ދުނިޔެ

ރަޝިއާ ފްލައިޓްތަކުގައި އަފްޣާނުން މީހުން ބޭރުކުރަނީ

ރަޝިއާއިން 200 މީހުން އަފްޣާނުން ބޭރު ކޮށްފި އެވެ. އޭގެ ތެރޭގައި އަފްޣާންގައި ތާށިވެފައި ތިބި ބޭރު ގައުމުތަކުގެ މީހުންނާއި ރަޝިއާ މީހުން ހިމެނެ އެވެ.

އަފްޣާނުން މީހުން ބޭރުކުރަން ރަޝިއާއިން ޚާއްސަ ފްލައިޓްތަކެއް ހަމަޖައްސައި، ފުރުސަތު ދިން ގައުމުތަކުގެ ތެރޭގައި ރަޝިއާގެ އިތުރުން ކީރްގިސްތާން ހިމެނެ އެވެ. އަދި ދަތުރު ކުރާނެ ގޮތެއް ނެތި އަމިއްލަ ގައުމުގައި ތާށިވެފައި ތިބި، ރަޝިއާ ޔުނިވާސިޓީތަކުގައި ކިޔަވާ އަފްޣާން ދަރިވަރުން ހިމެނެ އެވެ.

އިޓަފެކްސް ޚަބަރު އޭޖެންސީ ބުނާ ގޮތުން އަފްޣާނުން މީހުން ބޭރުކުރުމުގެ މަސައްކަތަކީ ޑިފެންސް މިނިސްޓްރީން ރާވައިގެން ހިންގި ކަމެކެވެ. އެއީ އަފްޣާންގައި ހުންނަ ރަޝިއާ އެމްނބަސީއަށް ލިބިފައި ހުރި ރިކްއެސްޓްތަކަށް އިންތިޒާމްކުރި ފްލައިޓްތަކެކެވެ.

ޚަބަރުތައް ބުނާ ގޮތުން އަފްޣާނުން ބޭރުން ވާން އެދޭ ބަޔަކު ތިބިތޯ ބެލުމަށް ރައީސް ޕޫޓިން ވެސް ވަނީ ޑިފެންސަށް އަންގާފަ އެވެ. އަދި މީހުން ބޭރު ކުރުމަށް ރަޝިއާ އެމްބަސީއާ ތާލިބާނުންނާ މަޝްވަރާ ކުރަން ވެސް އޮތީ އެދިވަޑައިގެންފަ އެވެ.

ތާލިބަނުން އަފްޣާނަށް ވެރިވެގަތްް ފަހުން އެގައުމުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް ޚަބަރުތައް ބުނެ އެވެ. އިންސާނީ އެހީތެރި ކަމަށް ޖެހިފައި ތިބި މީހުން، އޭގެ ތެރޭގއި އަންހެނުންނާއި ކުޑަކުދިން ކަންބޮޑުވާ ވަރަށް ވަނީ އިތުރުވެފަ އެވެ.

އަފްޣާނަށް އެހީތެރިވުމަށް ރަޝިއާ އާއި ޗައިނާ އަދި ތުރުކީ ގެންދަނީ ތާލިބާނުންނާ ވާހަކަ ދައްކަމުންނެވެ. އަދި މެދުނުކެނޑި ޕާކިސްތާން ތެރެއިން ކާބޯތަަކެތި އަފްޣާނަށް ފޮނުވޭމެ އިންތިޒާމް ގާއިމު ކުރުމަށް ތުރުއީއާ ޕާކިސްތާނުން ވަނީ މަޝްވަރާ ކޮށްފަ އެވެ.