާ އަކީ ދިފާއީ އެއްބާރުލުމުގައި ވެސް ވަރަށް ގާތް ދެގައުމެވެ. ތެލުގެ ވިފާރިގައި ދެގަމުން ހިއްސާވުމަކީ ވެސް ބަހުސަށް އޮތް މައުލޫއެކެވެ.

ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވި ގޮތުން ރަޝިއާއަކީ ދޫކޮށްލެން ނެތް ބައިވެރިއެކެވެ. އެހެންކަމުން ލަވްރޯފްއާ މެދު މުއާމަލާތްކުރެވޭނީ އަމިއްލަ ބޭފުޅެއް ގޮތުގަ އެވެ. ލަވްރޯފް އަށް ޕާކިސްތާނުން ވަރަށް ޚާއްސަ މެހްމާންދާރީއެއް އަދާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލަވްރޯފްގެ މިދަތުރުފުޅުގައި ޗައިނާ، ޕާކިސްތާން އަދި ރަޝިއާ ގުޅިގެން ސަރަހައްދީ ބާރެއް އުފެއްދުމާ ބެހޭ ގޮތުން އަލިއަޅުއްވާލައްވާނެ އެވެ.